ބޮލީވުޑް އެކްޓަރުންގެ ތެރެއިން އެންމެ ތަފާތު ގޮތަކަށް ހެދުން އަޅާ އެއް އެކްޓަރަކީ ރަންވީރު ސިންގް އެވެ. އޭނާ ހެދުން އަޅާ ގޮތުން ގިނަ ބަޔަކު އޭނާއަށް މަލާމާތްކޮށް ހީނ ހެދިޔަސް ރަންވީރަށް އެއީ މާ ބޮޑު މައްސަލައަކަށް ނުވެ އެވެ. ފެޝަންގެ ރޮނގުން އޭނާއަކީ ތަފާތު ގޮތްގޮތަށް ހެދުން ލުން ތަޖުރިބާކުރަން ބޭނުންވާ މީހަކަށް ވާތީ އެވެ.
ރަންވީރުގެ ސްޓައިލް ތަފާތުވުމަކީ އޭނާ އަޅާ ކޮންމެ ހެދުމަކަށް ވެސް ގިނަ ބަޔެއްގެ ދެ ލޯ އަމާޒުވެގެން ދާ ސަބަބަކަށް ވެއެވެ. އަދި އޭނާ އަޅާ ހެދުންތަކަށް ސޯޝަލް މިޑިއާގައި ފާޑުކިޔާ މަލާމާތްކުރާ މީހުން ގިނައީ ވެސް އެހެން މީހުންނާ ސްޓައިލްގެ ގޮތުން ތަފާތު ބޮޑުކަމުންނެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރަންވީރު ހެދުން އަޅަނީ މާ ކަންތައްގަނޑު ފަލަކޮށެވެ. އަދި އޭނާ އަޅަނީ ފިރިހެނުން އަޅަން ކަމުދާ ކަހަލަ ހެދުމެއް ނޫނެވެ. އެއަށް ވުރެ އަންހެނުން އަޅާ ހެދުމާ އޭނާގެ ހެދުންތައް މާ އެއްގޮތެވެ.
ރަންވީރުގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން ދާދިފަހުން ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ރަންވީރު ހެދުން އަޅާ ގޮތް އޭނާ އަށް ވެސް ކަމުނުދާކަމަށެވެ.
"ނަމަވެސް ރަންވީރަކީ ރަންވީރުކަމުން އޭނާ ހުންނާނީ ފާޑުފާޑު މަޖާ ގޮތްގޮތަށް ހުންނަ ހެދުންތައް އަޅައިގެން އެއާ ގުޅޭ ގަހަނާތައް ވެސް އަޅައިގެން. އެހެން މީހުން ކުރާނެ މަލާމާތަކަށް އަދި ކިޔާފާނެ އެއްޗަކަށް އޭނާ ނުބަލާނެ" ދީޕިކާ ބުންޏެވެ.
އިންޑިޔާގެ އެކްޓަރުންގެ ތެރެއިން ރަންވީރު ނޫނީ ސްކާޓް ލައި ކަރުގައި ފާޑުފާޑުގެ ގަހަނާ އަޅާ އެކްޓަރެއް ވެސް ނޫޅޭ އެވެ. އަދި އަންހެނުންގެ ކުލައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ފިޔާތޮށިކުލައިގެ ހެދުން އެޅުމަކީ ވެސް ރަންވީރު ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. މިފަދަ ހެދުންތައް ރަންވީރު އަޅައިގެން ހުއްޓާ ނަގާފައި ހުންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު ގިނަ ބަޔަކު އޭނާއަށް މަލާމާތްކުރެ އެވެ. އޭނާ ލައިގެން ހުރީ ދީޕިކާގެ ހެދުމެކޭ ކިޔައި އުޅެ އެވެ.
ބައެއް ސްކާޓް ލައިގެން ހުއްޓާ ނަގާފައި ހުރި ފޮޓޯތަކާއި ބައެއް ހާރުތައް އަޅާފައި ހުއްޓާ ފެންނަ ފޮޓޯތައް ބަލާފައި ޓްރޯލްކުރާ މީހުން ބުނަނީ އެއީ ހަމަ ޔަގީނުން ވެސް ދީޕިކާގެ ހެދުން އަލަމާރިން ނަގައިގެން އުޅޭ އެއްޗެތި ކަމަށެވެ.