ލައިފްސްޓައިލް

ހަ އަހަރު ކުއްޖަކު މަންމަގެ އެކައުންޓުން`16،000 ޑޮލަރުގެ ގޭމް ގަނެފި

ޓެކްނޮލޮޖީގެ މި ޒަމާނުގައި ދަރިންނަށް ޓެކްނޮލޮޖީގެ ހުރިހާ ވަސީލަތެއް ފޯރުކޮށްދީފައި ހުރުމަކީ ބައެއް ފަހަރަށް މައިންބަފައިންނަށް ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހޭ ކަމެކެވެ. އޮންލައިނުން އެއްޗެތި ގަނެ ވިއްކުމުގައި މަކަރު ހެދުމުގެ ކަންތައް އިންތިހާއަށް އޮތްއިރު ދަރިން ވެސް ބައެއް ފަހަރަށް މައިންބަފައިންނަށް އޮޅުވާލައި މަކަރު ހަދައިގެން އެމީހުންގެ އެކައުންޓްގައި ހުންނަ ފައިސާއަށް އެއްޗެތި ގަނެ ހަދަ އެވެ.
ބައެއް ކުދިން މި ކަހަލަ ކަންތައް ކުރަނީ ކޮންމެހެން މަކަރު ހަދައިގެން މައިންބަފައިންނަށް އޮޅުވާލާ ފައިދާތަކެއް ބޭކާރު ކުރުމުގެ މަގްސަދުގައެއް ނޫނެވެ. ޓެކްނޮލޮޖީއަށް އެމީހުން ފަރިތަކަމުން ގޮސް ކުރެވޭ ބައެއް ކަންތަކުން މައިންބަފައިންނަށް ގެއްލުން ބޮލުގައި އަޅަން ޖެހެނީ އެވެ.

ޖެސިކާ ޖޯންސަން ކިޔާ އަންހެނަކަށް މިހާރު ދިމާވެގެން އުޅެނީ މި ކަހަލަ މައްސަލަ އެކެވެ. އޭނާގެ އެކައުންޓުން 16،000 ޑޮލަރުގެ ފައިސާ އެޕަލްގެ އެކައުންޓަކުން ދައްކާފައި އިންކަން އެނގުމުން އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ.

އެހިސާބުން އޭނާ އެ މައްސަލަ އެޕަލް ކުންފުންޏާ ޖައްސައި ކަން ވިގޮތް ބެލިއިރު ކަމަކު ދާކަށް ނެތެވެ. އޭނާގެ އެކައުންޓުގައި ހުރި ފައިސާއިން އިން-އެޕް މެދުވެރިކޮށް އެޕަލް އެޕް ސްޓޯރުން ތަފާތު ގޭމްތައް ގަނެފައިވަނީ އޭނާގެ ހަ އަހަރުގެ ދަރިފުޅު ޖޯޖް ޖޯންސަން އެވެ.
ނިއު ޔޯކް ޕޯސްޓްގައިވާ މި ރިޕޯޓުގައިވާ ގޮތުން އޭނާގެ ހަ އަހަރުގެ ދަރިފުޅު ކުޅެން ދީފައި އޮތް އައިޕެޑުން އޭނާ އެޕަލް އެޕް ސްޓޯރަށް ވަދެ ޖެސިކާގެ އެކައުންޓު ނަންބަރު ޖަހައިގެން 16،000 ޑޮލަރުގެ ވިޔަފާރި ކޮށްފައިވާ ގޮތް ބަލާފައި އޭނާއަށް ލިބުނީ ޝޮކެކެވެ. އެ ކުއްޖާ އައިޕެޑް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުން ފެށިގެންނެވެ. އެގޮތުން އައިޕެޑުން ތަފާތު ގޭމްތައް ކުޅެމުން އެޔަށް އިތުރު ގޭމްތައް އަޅަންވެގެން މަންމަގެ އެކައުންޓް ނަންބަރު ޖަހައިގެން ގޭމް ގަތީ އެވެ. ޚުދް އެ ކުއްޖާއަށް ވެސް އޭނާއަށް މި ކުރެވުނީ ކީއްކަމެއް އަދި މީގެ ސަބަބުން ގެއްލިގެން ދަނީ ކިހާ ފައިސާއެއް ކަމެއް އިހްސާސެއް ނުވެ އެވެ.

ޖުލައި މަހު އެކަނިވެސް ޖެސިކާ އެކައުންޓުން 25 ފަހަރެއްގެ މަތިން ފައިސާ ކެނޑިފައި ވެއެވެ. އެހެންވެ އޭނާ ހީކުރީ އޮންލައިން ފްރޯޑެއް ކަމަށެވެ. އެހެންވެ އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ބަލަން ފެށީ އެވެ.

ކަން ހިނގާފައިވާ ގޮތް ބެލިއިރު އޭނާގެ އެކައުންޓުން އެއްވެސް މީޙަކު މަކަރު ހަދައިގެން ފައިސާ ނަގާފައެއް ނުވެ އެވެ. ފައިސާ ކަނޑާފައިވަނީ ހަމަ އޭނާ އެވެ. އަދި ހުރިހާ ފައިސާއެއް ގޮސްފައިވަނީ އެޕަލް އެޕް ސްޓޯރަށް ކަން އެނގުމުން އެ ކުންފުންޏާ މައްސަލަ ޖައްސައި އޭނާގެ އެކައުންޓުން ކަނޑާފައިވާ ފައިސާ އަނބުރާ ދޭން ޖެސިކާ އެދުނެވެ.

އެޕަލް ކުންފުނީގެ ގަވާއިދު ބުނާ ގޮތުން މައްސަލަ އުޅޭނަމަ ދެ މަސް ތެރޭގައި އެ މައްސަލައެއް ރިޕޯޓުކުރަން ޖެހެ އެވެ. އޭގެ ފަހުން ރިޕޯޓު ކުރިޔަސް މައްސަލަ ބަލައެއް ނުދޭނެ އެވެ. ޖެސިކާ އެކައުންޓުން ފައިސާ ކެނޑީ ޖުލައި މަހު ކަމަށް ވެފައި އޭނާ މައްސަލަ ޖެއްސިއިރު ދެ މަސް ދުވަސް ފާއިތުވެފައިވާތީ އެޕަލް ސްޓޯރުން އޭނާއަށް ރިފަންޑް ދޭން އަދި އެ މައްސަލަ ބަލައިދޭން ވެސް އެއްބަހެއް ނުވި އެވެ.

ޖެސިކާގެ އެކައުންޓްގައި ހުރި ފައިސާއަކީ އޭނާ ބޭންކަށް މޯގޭޖްކޮށްފައިވާ އެއްޗަކަށް ދައްކަން ޖެހޭ ފައިސާއެވެ. އެހެންވެ މި ފައިސާ ނުލިބިއްޖެނަމަ މޯގޭޖް ފައިސާ ބޭންކަށް ދެއްކޭނެ ގޮތެއް ނެތް ކަމަށާއި ވީމާ އެ ފައިސާ އަނބުރާ ދިނުމަށް އެޕަލް ސްޓޯރުގައި ޖެސިކާ އެދުނެވެ. ނަމަވެސް ޕޮލިސީ އޮތް ގޮތުން 60 ދުވަސް ފަހުން މައްސަލަ ހުށަހަޅާފައިވާތީ އެކަން ނުބެލޭނެކަމަށް އެޕަލް ސްޓޯރުން ޖެސިކާ އަށް ވަނީ އަންގާފަ އެވެ.

މިކަން ހިނގައި ދިއުމުން ޖެސިކާއަށް އޭނާ އާއި ދަރިފުޅުގެ ކުށެއް ނުފެނުނެވެ. އޭނާ ރުޅިއައީ އެޕަލް ސްޓޯރު ދެކެ އެވެ. ކުޑަކުދިން ހައްލަން ފާޑުފާޑު ގޭމް ހަދައިގެން މައިންބަފައިން އަތުގައި ހުންނަ ފައިސާތައް އެ ތަންތަނުން ލޫޓުވާ ކަމަށް ޖެސިކާ ތުހުމަތުކުރެ އެވެ.