ވިޔަފާރި

ގައުމީ ބޭންކުގެ ތިންވަނަ ކުއާޓަރުގެ ފައިދާ 38 ޕަސެންޓް އިތުރުވެއްޖެ

  • މި ކުއާޓާގެ ސާފު ފައިދާ 159 މިލިއަން ރުފިޔާ
  • 140 ރަށެއްގައި ބޭންކިން ހިދުމަތް މިހާރު ލިބޭ
  • މިއަހަރު ދެ ބިލިއަން ރުފިޔާ ލޯނު ދޫކުރި

ގައުމީ ބޭންކަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު ފައިދާ ނިމިދިޔަ ކުއާޓަރާ އަޅާ ބަލާއިރު 38 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ގައުމީ ބޭންކުން ބުނީ މި އަހަރުގެ ތިން ވަނަ ކުއާޓާގެ ސާފު ފައިދާ (ޓެކްސް އަށް ކެނޑުމަށްފަހު) 159 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މި ނަތީޖާ ހާސިލުކުރެވުނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކުގެ ހިދުމަތް ދިނުމަށާއި ސެލްފް ސާވިސް ބޭންކިން އިތުރަށް ފުޅާކުރުމަށާއި ބްރާންޗްތައް އިތުރަށް ތަރައްގީކުރުމަށް މި ކުއާޓަރުގައި ވަރަށް ބޮޑަށް އިންވެސްޓްކުރަމުންދިޔުމާ ވެސް އެކުގައި ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

ބީއެމްއެލްއިން ބުނީ ދިވެހިންނަށާއި ވިޔަފާރިތަކަށް މިއަހަރުގެ މިހާތަނަށް 2.2 ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރެވިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެއް ކަމަށެވެ.

އެ ބޭންކުން ބުނީ މީހުން ދިރިއުޅޭ ރަށްރަށް ހިދުމަތް ފުޅާ ކުރުމަށް މި އަހަރުވެސް އިތުރު އިންވެސްޓްމަންޓްތައް ކުރާނެ ކަމަށެވެ.

" މީހުން ދިރިއުޅޭ 140 ވަނަ ރަށަށް ފައިސާ ނެގުމުގެ ޚިދުމަތް ވަނީ ތަޢާރަފްކުރެވިފައެވެ. ހަމައެހެންމެ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަޕޯރޓްގައި ބީއެމްއެލްގެ 8 ވަނަ ސެލްފް ސާވިސް ބޭންކިން ޔުނިޓްވެސް ގާއިމުކުރެވުނެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ފުރަތަމަ މޮބައިލް ބޭންކިންގ އެޕް ވެސް ވަނީ ތަޢާރަފްކުރެވިފައެވެ. މިހާތަނަށް މި އެޕް 30،000 އަށް ވުރެ ގިނަ ފަހަރު ޑައުންލޯޑް ކޮށްފައިވާއިރު ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް މި އެޕަށް ދަނީ ލިބެމުންނެވެ،" ބީއެމްއެލްއިން ބުނެފައިވެ އެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މި ނަތީޖާ ދައްކަނީ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ.

"މި ނަތީޖާއިން ދައްކުވައިދެނީ ބޭންކުގެ އެންމެހާ މުވައްޒަފުން ކޮށްދީފައިވާ ބުރަ މަސައްކަތް. މި ފުރުސަތުގައި ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރަން. މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައިސާ ނެގުމުގެ ހިދުމަތް ދިނުމަށާއި ސެލްފް ސަރވިސް ބޭންކިންގ މާލޭގައި އިތުރަށް ފުޅާކުރުމަށާއި ބްރާންޗްތައް އިތުރަށް
ތަރައްގީކުރުމަށް އިންވެސްޓްކޮށްފައިވާ އިރުވެސް ބޭންކް މިވަނީ މާލީ ގޮތުން ހަރުދަނާ ބިންގަލެއްގެ މަތީގައި ދެމެހެއްޓިފައި،" ސީއީއޯ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ މިހާތަނަށް ދެ ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާ ކަމަށެވެ.

"މި އަހަރުގެ މިހާތަނަށް އައި އިރު ދިވެހި ފަރުދުންނަށާއި ވިޔަފާރިތަކަށް 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމީ އަޅުގަނޑު ވަރަށް އުފާވާކަމެއް. މިއިން ދައްކުވައިދެނީ ދަރިވަރުންގެ ކިޔެވުމަށާއި ގެދޮރު ގަތުމަށާއި އަދި ވިޔަފާރިތައް ފުޅާކުރުމަށްޓަކައި ބޭންކުން އެހީތެރިވަމުންދާކަން،" ސީއީއޯ ހެންޑްރޫ ވިދާޅުވެފައިވެ އެވެ.