ރެއާލް މެޑްރިޑް

ބެންޒެމާގެ ދެ ގޯލުން ރެއާލްއިން ބިލްބާއޯ ބަލިކޮށްފި

ކަރީމް ބެންޒެމާ ކާމިޔާބު ކުރި ދެ ލަނޑުން، އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު އެތުލެޓިކް ކުލަބު ބިލްބާއޯ ބަލިކޮށް ރެއާލް މެޑްރިޑް ޕޮއިންޓްގެ ގޮތުން އެންމެ ކުރީގައި އޮތް ދެ ޓީމާ ހަމަހަމަ ކޮށްފި އެވެ.

ތާވަލުގެ އެންމެ ކުރީގައި އޮތީ، މިރޭ ބާސެލޯނާ އާ ދެކޮޅަށް ނުކުންނަ ރެއާލް ސޮސިއެޑާޑް އެވެ. ދެ ވަނައިގައި އޮތީ އެތުލެޓީކޯ މެޑްރިޑެވެ. ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށްވެސް ވަނީ މިހާރު 26 ޕޮއިންޓް ހޯދާފަ އެވެ.

މެޗުގައި ރެާލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޓޯނީ ކްރޫޒްގެ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، ބިލްބާއޯގެ ޕެނަލްޓީ އޭރިއާގެ ބޭރުން ވިނީސިއުސް ޖޫނިއާ ދިން ބޯޅަ ކުރޫޒް ވަނީ އޭރިއާގެ ބޭރުން ބާރު ޝޮޓެއް ގޯލަށް އަމާޒުކޮށް ފޮނުވަލާފަ އެވެ. އެބޯޅަ ގޯލް ތެރެއަށް ވަދެ ރެއާލްއިން މެޗުގައި ލިޑް ނެގި އެވެ.

ދެ ވަނަ ހާފުގެ ކުރީ ކޮޅު ބިލްބާއޯގެ ކެޕާ ރޮޑްރިގޭޒް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ޓިބޯ ކޯޓްއާ ދިފާއު ކުރި އެވެ. ރީބައުންސަށް ނިކުތް ބޯޅަ ރެއާލްގެ ޑިފެންޑަރުންނަށް ކުލިއާ ކޮށް ނުލެވުމުން އެ ބޯޅަ އަނެއްކާވެސް ކެޕާ ފޮނުވާލައި ގޯލް ކާމިޔާބު ކުރި އެވެ.

ބެންޒެމާގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 74 ވަނަ މިނެޓްގައި ޑެނީ ކަވާހާލް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ބެންޒެމާ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލި އެވެ. އޭނާ ދެ ވަނަ ލަނޑު ކާމިޔާބު ކޮށް ނަތީޖާ 3-1 ށް ބަދަލު ކުރީ ދެ ވަނަ ހާފުގެ އިތުރު ވަގުތުގައި ލުކަ މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުަތަކުންނެވެ.