ބާސެލޯނާ

ސޮސިއެޑާޑް ބަލިކޮށް ބާސާއަށް ހަމަޖެހުމެއް

ރެއާލް ސޮސިއެޑާޑްގެ މައްޗަށް 2-1 ގެ ނަތިޖާ އަކުން ކާމިޔާބު ހޯދައި އެފްސީ ބާސެލޯނާއިން ތަވާލުގެ ފަސް ވަނައަށް ޖެހިލަިއފި އެވެ.

މެޗުގައި، ސޮސިއެޑާޑުން ލަނޑު ޖަހާފައި ވަނިކޮށް، ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ޖޯޑީ އަލްބާ މެޗަށް ފަހު ވާހަކަ ދައްކަމުން ބުނީ، މި ސީޒަންގައި ބާސާ ކުޅުނު އެންމެ މޮޅު މެޗަކީ ރޭ ގެ މެޗު ކަމަށެވެ. ބާސާގެ ކޯޗް ރޮނަލްޑް ކޫމަން ސެންޓްރަލް ދެ ޑިފެންޑަރުންގެ ރޯލް ދިނީ ޒުވާން ދެ ޑިފެނޑަރުން ކަމަށްވާ، ރޮނަލްޑް އަރައުހޯ އާއި އޮސްކާ މިންގޭޒާ އަށެވެ.

ސޮސިއެޑާޑުގެ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ވިލިއަމް ހޯޒޭ ކާމިޔާބު ކުރީ ޕޯޓޫ ދިން ޕާހަކުންނެވެ. ގޯލްގެ ދަނޑި ކައިން ޕޯޓޫ ގޯލްގެ އަނެއް ދަނޑިއާ ހަމައަށް ހުރަސް ކޮށްލި ބޯޅަ ފޮނުވާލަން ހޯޒޭއަށް ގޯލް ފުޅާކޮށް ލިބުނެވެ. އޭރު ބާސގެ ކީޕަރު މާކް އެންޑްރޭ ޓާސްޓެގަން ހަރަކާތް ކުރީ ޕޯޓާ ހުރި ދިމާލާށެވެ. ހޯޒޭ ވަނީ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލަފަ އެވެ.

އޭގެ ހަތަރު މިނެޓް ފަހުން ޖޯޑީ އަލްބާ ވަނީ ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރޭންކީ ޑިޔޯންގް ވަނީ ބާސާއަށް ލީޑް ނަގައިދީފަ އެވެ.

މެޗު އެއްވަރު ކޮށްލައިގެން ވެސް، ސޮސިއެޑާޑަށް ތާވަލުގެ އެއް ވަނަ މަގާމަށް ދެވެން އޮތެވެ. ތާވަލުގެ އެންމެ ކުރީގައި އޮތް ތިން ޓީމަށްވެސް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ. ސޮސިއެޑާޑް އޮތީ ތާވަލުގެ ދެ ވަނައިގަ އެވެ. އެތުލެޓިކޯ މެޑްރިޑް އެއް ވަނައިގަ އެވެ. ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނައިގަ އެވެ. ތިން ޓީމަށްވެސް 26 ޕޮއިންޓެވެ.