ޔުވެންޓާސް

އަގުބޮޑު ކޮންޓްރެކްޓަށް ޑިބާލާގެ ޖަވާބެއް ނެތް

ޔުވެންޓަސްގެ ފޯވަޑް ޕައުލޯ ޑިބާލާ ކޮންޓްރެކްޓް އާ ކުރުމަށް އެ ކުލަބުން ހުށަހަޅާފައިވާ އަގުބޮޑު އެއްބަސްވުމަށް އޭނާގެ ޖަވާބެއް އަދި ނުލިބޭ ކަމަށް ޔުވެންޓަސްގެ ރައީސް އަންޑްރެއާ އަގުނެލީ ވިދާޅުވެއްޖެ އެވެ.

ޔުވެންޓަސްއިން ހުށަހަޅާފައިވާ ކޮންޓްރެކްޓްގައި ޑިބާލާ ސޮއި ކުރުމުން ޔޫރަޕްގެ އެންމެ ބޮޑު މުސާރަ ލިބޭ 20 ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އޭނާ އަށް ލިބޭނެ އެވެ. އެހެންނަމަވެސް މިހާތަނަށް އެ ކޮންޓްރެކްޓަށް އޭނާގެ ފަރާތުން އާނ ބަސް ބުނެފައެއް ނުވެ އެވެ. އޭނާ ގެންދިއުމަށް ބަޔާން މިޔުނިކުން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފަ އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އިން ވެސް އޭނާ އަށް ޝައުގު ވެރިވާ ކަމުގެ އަޑުތައް ފެތުރުނެވެ.

ތިން މަސް ތެރޭ، ސެރީ އާ ގައި ޑިބާލާ ޖެހި ފުރަތަމަ ގޯލް ކާމިޔާބު ކުރީ މިދިޔަ އާދިއްތަ ދުވަހު ޖެނޯއާ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުންނެވެ. ޔުވެންޓަސް އާއެކު ޑިބާލާ މިހާރު ހަދާފައިވާ ކޮންޓްރެކްޓް 2022 ގައި ހަމަ ވާނެ އެވެ.

"ޑިބާލާއަށް މިހާރު ވާނީ ކޮންޓްރެކްޓް ހުށަހާޅާފަ ޔޫރަޕްގެ އެންމެ މުސާރަ ބޮޑު 20 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ވަރުގެ އެއްބަސްވުމެއް،" ޓުރިންގައި ބޭއްވި އެވޯޑް ހަފުލާއެއްގެ ތެރެއިން އަގުނެލީ ވިދާޅުވި އެވެ. "އަހަރެމެން ކެތްތެރި ކަމާއެކު މަޑުކޮށްގެން މިތިބީ އޭނާގެ ޖަވާބަކަށް.

ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ހަ ހަފުތާ ޑިބާލާ ވަނީ ބަލީގައި ހޭދަ ކޮށްފަ އެވެ. އަގުނެލީ ވިދާޅުވީ ކޮވިޑްގެ ރިކަވަރީން އަރައިގަތުމުގައި އުނދަގޫތަކެއް ކުރިމަތިވި ޑިބާލާ ލަނޑު ޖަހަން ފެށުމަކީ ހިތްހަމަ ޖެހުމެއް ކަމަށެވެ.

"އަހަރެން އުފާވި އޭނާގެ ލޯތްބާއި ޝައުގުވެރިކަން ޔުވެންޓަސް އާމެދު އޮތްކަން ހާމަ ކުރުމުން،" އަގުނެލީ ވިދާޅުވި އެވެ. "އަހަރެމެންނަށް ޕައުލޯ ފެންނަނީ މި ކުލަބުގެ ކުރިމަގުގެ ކެޕްޓަންގެ ގޮތުގައި."

ޔުވެންޓަސްއަށް ޑިބާލާ ބަދަލުވީ 2015 ވަނަ އަހަރު ޕަލެރުމޯ އިންނެވެ. އޭނާ ވަނީި ޔުވެންޓަސް އަށް މިހާތަނަށް 97 ގޯލް ޖަހައި ދީފަ އެވެ.