ކުޅިވަރު

ތަފްސީލެއް ނުލިބޭ، އެކަމަކު މާފަށް އެދެފިން: އަލިބެ

ޓީޓީ އެސޯސިއޭޝަނުން ކިބައިން މާފަށް އެދެން އެންގުމުން، މާފަށް އެދެން ޖެހޭ ކަންތައްތަކުގެ ތަފްސީލެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވިނަމަވެސް އެސޯސިއޭޝަންގެ ކިބައިން ޓީޓީގެ ލެޖެންޑް އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) މާފަށް އެދިއްޖެ އެވެ.

ސެޕްޓެންބަރު މަހު ބާއްވި، ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު ފަސް ކުރުމަށް އެދި ސިވިލް ކޯޓަށް ދިޔަ އަލިބެ މާފަށް އެދެން، ޓީޓީ އެސޯސިއޭޝަނުން އެންގީ އިންތިހާބަށް ފަހު އާ އެކްސްކޯއިން އެސޯސިއޭޝަންގެ ހިންގުމާ ހަވާލުވެ އަލިބެ ސަސްޕެންޑް ކުރުމަށް ފަހު އެވެ. ޓީޓީން އަލިބެ، ސަސްޕެންޑް ކުރީ އެ އެސޯސިއޭޝަންގެ އެއްވެސް ކުޅިވަރުގެ އާލާތެއް ބޭނުން ނުކުރެވޭ ގޮތަށާއި އެސޯސިއޭޝަނުން ރާވާ ހިންގާ ޓީޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށެވެ. އަލިބެ އާ ދެކޮޅަށް ފިޔަވަޅު އެޅީ މާފަށް އެދެން ދެން ސަސްޕެންޝަން ދެމިއޮންނަ ގޮތަށެވެ.

އަލިބެ މާފަށް އެދެން ޖެހޭ ކަމަށް އެސޯސިއޭޝަނުން ފާހަގަ ކޮށްފައިވާ ތިން މައްސަލައަކީ، އެސޯސިއޭޝަންގެ އިންތިހާބާ ގުޅިގެން ކޯޓަށް ދިއުން، ޓީޓީ އެސޯސިއޭޝަންގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުން އަދި ޒުވާން ކުޅުންތެރިންގެ ހިތްވަރު އެލޭ ގޮތަށް ވާހަކަ ދައްކާފައިވާ މައްސަލަ އެވެ.

ގައުމީ ޗެމްޕިއަންކަން 10 އަހަރު ހޯދި، އަލިބެ ވިދާޅުވެފައި ވަނީ އޭނާ ސަސްޕެންޑް ކުރިކަން އެސޯސިއޭޝަނުން އެންގީ އެސްއެމްއެސް އަކުން ކަމަށެވެ. ޓީޓީ އެސޯސިއޭޝަނަށް މިއަދު އަލިބެ ފޮނުވާފައިވާ ސިޓީގައި ބުނެފައ ވަނީ، މާފަން އެދެންވީ ކޮން ސަބަބުތަކާ ގުޅިގެންތޯ ސާފު ކުރުމަށް ކުރި މަސައްކަތުން އެސޯސިއޭޝަނުން ވިދާޅުވެފައި ވަނީ ސަބަބު ތަކުގެ "މައިގަނޑު ސުރުހީތައް އެކަނި" ކަމަށެވެ.

"އެއްގޮތަކަށްވެސް އަޅުގަނޑު ކުރި ކުށް ތަކެއްގެ ނުވަތަ އެނޫން ކަމެއްގައިވެސް އެއްވެސް ތަފުސީލެއް (ޓީޓީ އެސޯސިއޭޝަނުން) ވިދާޅެއް ނުވެ އެވެ.،" މާފަށް އެދުމުގެ ގޮތުންް އަލިބެ ފޮނުއްވި ސިޓީގައި ލިޔެފައި ވެއެވެ. "އެ ތަފުސީލު ދެއްވުމުގެ ބަދަލުގައި އެދިވަޑައިގަތީ އަޅުގަނޑު ކުރި ކުށް ތަކެއް ކަމަށް ތިޔަ އެސޯސިއޭޝަނުން ނިންމާފައިވާ ކުށް ތަކަކަށް ތިޔަ އެސޯސިއޭޝަންގެ ކިބައިން އަޅުގަނޑު މާފަށް އެދުމަށެވެ."

އަލިބެގެ ސިޓީގައި ވިދާޅުވެފައި ވަނީ، އޭނާ ހެއްދެވި ގޯހަކީ ކޮބައިތޯ ސާފު ކުރުމަށް ކުޅިވަރުގެ އެކި މަރުހަލާތަކުގައިވާ މުއައްސަސާތަކަށް ހުށަހަޅި ކަމަށެވެ. އެގޮތުން، ސްޕޯޓްސް މިސްޓްރީ އާއި ސްޕޯޓްސް ކޮމިޝަންގެ އިތުރުން ސްޕޯޓްސް ކައުންސިލަށްވެސް އެކަން ސާފުކޮށް ދިނުމަށް ހުށަހަޅި އެވެ. ނަމަވެސް އެއިން އެއްވެސް މުއައްސަސާއަކުންވެސް އެކަމުގެ ތަފުސީލު ދީފައި ނުވާ ކަމަށް އަލިބެ ވިދާޅުވެފައި ވެއެވެ.

އޭނާ އާ ދެކޮޅަށް ފިޔަވަޅު އެޅިތާ ގާތްގަނޑަކަށް ތިން މަސް ދުވަސް ވާން ކައިރިވެފައިވާއިރު އެ ތަފުސީލު ދިފައި ނުވުމުން، އަލިބެ ތުހުމަތު ކުރަނީ އެ މައުލޫމާތު ދިނުމުގެ ނިޔަތް އެ އެސޯސިއޭޝަންގެ ކިބައިގައި ނެތް ކަމަށެވެ.

އަލިބެ ވިދާޅުވީ، އޭނާ ހެދި ގޯސްތަކުގެ ތަފުސީލު ތަކަކީ ކޮބައިކަން އެސޯސިއޭޝަނާއި ކުޅިވަރުގެ މުއައްސަސާތަކަށް ސާފު ކޮށް ނުދެވުނު ނަމަވެސް ޓީޓީގެ ހަރަކާތްތަކުގައި އޭނާއަށް ބައިވެރި ވެވެން އޮތް ހަމައެކަނި ގޮތަކީ އެސޯސިއޭޝަންގެ ކިބައިން މާފަށް އެދުން ކަމަށްވާނަ އެސޯސިއޭޝަންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

"ތިޔަ އެސޯސިއޭޝަންގެ ހަރަކާތްތަކުގައި ބައިވެރިވުމާއި އެސޯސިއޭޝަންގެ ވަސީލަތްތައް ބޭނުން ކުރުމަށް އަޅުގަނޑަށް މިއަދު އޮތް ހަމައެކަނި މަގަކީ ތިޔަ އެސޯސިއޭޝަނުން އެދިވަޑައިގެންފައިވާ ގޮތުގެ މަތިން އަޅުގަނޑު ތިޔަ އެސޯސިއޭޝަންގެ ކިބައި މައާފަށް އެދުން ކަމަށް ވާތީ ތިޔަ އެސޯސިއޭޝަންގެ ކިބައިން މާފަށް އެދިއްޖެއީމެވެ." އަލިބެގެ ސިޓީ ނިންމާ ލުމުގެ ކުރިން ލިޔެފައި ވެއެވެ.

މިކަމާ ބެހޭގޮތުން ޓީޓީ އެސޯސިއޭޝަންގެ ޖެނަރަލް ސެކްޓްރީ އިސްމާއީލް ސުޖާއު ވިދާޅުވީ، އަލިބެގެ ސިޓީ އެސޯސިއޭޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ސިޓީ އެކްސްކޯއަށް ފޮނުވާނެ ކަމަށާއި އަލިބެ ސަސްޕެންޝަނާ ބެހޭގޮތުން ގޮތެއް ނިންމާނީ އެކްސްކޯއިން ކަމަށެވެ.