ދުނިޔެ

އޮންލައިނުން ބައްދަލުވި ނުވަ މީހުން މަރާލި "ޓުވިޓާ ކިލާ"

"ޓުވިޓާ ކިލާ" ގެ ނަމުން މަޝްހޫރު ވެފައިވާ ޖަޕާނު މީހަކު މަރަން އެ ގައުމުގެ ކޯޓަކުން މިދިޔަ އަންގާރަ ދުވަހު ހުކުމް ކޮށްފި އެވެ. ޓޯކިޔޯގެ ކޯޓަކުން މި މީހާގެ މައްޗަށް މަރުގެ ހުކުމް ކުރީ އޮންލައިނުން ދިމާވި ބަޔަކު މަރާލައި އެމީހުންގެ ގުނަވަންތައް ވަކިވަކިކޮށްފައި ވާކަން ސާބިތުވެގެންނެވެ.

ޓަކަހީރޯ ޝިރައިޝީ، 30، ވަނީ މިހުރިހާ އެންމެން މެރި ކަމަށް އެއްބަސްވެފަ އެވެ. އޭނާގެ ޝިކާރައަކަށް ވެފައިވާ ގިނަ މީހުންނަކީ ޒުވާން އަންހެނުންނެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅޭކަމަށް ސޯޝަލް މީޑިއާގައި ބުނަމުން ދިޔަ ބައެކެވެ.

މުޅި ޖަޕާނު ސިއްސުވާލި މި ހާދިސާގައި ޓަކަހީރޯގެ ޝިކާރައަކަށްވީ މީހުން މަރާލައި ހަށިގަނޑުގެ ގުނަވަންތައް ވަކިކުރުމަށް ފަހު ބަހައްޓާފައި ހުރީ ވެރިރަށް ޓޯކިޔޯ ކައިރީގައި އޮންނަ ޒަމާ ކިޔާ ރަށެއްގައި ހުންނަ ޓަކަހީރޯ ދިރިއުޅޭ އެޕާޓްމަންޓްގަ އެވެ.

އަމިއްލަ ކުށަށް އިއުތިރާފު ވަމުން ޓަކަހީރޯ ބުނީ އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް އިސްތިއުނާފު ކުރަން ވެސް ބޭނުން ނުވާ ކަމަށެވެ.
ޖަޕާނު ފުލުހުން ޓަކިހީރޯ ހައްޔަރު ކުރީ 2017 ގައެވެ. އޭނާ ހައްޔަރު ކުރީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި ހުރި ކޯލްޓް ސްޓޯރޭޖެއްގެ ތެރެއިން އަށް އަންހެނަކާއި ފިރިހެނެއްގެ ހަށިގަނޑުގެ ބައިތައް ފެނިގެންނެވެ.

މި މައްސަލަ ތަހުގީގުކުރި ފަރާތްތަކުން ޖަޕާނުގެ ނޫހަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ޓަކިހީރޯގެ ޝިކާރައަށްވީ ކޮންމެ މީހަކާ ވެސް އޭނާ ފުރަތަމަ ވާހަކަ ދައްކަނީ ޓުވިޓާ އިންނެވެ. އެ އެންމެންގެ ވެސް އަމިއްލައަށް މަރުވުމުގެ ޚިޔާލު ގެންގުޅޭކަން އެމީހުން ސޯޝަލް މީޑިއާގައި ފާޅުކުރުމުން ޓަކިހީރޯ އެމީހުންނާ ޓުވިޓާއިން މެސެޖުކޮށްފައި އެހީތެރިކަން ދީފާނެ ކަމަށް ބުނެ އެވެ.

ޓަކިހީރޯ މަރާލި ނުވަ މީހުންގެ ތެރޭއިން ޓީންއޭޖް ފުރައިގެ އަންހެން ކުދިން ވެސް ހިމެނެ އެވެ. އެ ހުރިހާ ކުދިން ވެސް މަރާލާފައި ވަނީ ރޭޕް ކުރުމަށް ފަހުގަ އެވެ. އަދި މީގެ ތެރެއިން އެއް އަންހެންކުއްޖެއްގެ ލޯބިވެރިޔާ ވެސް ޓަކިހީރޯ މަރާލި އެވެ. މި ފިރިހެންކުއްޖާ މަރާލީ އޭނާ ކުރި ކަންތައް އެ ކުއްޖާއަށް އެނގުނީމަ އެކަން ފަޅާ އަރުވާލަފާނެ ކަމުގެ ބިރަށެވެ.

ޓުވިޓާގައި ޓަކަހީރޯ އުޅެނީ "ހޭންގްމޭން" ގެ ނަމުގަ އެވެ. އަމިއްލައަށް މަރުވާން ބޭނުން ކަމަށް ބުނެ ޚިޔާލު ފާޅުކުރާ މީހުންނަށް ގުޅައި އޭނާ އެކަމުގައި އެހީތެރިކަން ފޯރުކޮށްދީފާނެ ކަމަށް ބުނެ އޭނާގެ އެޕާޓްމަންޓަށް އައުމަށް ޓަކިހީރޯ ދައުވަތު ދެއެވެ.

ޓަކިހީރޯގެ ގާނޫނީވަކީލު ކޯޓުގައި ބުނި ގޮތުގައި އޭނާގެ ކްލައަންޓް އެއްވެސް މީހަކު މަރައެއް ނުލަ އެވެ. އޭނާ ކުރި ކަމަކީ އަމިއްލައަށް މަރުވާން ބޭނުންވީ ބަޔެއް މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނީ ކަމަށެވެ. ނަމަވެސް ޓަކަހީރޯ ފަހުން ވަނީ އެމީހުން މަރާލީ އެމީހުން އެކަމަށް އެއްބަސް ވެގެން ނޫން ކަމަށް އިއުތިރާފު ވެފަ އެވެ. އަދި އެ ހުރިހާ އެންމެންގެ މަރުގެ ޒިންމާ އޭނާ ފުރިހަމައަށް ނަގާ ކަމަށް ވެސް ޓަކިހީރޯ ފަހުން ބުނެފައިވާ ކަމަށް ޖަޕާނުގެ މީޑިއާ ތަކުން ބުނެފައި ވެއެވެ.

މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން އަމިއްލަ އަށް މީހުން މަރުވާ ގައުމަކީ ޖަޕާނެވެ. މި ފަހަކުން މި ރޭޓު ތަންކޮޅެއް ދަށްވެލުމަށްފަހު ކޮރޯނާވައިރަހުގެ ޕެންޑެމިކް އާ ގުޅިގެން އަނެއްކާ ވަނީ ވަރަށް މައްޗަށް އުފުލިފަ އެވެ.

އަނެއްކޮޅުން ޖަޕާނަކީ ކުށްކުރުން އިންތިހާއަށް މަދު ގައުމެކެވެ. ނަމަވެސް މި ފަހަކަށް އައިސް އާދަޔާޚިލާފު ގޮތްގޮތަށް މީހުން މެރުމުގެ ބޮޑެތި މައްސަލަތަކެއް އެ ގައުމުން ފެނިފައި ވެއެވެ. އެގޮތުން 2016 ގައި ޚާއްސައެހީއަށް ބޭނުންވާ މީހުން ބައިތިއްބާ ތަނެއްގައި މަސައްކަތްކުރި މީހަކު އެތަނުގައި ތިބި 16 މީހަކު މަރާލައި އިތުރު 20 މީހަކު ޒަޚަމްކޮށްލި ހާދިސާއެއް ހިނގާފައި ވެއެވެ.