ލައިފްސްޓައިލް

ވެނެޒުއޭލާގެ ބީޗަކަށް ރަނާ ރިހީގެ ގަހަނާތަކެއް ލައްގަނީ

ދެހާސް ވިހި ވަނަ އަހަރަކީ ހަމަ ޔަގީނުން ވެސް ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ގޮތް ނޭނގޭ އަޖައިބުން ފުރިފައިވާ ހާދިސާތައް އެންމެ ގިނަ އަހަރަށް ވާނެކަން ޔަގީނެވެ. މިފަދަ އެއް ހާދިސާއަކީ ވެނެޒުއޭލާގެ ގުއާސާ ކިޔާ ރަށެއްގައި މި ހަފުތާގައި ހިނގައިގެން އުޅޭ ހާދިސާ އެކެވެ.

ގުއާސާގެ މަސްވެރިން ދިރިއުޅޭ ކުޑަ އަވަށެއްގެ ގޮނޑުދޮށަށް ރަނާއި ރިހީގެ ގަހަނާތަކެއް ދަނީ ލައްގަމުންނެވެ. އެއީ ކިހިނެއް ކޮންތާކުން އައި އެއްޗެއް ކަމެއް ބުނާކަށް އެކަކަށް ވެސް ނޭނގެ އެވެ. މި ޚަބަރު އަޑުއަހާފައި ދުނިޔޭގެ އެންމެން ހައިރާން ވެގެން އުޅޭއިރު ފަގީރުން ގިނަ މި އަވަށުގެ މީހުން އުފަލުން ފޮޅެނީ އެވެ.

މި ރަށުގެ ގޮނޑުދޮށަށް ގަހަނާ ލައްގަމުން ދަނީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށީގެންނެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ރަނާއި ރިހީގެ އެތައް ސަތޭކަ ގަހަނާއެއް މި ގޮނޑުދޮށުން މީހުން ދަނީ ހޮވަމުންނެވެ.

އިނގިރޭސި ވިލާތުގެ ނޫހަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެންމެ ފުރަތަމަ ގޮނޑޫދޮށުން ގަހަނާ ފެނުނީ ޔޮލްމަން ލަރެސް ކިޔާ 25 އަހަރުގެ ޒުވާނަކަށެވެ. ސެޕްޓެމްބަރު މަހު އޭނާއަށް ފުރަތަމަ ފެނުނު ގަހަނާއަކީ ރަން ފައުނެކެވެ. އޭގައި އިންސާނެއްގެ ސޫރަ ބިންވަޅު ނަގާފައި ހުއްޓެވެ.

"އަހަރެންނަށް އެ ފެނުނީމަ ނަގާފަ އެއީ ރަން ކަން އެނގުމުން އުފަލުން ގޮސް ތުރުތުރުއަޅަން ފެށި. އަދި ވީ އުފަލުން އަހަންނަށް ރޮވުނު. މިއީ އަހަރެންގެ ހަޔާތުގައި ވެސް މިހާ ޚާއްސަ ކަމެއް ދިމާވި ފުރަތަމަ ފަހަރު،" ދަ ނިއު ޔޯކް ޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި ލާރިސް ބުންޏެވެ.

މަސް ޕްލާންޓެއްގައި މަސައްކަތްކުރާ މި ޒުވާނާ ބުނި ގޮތުގައި މިއީ ﷲ ގެ ކުޅަދުންވަންތަ ކަމެވެ. އެނޫން އެހެން އެއްވެސް ކަމެއް މީގައިވާ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ.

ލާރެސް އަވަހަށް މި ރަން ފައުނު ހިފައިގެން ގޮސް އޭނާޣެ ބަފާކަލޭގެ ކައިރީގައި މި ވާހަކަ ބުންޏެވެ. އިސާހިތަކު މުޅި އަވަށަށް މި ޚަބަރު ފެތުރި އަވަށުގެ 2000 އެއްހާ މީހުން ގޮނޑުދޮށަށް ފައިބައި ރަނާއި ރިހީގެ ގަހަނާ ހޯދަން މަސައްކަތް ފެށި އެވެ. ގޮނޑުދޮށުގެ ހުރިހާ ސަރަހައްދެއް އަތްފުނާއަޅައި ބަލަން ފެށި އެވެ. މީގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ތަފާތު އެކި ކަހަލަ ގަހަނާތައް ފެނުނުކަމަށް ބުނެފައި ވެއެވެ.

އޭގެ ތެރެއިން އެކަކަށް ފެނުނީ ރަން އަނގޮޓީއެކެވެ. އެ އަނގޮޓި ވިއްކާލައިގެން އޭނާއަށް 1500 ޑޮލަރު ލިބުނު ކަމަށް އޭނާ ބުންޏެވެ.
މި ގަހަނާތައް އައީ ކޮން ތާކުން ކަމެއް ބުނާކަށް އަދި އެކަކަށް ވެސް ނޭނގެ އެވެ. މުއުޒުޖިޒާތެއް ފަދަ ގޮތަކަށް ގޮނޑުދޮށަށް ލެއްގި ގަހަނާތައް ވެގެން ގޮސްފައިވަނި ކޮވިޑްގެ ސަބަބުން އިގްތިސާދު ދަށްވެ ފަގީރުހާލުގައި އުޅެމުންދާ މި އަވަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ރަހްމަތަކަށެވެ.

ގުއާސާ އޮންނަނީ ކެރިބިއަން ކަނޑުގަ އެވެ. މި ހިސާބުގައި ދިރިއުޅޭ މީހުންގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ.