ޝަރުއީ ގޮތުން އަސާސެއް ނެތް ހައްލު ހުށަހެޅުމަކީ ލީޑަރުންނަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގައި ކޮވިޑްޖެހިގެން މަރުވާ މުސްލިމު މީހުންގެ ހަށިގަނޑުތައް ރާއްޖެ ގެނެސް ޖަނާޒާ ބާއްވާ ރާއްޖޭގައި ވަޅުލުމުގެ މަސައްކަތްތަކެއް ކުރަން ދިވެހި ސަރުކާރުން މަޝްވަރާތަކެއް ފަށާފައިވާ މި ދަނޑިވަޅަޅާ ދިމާކޮށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސްރީ ލަންކާގެ މުސްލިމް މައިނޮރިޓީގެ އަގީދާއާ ގުޅިފައިވާ ހައްގަކަށް ހުރަސް އެޅިފައިވާނަމަ، އިސްލާމީ އުއްމަތުގެ ވާޖިބަކަށް ވާންވާނީ އެ ހައްގެއް ހޯދައިދޭން މަސައްކަތް ކުރުން ކަމަށެވެ.
އެ މަނިކުފާނު އަދި ވިދާޅުވީ ޝަރުއީ ގޮތުން އަސާސެއް ނެތް ހައްލުތައް ހުށަހެޅުމަކީ ގަބަލީ -- ގަބީލާތަކުގެ -- ލީޑަރުންނަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ. -- ގަބީލާގެ ލީޑަރުން އެ މަނިކުފފާނު ސިފަ ކުރައްވާފައި އެވަނީ ޕާޓީ ލީޑަރު ކަމަށް ނުވަތަ ގައުމުގެ ރައީސް ކަމެއް ސާފު ކޮށްދެއްވާފައެއް ނުވެ އެވެ.
އަވަށްޓެރި ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް އަންދަމުން ދާތީ އެގައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅު ކުރަމުން ދާއިރު، އެ ބަލީގައި މަރުވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން އެދިފައިވާ އެދުމާއި އެއްގޮތަށް ލަންކާގައި މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލެވޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ ހާރިޖިއްޔާއިން ބުނެފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެ ރާއްޖޭގައި އެ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯދުމަށް އެގައުމުގެ ރައީސް ގޮތާބޭ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވާފައިވެ އެވެ. އަދި ދެ ގައުމުގެ އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމަށް ލަންކާގެ އެ އެދުމާ އެއްގޮތަށް އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބަލަން ރައީސް ސޯލިހު ގެންދަވަނީ މަޝްވަރާކުރައްވަމުންނެވެ.
އެކަމާއި މިދިއަ ދެ ދުވަހު ވެސް ވަނީ އެ މައްސަލަ ވަރަށް ބޮޑަށް ހޫނެ ބޮޑު ބަހުސަކަށް ވެފައެވެ.