ޗެލްސީ

ޗެލްސީގެ ކުޅުންތެރިންގެ ވިސްނުން ބަދަލު ކުރަންޖެހޭ

ވޯލްވާހެމްޓަން ވޮންޑާސް އަތުން މޮޅުވެގެން ތާވަލުގެ އެއް ވަނަ އަށް ދާން ފުރުސަތު ލިބިފައި އޮތް ޗެލްސީ މެޗުން ބަލިވެ އެ ފުރުސަތު ގެއްލިގެން ދިއުމުން، ކުޅުންތެރިން މެޗުތަކާ މެދު ވިސްނާގަޮތް ބަދަލު ކުރަން ޖެހޭކަމަށް ޗެލްސީގެ ކޯޗް ފުރޭންކް ލަމްޕާޑް ފާހަގަ ކޮށްފި އެވެ.

ވޯލްވްސް އަތުން ޗެލްސީ ބަލިވީ 2-1 ންނެވެ. ވޯލްވްސް މޮޅުކޮށް ދިން ލަނޑު މެޗުގެ އިންޖަރީ ޓައިމްގައި ކާމިޔާބު ކުރީ ޕެޑްރޯ ނެޓޯ އެވެ. ދެ ވަނަ ހާފުގެ ކުރީ ކޮޅު އޮލިވާ ޖިރޫ ޗެލްސީއަށް ލީޑް ނަގައިދިނެވެ. މެޗުގެ 66 ވަނަ މިނެޓްގައި ވޯލްވްސްގެ ކަސްޓެލޯ ޑެނިއެލް ޕޮޑެންސް މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ.

މިއީ ޗެލްސީގެ ޓީމު ހަތަރު ދުވަސްތެރޭ ބަލިވި ދެ ވަނަ މެޗެވެ. ހޮނިހިރު ދުވަހު އެވަޓަން އަތުން ޗެލްސީ ބަލިވީ އެ ޓީމު ބަލި ނުވާތާ 14 މެޗަށް ފަހު އެވެ. ލަމްޕާޑް ބުނީ، ކުރިން 14 މެޗުގައި ބަލިނުވެ އޮތުމުން ކުޅުންތެރިންގެ ވިސްނުމަށް އެކަން މާބޮޑަށް ވަދެފައިވާނެ ކަމަށެވެ.

"ފަހަރެއްގައި ކުޅުންތެރިން އެކަމާ ވިސްނާފައި ހުރެދާނެ. މިއީ ޕްރިމިއާ ލީގް. ޕާފޯމް ނުކުރެވެންޏާ މެޗުތަކުން ބަލިވާނެ." ލަމްޕާޑް ބުންޏެވެ. އޭނާ ބުނީ އަންނަ ހޯމަ ދުވަހު ވެސްޓްހަމް އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކުޅުންތެރިންގެ އެ ވިސްނުންތައް ދޫކޮށްލަން ޖެހޭ ކަމަށެވެ.

ވޯލްވްސް މެޗާ ބެހޭގޮތުން އޭނާ ބުނީ، މެޗުގައި ރަނގަޅަށް ޕާފޯމް ނުކުރެވޭނަމަ، އިދިކޮޅު ޓީމުން ކުރާ ކައުންޓަ އެޓޭކު ފުރުސަތުތައް ހުއްޓުވަން ޖެހޭނެ ކަމަށެވެ. ޗެލްސީގައި އެހުރިހާ ކަމެއް ކުރެވޭ ވަރުގެ ޓީމެއް އެބައޮތް ކަމަށާއި ކުޅުންތެރިންގެ ވިސްނުން އެ މެޗެއްގެ ހާލަތަށް ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ.