އާސެނަލް

އާޓެޓާ އާއެކު އާސެނަލް ކުރިމަގު އުޖާލާ: އެޑޫ

އާސެނަލްގެ ކޯޗް، މިކަލް އާޓެޓާ އާއެކު ކުރިމަގުގައި އެ ކުލަބަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ޓެކްނިކަލް ޑައިރެކްޓާ އެޑޫ ގަސްޕާ ބުނެފި އެވެ.

އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ބާންލީ އަތުން 1-0 ން ބަލިވެ އާސެނަލް އޮތީ 15 ވަނައިގަ އެވެ. މިއީ 1974 ވަނަ އަހަރު ފަހުން އާސެނަލްގެ ފެށުން މިހާ ގޯސްކޮށް ދާ ފުރަތަމަ ސީޒަނެވެ. ނަތީޖާތައް ގޯސްވުމުން އާޓެޓާ މަގާމުން ވަކި ކޮށްފާނެ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް، އެޑޫ ވަނީ އާޓެޓާއަށް ކުލަބުގެ ފުރިހަމަ އެއްބާރުލުން އޮތް ކަން ހާމަ ކޮށްފަ އެވެ.

އެޑޫ ގަބޫލު ކުރާ ގޮތުގައި، އާޓެޓާ އާ މެދު އާސެނަލްއިން ކެތްތެރި ވާން ޖެހޭނެ އެވެ. އުނދަގޫ 12 މަހަށް ފަހު އާސެނަލްގެ ކަންކަން ހަމަޔަކަށް އެޅުވުމުގައި އާޓެޓާއަށް އެހީތެރިވުމުގައި ދެމިހުންނާނެ ކަމަށް އެޑޫ ބުންޏެވެ. އިތުރު މިހާކު ވަކި ނުކޮށް ނުވަތަ އިތުރު މީހަކު މަގާމަށް ނުގެނެސް އަހަރުތަކެއް ކުރިން އޮތް ހެން އެއް ފެންވަރެއްގައި ވާދަ ކުރާ ޓީމަކަށް އާސެނަލް ބަދަލު ކުރުމުގައި އާޓެޓާ ކާމިޔާބު ހޯދާނެ ކަމަށް އެޑޫ ލަފާ ކުރެ އެވެ.

"މިކަލް [އާޓެޓާ] ދަނީ ރަނގަޅު މަސައކްަތްތަކެއް ކުރަމުން މި ކުލަބުގައި އޭނާގެ މަސައްކަތް ވަރަށް ރަނގަޅު،" ކުރިން އާސެނަލްއަށް ކުޅުނު ބްރެޒިލްގެ މިޑްފީލްޑާ އެޑޫ ބުންޏެވެ. "އޭނާ އާއެކު އަހަރެމެން ކެތްތެރި ވުމަށް ވާހަކަ ނުދައްކާ ހާ ހިނދެއްގައި އެއީ އޭނާއާ މެދު ވެވޭ ބޭއިންސާފެއް. ސަބަބަކީ އަހަރެމެން މި ހޭދަ ކުރަނީ އުނދަގޫ އަހަރެއް. ތިން މަސް ދުވަހު ފުޓްބޯޅަ ނުކުޅެ ތިބެ ކުލަބުގައި ގިނަ ކަންކަމެއް ބަދަލުވެ ހިނގައްޖެ... މި އަހަރަކީ އެންމެންނަށްވެސް ޗެލެންޖިން އަހަރެއް. އެ ޗެލެންޖު މާ ބޮޑަށް މިކަލްއަށް އެބައޮތް. އޭނާ އާ މެދު އަހަރެމެން ކެތްތެރިވާ ޖެހޭނެ."

އެޑޫ ބުނީ، ނަތީޖާ އަށް އެކަނި ނުބަލައި އާޓެޓާ ކުރަމުންދާ މަސައްކަތަށް ބެލުމަށް އެދޭ ކަމަށެވެ. އެ މަސައްކަތް ފެނުމުން އާޓެޓާ އާއެކު އާސެނަލްގެ ކުރިމަގު އުޖާލާ ވެގެންދާނެ ކަމަށް އުންމިދު ކުރެވޭ ކަމަށް އެޑޫ ބުންޏެވެ.