ކުޅިވަރު

ސިޓީއާ އެއްވަރު ކުރިޔަސް ބިލިޗްގެ ވަޒީފާ ގެއްލެނީ

މެންޗެސްޓާ ސިޓީ އާ އެއްވަރު ކުރިޔަސް ވެސްޓް ބްރޯމް އެލްބިއޯންގެ ކޯޗް ސްލޭވަން ބިލިޗް މިއަދު މަގާމުން ވަކި ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެލްބިއޯން ވަނީ 1-1 ން އެއްވަރުކޮށް ސިޓީ ހިފަހައްޓާފަ އެވެ. ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ގުންޑޯގަން އެވެ. މެޗުގައި ވެސްޓްބްރޯމްގެ ގޯލަކީ ސިޓީގެ ރުބެން ޑިއާޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ސިޓީގެ އަމިއްލަ ދަނޑު އިއްތިހާދު ސްޓޭޑިއަމްގައި، އެ ޓީމު މޮޅުވިޔަ ނުދީ ހިފަހައްޓި ނަމަވެސް ވެސްޓްބްރޯމްގެ ކޯޗް ބިލިޗް ހުރީ ހޫނު ފެނުގަ އެވެ. މި ސީޒަންގައި އެ ޓީމުގެ ޖުމުލަ ނަތީޖާތައް ރަނގަޅު ނުވުމުން އޭނާގެ ކުރިމަގާ މެދު އޮތީ ކުރިންވެސް ސުވާލު އުފެދިފަ އެވެ.

ބިލިޗް ވެގެންދާނީ، މި ސީޒަންގައި ޕްރިމިއާ ލީގްގެ ކޯޗް ކަމުން ވަކި ކުރާ ފުރަތަމަ ކޯޗަށެވެ. އޭނާގެ ބަދަލުގައި ކޯޗް ކަމަށް ގެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައި ވަނީ ލެސްޓާ ސިޓީގެ ކުރީގެ ކޯޗް ނިގެލް ޕިއާސަން އެވެ. އޭނާ ވަނީ 2000 ވަނަ އަހަރު ވަގުތީ ކޯޗެއްގެ ގޮތުގައި ވެސްޓްބްރޯމްއަށް އިރުޝާދު ދީފަ އެވެ. ސޭމް އެލަޑައިސްގެ ނަންވެސް ވެސްޓްބްރޯމްގެ ލިސްޓްގައި އެބައޮތެވެ.

ކުލަބުގައި އޭނާގެ ކުރިމަގާ ބެހޭގޮތުން ސުވާލު އުފެދިފައިވާކަން ފާހަގަ ކޮށް ބިލްޗް އާ ސުވާލު ކުރުމުން އޭނާ ބުނީ، އެހެން ކަންކަމާ މެދު އޭނާ ނުވިސްނާ ކަމަށެވެ.

"ހަގީގަތަށް ބުނަންޏާ އަހަރެން މިދަނީ ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން. އެހެން ކަންކަމާމެދު އަހަރެން އެހާ ބޮޑަށް ނުވިސްނަން. ފަރުދާގެ ފުރަގަހުގައި ހިންގާ ކަންކަމާމެދު އަހަރެން އަޅައެއް ނުލަން." ކްރޮއޭޝިއާގެ ކޯޗް ބުންޏެވެ.