ކުޅިވަރު

އޭޝިއާގެ އޮލިމްޕިކްސް ކައުންސިލްގެ މެރިޓް އެވޯޑް މަރުޒޫގަށް

އޭޝިއާގެ އޮލިމްޕިކް ކައުންސިލް (އޯސީއޭ) ގެ މެރިޓް އެވޯޑް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގަށް އަރުވައިފި އެވެ.

އޮމާންގެ މަސްކަޓްގައި ބޭއްވި، އޯސީއޭގެ ޖެނަރަލް އެސެމްބްލީގައި މަރުޒޫގްއަށް އެވޯޑް ދީފައި ވަނީ، އޭޝިއާގެ ކުޅިވަރުގެ މޫވްމެންޓަށް އޭނާ ކޮށްދީފައިވާ ހިދުމަތް އަގުވަޒަން ކުރުމުގެ ގޮތުންނެވެ. އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާއިން ފާހަގަ ކޮށްފައި ވަނީ، އެ ކައުންސިލްގެ މީޑިއާ ކޮމިޓީގެ މެންބަރެއްގެ ހައިއްސިޔަތުން މަރުޒޫގް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކަމަށެވެ. އެ ކޮމިޓީގެ މެންބަރު ކަމަށް މަރުޒޫގް އައްޔަން ކޮށްފައި 2010 ވަނަ އަހަރު އެވެ.

އޭނާ ވަނީ ކޮމަންވެލްތް ގޭމްސްގެ ސްޕޯޓްސް ކޮމިޓީގެ މެންބަރުކަން 2015 އިން 2017 އަށް ފުރުއްވާފަ އެވެ. ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުޒޫގް އޮލިމްޕިކް ކޮމިޓީއަށް އިންތިހާބުވީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އިތުރު ދެ ދައުރަށް އެ މަގާމަށް އިންތިހާބު ވެފަ އެވެ.

މަރޭގެ ކުރިން، އޭޝިއާގެ އޮލިމްޕިކްސްގެ މެރިޓް އެވޯޑް ހޯއްދެވީ، ކުޅިވަރުގެ ހިދުމަތްތެރިޔާ އަދި އޮލިމްޕިކް ކޮމިޓީގެ އިންތިހާބީ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް އެވެ. އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާއިން ވަނީ 2015 އަހަރު އޭނާ އަށް މެރިޓް އެވޯޑް ދީފަ އެވެ.

މަރުޒޫގް ފާހަގަ ކުރެވިފައި ވަނީ، ރާއްޖެއިން ބޭރުގެ ތަމްރީން ފުރުސަތުތައް އިންޑަވިޖުއަލް ކުޅިވަރުތަކުގެ އެތުލީޓުންނަށް ހޯދަވައި ދެއްވި ޖެނަރަލް ސެކެޓްރީއެއްގެ ގޮތުގަ އެވެ. ފުޓްބޯޅަ އަށް އެންމެންގެ ސަމާލުކަން ހުއްޓިފައި ވަނިކޮށް، އެހެން ކުޅިވަރުތަކަށް ވެސް މީހުންގެ ސަމާލުކަން ހުއްޓުވާލީ ކުރިން ފުޓްބޯޅަ ކުޅުނު މަރޭގެވެސް ހިއްސާ އާއެކު އޮލިމްޕިކް ކޮމިޓީން ކުރި މަސައްކަތުންނެވެ.

"އޭރު އެންމެންވެސް އުންމީދު ހުންނަނީ ފުޓްބޯޅަ އަށް، އެކަން ބަދަލު ކޮށްލި މީހަކީ މަރޭ،" ގައުމީ ސްވިމިން ޓީމުގެ ކުރީގެ ކޯޗް އިސްމާއީލް ފަރުހާން ބުނެފައި ވެއެވެ. "އަޅުގަނޑު ބުނާނީ ޒާހިރު ނަސީރަށް ފަހު ދިވެހި ކުޅިވަރުގެ މިހާރުގެ ބައްޕަ އަކީ މަރުޒޫގޭ."

މަޝްހޫރޫ ބާސްކެޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒިލާލު (ޒިލާ) މަރޭ ސިފަ ކުރަނީ ތަސައްވުރަކާއެކު ކުޅިވަރު ކުރި އަރުވަން މަސައްކްތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. "ވިޝަން އެއް އޮވެގެން މަސައްކަތް ކުރަނީ އެތުލީޓުން ޒުވާން އިރު ޓްރެއިނިން ފޯރުކޮށްދީ ކުރިމަގަށް ބިނާ ކުރަން މަސައްކަތް ކުރޭ." ޒިލާ ބުނެފައި ވެއެވެ.

ހެންޑްބޯލް މޯލްޑިވްސްގެ ރައީސް އަހްމަދު އިސްމާއީލް، މަރުޒޫގް ސިފަ ކުރަނީ ދިވެހި ކުޅިވަރުގެ އަގު ހުރި ހިދުމަތްތެރިއެއްގެ އަގުހުރި ދަރިއެއްގެ ގޮތުގަ އެވެ. "ވަރަށް ގިނަ ހިދުމަތް ކޮށްދެއްވައިފި، ވަރަށް މަސައްކަތް ކުރައްވައިފި، އެހެންވީމަ މަރޭއަކީ ވަރަށް ބޮޑު ހިދުމަތްތެރިއެއް،" އަހްމަދު އިސްމާއީލް ވިދާޅުވެފައި އެވެ.

މަރުޒޫގްގެ ބައްޕައަކީ ރާއްޖޭގެ ފުޓްބޯޅައިގައި 1960 ގައި ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު އައްޑޫ ފޭދޫ ޑީއެންސީގެ އެއް ހިދުމަތްތެރިޔާ މަރުހޫމް ހުސައިން ދީދީ (ޖޯޖް) އެވެ. ރާއްޖޭގެ ލެޖެންޑެރީ ކޯޗް އަބްދުލް ޖަލީލް (އަބުޖީ) މަރުޒޫގްއަށް މުހާތަބު ކުރަނީ "ޖޯޖޯގެ އަހަންމަދު" ނަމުންނެވެ.

އެސޯސިއޭޝަންތަކަށް ލިބޭ ޓްރެއިނިން ސްކޮލާޝިޕް ފުރުސަތު ތަކަކީ އޮލިމްޕިިކް ކޮމިޓީ މެދުވެރިން ވެގެން އައި ކަމަށް ވިޔަސް މަރުޒޫގްގެ މަސައްކަތްވެސް އޭގައި ހިމެނިގެން ދާނެ ކަންކަން،" އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލު ވިދާޅުވި އެވެ. "އެތުލެޓިކްސް އެސޯސިއޭޝަނާ ވަރަށް ގާތް ގުޅުމެއް ބާއްވާ، އެސޯސިއޭޝަންގައި ތިއްބެވި ބޭފުޅުންނަކީ ޕާސަނަލީ ވެސް މަރޭއާ ގާތްކަން ބައްހަޓާ ބޭފުޅުން."

އެތުލިޓުންނަށް ކާމިޔާބު ހޯދާނެ ގޮތް ބުނެދެއްވުމުގައި އޭނާ ގެންގުޅޭ ފޯމިއުލާ ހުށަހަޅައިދެނީ ބަލައިގަންނަން ފަސޭހަ އެއްޗެއްގެ ގޮތުގަ އެވެ. އެތުލީޓުންގެ ބަހުރުވައިން އެއީ، "މަރޭ ފޯމިއުލާ" އެވެ. އެތުލިޓުންގެ ރަދީފުގައި "މެޑަލް" އެއީ ނެތް ލަފުޒަލަށް ވެފައި ވަނިކޮށް އެ ލަފުޒު އެތުލީޓުންގެ ދުލަށް ފަސޭހަ ކޮށް ދިނިވެ. މަރޭގެ އެންމެ ހާއްސަ ކަމަކީ ޖާގަ ދިނުމާއި ފުރުސަތު ހޯދައި ދިނުމެވެ. އެތުލީޓުން ދެކެ ލޯބި ވުމާއި ޝައުގުވެރި ކަމެވެ. އާ ހިޔާލުގެ ވިސްނުން ގެންގުޅުމެވެ. ދިގު މުއްދަތަކަށް ދުރު ގައުމުތަކަށް ޒުވާން އެތުލީޓުން ޓްރެއިނިން ޕްރޮގްރާމްތަކަށް ދާން ރުހުން ދޭން ބައެއް ފަހަރު ބައެއް މައިންބަފައިންނަށް އުނދަގޫ ކަމަކަށް ވެއެވެ. އެފަދަ ހާލަތުގައި އެ އެތުލީޓެއްގެ ބެލެނިވެރިންނާ މަރޭ ބައްދަލު ކޮށް ވާހަކަ ދައްކަވަ އެވެ. ފުރުސަތާއި އުންމީދުގެ ތެރެއިން އެ އެމައިންބައިން ރުއްސަ އެވެ.

"ކުޅެން ފެށިއިރު ދުވަހަކުވެސް އުންމީދެއް ނުކުރަން އިންޓަނޭޝަނަލް ގޭމްސް އަކުން މެޑަލް ލިބޭނެ ކަމަކަށް، މެލޭޝިއާގެ ޓްރެއިނިން އަށް ފޮނުވަން ވެގެން މަރޭ ބައްދަލު ކޮށްފަ ވިދާޅުވީ މެޑަލް ހޯދަން މަސައްކަތް ކުރާށޭ އޭގެ ކުރިން ދުވަހަކު ވެސް އެގޮތަކަށް މިހަކު ވާހަކަ ނުދައްކާ،" އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީޓީ އިން ރާއްޖެއަށް ގޯލްޑް، ސިލްވާ އަދި ބްރޯންޒް މެޑަލް ހޯދައިދިން، މިދިޔަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ޓީޓީގެ ލެޖެންޑް މުއިނާ މުހައްމަދު ބުންޏެވެ. "އެތުލީޓުން ގާތު މެޑަލް ހޯދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ މަރޭ، އެހެންވެ މަރޭ ކުޅިވަރުގެ މިހާރުގެ ބައްޕަ އަކަށް ވަނީ ޕާސަނަލީވެސް ގަތް ގުޅުމެއް ބާއްވާ އިންޖަރީ އެއް ވީމަވެސް ވީމަވެސް މަރޭ އަށް ގުޅާފަ ބުނަން، އަލުން ރިކަވާ ވެގެން އަންނަން ހިތްވަރު ދޭނެ"


މަރޭގެ މެރިޓް އެވޯޑް، އޭނާ ހާއްސަ ކުރީ ދިވެހި އެތުލީޓުންނަށެވެ. އޭނާ ވިދާޅުވީ އޭނާއަށް މި އެވޯޑް ލިބުމުގެ އެންމެ ބޮޑު އެހީތެރިންނަކީ ދިވެހި އެތުލީޓުން ކަމަށެވެ.