ޔުވެންޓާސް

ރޮނާލްޑޯއަށް ނާކާމިޔާބުވެ ޔުވެންޓަސް އެއްވަރު

އެޓަލާންޓާ އާ ދެކޮޅަށް، ޔުވެންޓަސްއަށް ލިބުނު ޕެނަލްޓީ ކްރިސްޓިއާ ނޮނާލްޑޯއަށް ނާކާމިޔާބު ވެ މެޗުގެ ނަތީޖާ އެއްވަރު ވެގެން ނިމިއްޖެ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ، ޔުވެންޓަސްއިންނެވެ. އެ ޓީމުގެ ލަނޑު ފެދޭރީކޮ ޗިއެސާ ކާމިޔާބު ކުރީ މެޗުގެ 26 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރޮޑްރިގޯ ބެންޓަންކޫރާ ތަނަވަސް ކޯށްދިން ފުރުސަތަކުންނެވެ. މެޗުގެ 57 ވަނަ މިނެޓްގައި އެޓަލާންޓާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ރެމޯ ފުރެއުލާ އެވެ.

މެޗުގެ ނަތީޖާ އިތުރަށް ބަދަލު ނުވުމުގައި ދެ ޓީިމުގެ ކީޕަރުންގެ ހިއްސާ ބޮޑެވެ. ޔުވެންޓަސްގެ ކީޕަރު ވޮއިޖެކް ސްޓޭންޒުނޭ ވެސް ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. މެޗުގެ ތަރި އަކަށްވީ އެޓަލާންޓާގެ ކީޕަރު ޕިއާލުއީޖީ ގޮލީނީ އެވެ.

އެޓަލާންޓާއިން ނަތީޖާ ހަމަހަމަ ކުރީތާ ހަތަރު މިނެޓް ފަހުން ޔުވެންޓަސް އަށް ލިބުނު ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލުމުން ގޮލީނީ އެ ބޯޅަ ދިފާއު ކުރި އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ގޮލީނީ ބުނީ ރޮނާލްޑޯ އާންމުކޮށް ޖަހާ ފަޅި ނޫން އަނެއް ފަޅިއަށް ޕެނަލްޓީ ޖަހާނެ ކަަން ވިސްނުނު ކަމަށާއި އެހެންވެ ހަރަކާތް ކުރީ އެގޮތަށް ވިސްނައިގެން ކަމަށެވެ.

"އޭނާ [ރޮނާލްޑޯ] އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އޭނާ އަބަދުވެސް އެއް ދިމާލަކަށް ޕެނަލްޓީ ޖަހާތާ ދުވަސްތަކެއް ވެއްޖެ. އަހަންނަށް ވިސްނުނީ އަހަންނާ ދެކޮޅަށް އޭނާ ޕެނަލްޓީ ޖަހާއިރު މިސްރާބު ބަދަލު ކުރާނެ ކަމަށް. މިދިޔަ ސީޒަންގައި އަހަންނާ ދެކޮޅަށް އޭނާ ދެ ލަނޑު ޖެހި މިފަހަރު އަހަންނަށް ކުރިމަތިލުން ކާމިޔަބު މިވީ." ސްކައި ސްޕޯޓް އިޓާލިއާ އާ ވާހަކަ ދައްކަމުން ގޮލީނީ ބުންޏެވެ.

އިންޓަ މިލާން އާއި ނަޕޯލީ ކުޅުނު މެޗުގެ ނަތީޖާ ބަދަލުވެގެން ދިޔައީ ޕެނަލްޓީންނެވެ. އިންޓަ، 1-0 ން މެޗު ކާމިޔާބު ކުރީ 73 ވަނަ މިނެޓްގައި ރޮމެލޫ ލުކާކޫ ޖެހި ޕެނަލްޓީންނެވެ. އޭރު އިންޓަގެ ލިރޮއީ އީންސީނިއާ އަށް rވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އެއީ އެ ޓީމުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އިންޓަގެ މާޓާއޯ ޑާމިއަން އަށް އިންސީނިއާ އާއި ނަޕޯލީގެ ކީޕަރު ޑޭވިޑް އޮސްޕީނާ އެއްފަހަރާ ކުރި ޗެލެންޖުގައި އިންސިއާނިއާ އަތުގައި ބޯޅައިން ޖެހުމުންނެވެ. އެ ޗެލެންޖާ ގުޅިގެން އޮސްޕީނާއަށް ރީނދޫ ކާޑު ދެއްކި އެވެ. ލުކާކު ލަނޑު ޖެހީ އެކަމާ ގުޅިގެން ލިބުނު ޕެނަލްޓީންނެވެ.