ހަބަރު

ރާއްޖޭގެ ތަރައްގީއަށް ބަންގުލަދޭޝް މީހުންގެ ހިއްސާ ބޮޑު: ޝާހިދު

Dec 17, 2020

ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން އެކި ދާއިރާތަކުގައި މަސައްކަތްކުރަމުން ދާއިރު، އެފަރާތްތަކުން ރާއްޖޭގެ އިގުތިސޯދީ އަދި އިޖްތިމާއީ ތަރައްގީގައި ވަރަށް ބޮޑު ހިއްސާއެއްވާކަމަށް ފޮރިން މިނިސްޓަރުް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަންގައި ބޭއްވި ރަސްމިއްޔާތަކަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުންދާނެ ކަމަށެވެ.

އަދި ރާއްޖެއާއި ބަންގްލަދޭޝްއާއި ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްގީކުރުމާއި، ސިއްހީ، ދިފާއީ އަދި ތައުލީމީ ދާއިރާއަށް ބަންގްލަދޭޝްއިން ވަމުންދާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ކޮވިޑް-19ގެ މި ދަތި ދަނޑިވަޅުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ވެފައިވާ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.

އެގޮތުން ރާއްޖެއަށް ބޭނުންވާ ބޭހާ ކާބޯތަކެތި ފޯރުކޮށްދިނުމާއި، ބަންގްލަދޭޝްގެ ސިފައިންގެ މެޑިކަލް ޓީމެއް ރާއްޖެއަށް ފޮނުވައިދިނުމާއި، ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ދަރިވަރުން އަނބުރާ ރާއްޖެ ގެނެސްދިނުން ފަދަ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.