އިންޑިޔާގެ ބައެއް ފެކްޓްރީތަކުގައި ތައްޔާރުކުރާ ކާ އެއްޗިއްސަށް އެސިޑާއި އެނޫން ބާވްތައްތައް އަޅާ ގަޑުބަޑު ކުރާ މައްސަލަ މިހާރު ވަނީ ބޮޑުވެފަ އެވެ. މިއީ އިންސާނުންގެ ސިއްހަތަށް އިންތިހާއަށް ގެއްލުންހުރި ކަމަކަށް ވިޔަސް ބައެއް މީހުން އަމިއްލަ ފައިދާއަށްޓަކައި މިފަދަ ކަންކަން ކުރުމަށް އެއްގޮތަކަށް ވެސް ޖެހިލުމެއް ނުވެ އެވެ.
ދާދިފަހުން އިންޑިޔާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ހަތަރަސް ކިޔާ ހިސާބެއްގައި ހުރި ހަވާދު އުފައްދާ ފެކްޓްރީއެއްގައި މިގޮތަށް ތަފާތު އެއްޗެތި އަލައިގެން ހަވާދު ގަޑުބަޑު ކުރަނިކޮށް އެ ހިސާބުގެ ފުލުހުން ވަނީ އެ ކަން ފަޅާ އަރުވާލާ އެ މަސައްކަތް ހުއްޓުވާފަ އެވެ.
އެ ފެކްޓްރީގައި ހުރި ހަވާދު އުފައްދާ ޔުނިޓުގައި ތައްޔާރު ކުރަމުން ދިޔަ ހަވާދު ހުރީ ވަރަށް ބޮޑަށް ގަޑުބަޑުކޮށް މަކަރުހަދާފަ އެވެ. އަދި ލޯކަލް ބްރޭންޑެއްގެ މި ހަވާދު ތައްޔާރު ކުރުމުގައި ހިމާރުގެ ނަޖިހާއި ހުއި އަދި އެސިޑް ބޭނުން ކުރަނިކޮށް ފުލުހުންނަށް ވަނީ ފެނިފަ އެވެ.
މި ފެކްޓްރީގައި ތައްޔާރުކުރާ ހަވާދުގައި މި ތަކެތި ބޭނުން ކުރާކަން ފަޅާ އެރީ މިދިޔަ ހޯމަ ދުވަހު އެ ހިސާބުގެ ފުލުހުން މި ފެކްޓްރީއަށް ކުއްލިއަކަށް ވަދެ އެތާގައި ކުރަމުންދިޔަ މަސައްކަތްތައް ބަލަން ފެށީމަ އެވެ. ފުލުހުން މި ފެކްޓްރީ އަށް ވަނީ އެތަނުގައި ހަވާދު ގަޑުބަޑު ކުރާކަމުގެ މައުލޫމާތު ކޮންމެވެސް ގޮތަކަށް އެނގިގެންނެވެ.
ފުލުހުން ވަދެ ޗެކް ކުރިއިރު އެތަނުން 300 ކިލޯގެ ހަވާދު ގޮތަށް ތައްޔާރު ކޮށްފައިވާ އަސްލު ނޫން ހަވާދު ފެނިފައި ވެއެވެ.
ޓައިމްސް އޮފް އިންޑިޔާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފުލުހުން ވަނީ ފެކްޓްރީގެ ވެރިޔާ އަނޫޕް ވާޝްނީ ހައްޔަރުކޮށް ފެކްޓްރީ ބަންދުކޮށްފަ އެވެ. މި ފެކްޓްރީއަކީ ތެޅި މިރުސް، ގަރަމް މަސާލާ، ކޮރިއަންޑާ ޕައުޑާ، އަދި މުގުރާފައި ހުންނަ ރީނދޫ ޕެކެޓްކޮށް ވިއްކަން ތައްޔާރުކުރާ ފެކްޓްރީއެކެވެ.
މި ތަކެތި ގެންގޮސްގެން ލެބޯޓްރީގައި ޓެސްޓް ކުރުމުން އެއީ ހިމާރުގެ ނަޖިހާއި ހުއި އަދި އެސިޑާއި އާޓިފިޝަލް ކުލަ އަޅައިގެން ތައްޔާރު ކޮށްފައިވާ އެއްޗެތިކަން ވަނީ އެނގިފަ އެވެ. މި ތަކެއްޗަށް އަޅާފައިވާ ކުލަޔާއި އެނޫން ތަކެއްޗަކީ އެއްގޮތަކަށް ވެސް ކާން ކަމުނުދާ އަދި އެ ކެއުމުން ހަށީގަނޑަށް ގެއްލުން ލިބޭ އެއްޗެތިކަން ވެސް ޔަގީން ކުރެވިފައި ވެއެވެ.
މި ފެކްޓްރީން ނެގި 27 ވަރަކަށް ސާމްޕަލް ލެބޯޓްރީތަކަށް ފޮނުވައިގެން ޓެސްޓް ކުރުމަށްފަހު މި ހަވާދުގެ ބާވަތްތަކަކީ ކާން އެއްގޮތަކަށް ވެސް ކަމުނުދާ އަދި އެ ކެއުމުން ހަށީގަނޑަށް އިންތިހާއަށް ގެއްލުން ލިބޭ އެއްޗެތިކަން ސާބިތު ކުރުމަށްފަހު ފެކްޓްރީގެ ވެރިމީހާ އަށް ދައުވާ ކުރަން ފޮނުވާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ނިންމާފަ އެވެ.
ޖޮއިންޓް މެޖިސްޓްރޭޓް ޕްރޭމް ޕްރަކާޝް މީނާ ބުނި ގޮތުގައި ފޭކް ސްޕައިސް ނުވަތަ އަސްލު ނޫން ހަވާދުގެ 300 ކިލޯ އެ ފެކްޓްރީން ހޯދާފައި ވެއެވެ. މި ތަކެތި ތައްޔާރުކޮށް ޕެކެޓްކުރަނީ ލޯކަލް ބްރޭންޑެއްގެ ނަމުގަ އެވެ. އަދި ހަވާދު ފެކްޓްރީގެ ލައިސަންސް އެތަނުގެ ވެރިމީހާގެ އަތުގައި ނެތް ކަމަށާއި އެ ތަނުގައި ތައްޔާރުކުރަމުންދާ ހަވާދު ޕެކެޓްތަކުގައިވާ ނަމަކީ ވެސް ރަޖިސްޓްރީ ކޮށްފައިވާ ނަމެއް ނޫންކަމަށް އޭނާ ބުންޏެވެ.
ހެލްތު ޑިޕާޓްމަންޓުގެ އޮފިޝަލުން ބުނި ގޮތުގައި ގަޑުބަޑޫކޮށްފައި ހުންނަ ހަވާދު މާ ގިނަގިނައިން ބޭނުން ކުރެވިއްޖެނަމަ ހީވެސް ނުކުރާ ވަރުގެ ބޮޑެތި ގެއްލުންތައް އިންސާނުންގެ ހަށިގަނޑަށް ކުރާނެ އެވެ.
ދާދިފަހުން އިންޑިޔާގެ ސެންޓާ ފޯ ސައިންސް އެންޑް އެންވަރަޔަންމަންޓުން ހޯދުމަކުން އެ ގައުމުގައި ވިއްކާ މާމުއިގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ދާބޫރް، ޕަތަންޖަލީ އަދި އިމާމީ ބްރޭންޑްގެ މާމުއި ގަޑުބަޑު ކޮށްފައި ހުރިކަން ވަނީ ފަޅާ އަރާފަ އެވެ. މާމުއިގެ ވިޔަފާރިކުރާ މި ކުންފުނިތަކުން އުފައްދާ ބާޒާރަށް ނެރޭ މާމުއި ފުޅިތަކުގައި ޗައިނާއިން އިމްޕޯޓް ކޮށްފައިވާ ސިންތެޓިކް ޝުގާ ސިރަޕް ބޭނުންކޮށްފައިވާކަން ވަނީ ޔަގީން ކުރެވިފަ އެވެ. މިއީ އިންސާނުންގެ ސިއްހަތަށް ވަރަށް ގެއްލުން ލިބޭނެ އެއްޗެކެވެ.