އަހުމަދު ނިހާން ހުސައިން މަނިކު

ނިހާންގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

އެ އޮފީހުން ވަނީ އެކަން ޔަގީންކޮށްދީފައެވެ. ޕީޖީގެ އޮފިޝަލަކު ވިދާޅުވީ ނިހާންގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި އެ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ. އެ އޮފިޝަލް ވަނީ ނިހާންގެ މައްޗަށް ގިނަ ހެކިތަކެއް ހުރި ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ލީޑަރަކަށް ހުންނެވި ނިހާން ރާއްޖެއިން ބޭރަށް ފުރުންވެސް ވަނީ މަނާކޮށްފައެވެ. ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭނާ ފުރައިގެން ބޭރަށް ދާން އުޅޭތީ ކަމަށް އަޑުފެތުރުނު ނަަމަވެސް އެ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ނިހާންއާ ސުވާލު ކުރުމަށް ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފައިވެއެވެ. މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ނިހާން އެ ކޮމިޝަނަށް ހާޒިރުކުރިކަން އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ޔަގީންކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ކުރިން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނިހާން ފަހުން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ޖުމްހޫރީ ޕާޓީން ސިލްސިލާކޮށް ބާއްވަމުންދިޔަ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ނިހާން ކޮންމެރެއަކުން އޭރު ވާހަކަ ދެއްކެވިއެވެ.

ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް އަދީބް ވަނީ ވިދާޅުވެފައެވެ. ބޮޑު ހިޔާނާތުގެ ކަޅު ފައިސާ ހުރިހާ ސިޔާސީ ޕާޓީތަކަކަށް ލިބިފައިވާ ކަމަށް އަދީބް ވަނީ ވިދާޅުވެފައެވެ. އެ ހިޔާނާތުގެ ތުުހުމަތު 18 ވަނަ މަޖިލީހުގެ ގިނަ މެންބަރުންނަށް ކުރެއެވެ.

ބޮޑު ހިޔާނާތުގެ މަންފާ ލިބުނު އަދަދުތައް

  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން
  • ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުން
  • މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން
  • ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން
  • މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުން
  • ފަސް ފަނޑިޔާރުން (ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ)
  • ފުލުހުންނާއި ސިފައިންގެ ހަތް އޮފިސަރުން