(އެޕިސޯޑް 2)
"ވަހީދު. ވަހީދު.." ބިންމައްޗަށް ވެއްޓިފައި އޮތް އަސްމާ މަގުމަތިން ތެދުވީ ވަރަށް އުނދަގުލުންނެވެ. އަސްމާގެ އަތުގެ އެކި ހިސާބު ތަކުން ހަން މަށައިގެން ގޮސްފައިވާ އިރު، އޭނާގެ ނިތްކުރިން ލޭތިކިތައް ފައިބަމުން ދިޔައެވެ. ނަމަވެސް އެއްވެސް ކަހަލަ ބޮޑު ގެއްލުމެއް، އަސްމާއަށް ލިބިފައިވާ ހެނެއް ހީއެއް ނުވެއެވެ. ފަހަތުން އައި ސައިކަލްގައި އިން މީހާ ވެސް ވަނީ މަގުމައްޗަށް ވެއްޓިފައެވެ.
ކޮރަމުން ކަހަލަ ގޮތަކަށް އަސްމާ ހިނގާފައި ދިޔައީ، އަސްމާއާ ގާތްގަނޑަކަށް 20ވަރަކަށް ފޫޓު ދުުރަށް ބުރައިގެން ގޮސްފައިވާ ވަހީދާ ދިމާލަށެވެ. އަސްމާގެ ލޮލުން ހޯސްލާފައި ފައިބަމުން ދިޔައީ ހިތްދަތި ކަމާއި، ވޭން އެކުލެވިފައިވާ ކަރުނައެވެ.
"ވަހީދު. ނޫން. ވަހީދު. މީހެކޭ.!" އަސްމާ ގޮސް ބައްދައިގަތީ ލެއިން ތަތްތެޅިފައިވާ ވަހީދުގެ ގައިގައެވެެ. ވަހީދުގެ ދެލޯ ވަނީ މެރިފައެވެ. ވަހީދުގެ މުޅި ގައި ލެއިން ތަތްތެޅިފައި ވުމުން ލިބިފައި ވަނީ އާދައިގެ ގެއްލުމެއް ނޫންކަން އަސްމާއަށް ޔަޤީންވިއެވެ. އޭރު އެ ސަރަހައްދަށް އާއްމުންނާއި ފުލުހުން ދިޔައީ އެއްވަމުންނެވެ. އަސްމާ އަޑުގެ ނެތްކޮޅަށް ރޮމުން ގެންދިޔައީ ވަހީދަށް ގޮވަމުންނެވެ.
***
ކޮޓަރިން ބޭރުން އެއްޗެއް ވެއްޓުނު އަޑަށް ލިއުޝާ ދިޔައީ ސިއްސައިގެންނެވެ. އޭރު ގަޑިން 12 ޖަހަން ވަނީ ގާތްވެފައެވެ. ހައިޝަމް ގެއަށް ނާންނާތީ، އެ ހާސްކަން މަތީގައި ހުރެ މަޑުމަޑުން ލިއުޝާ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ސިޓިންގރޫޫމްގެ ލައިޓު ވަނީ ނިއްވައިލައިފައެވެ. ފެތުރިފައިވާ އަނދިރި ކަމުގެ ސަބަބުން އެއްވެސް ތަނެއް ލިއުޝާއަކަަށް ނުފެނެއެވެ.
"ކާކު؟" ލިއުޝާ ބިރުން ހުރެ އަހައިލިއެވެ. ހަމަ އެއާއި އެކު ލިއުޝާއަށް އިވެން ފެށީ މީހެއްގެ ފިޔަވަޅުތަކެއްގެ އަޑެވެ. ލިއުޝާ ކޮޅުނެތް ކޮޅަށް ބިރުގަންނަން ފަށައިފިއެވެ. ކުއްލިއަކަށް މުޅި ތަނުން އަލިވެގެން ދިިިޔައެވެ.
"ސަޕްރައިޒް!" ލިއުޝާގެ ކުރިމަތީގައި ރަތް ފިނިފެންމަލަކާއި އެކު ހުރީ އޭނާގެ ފިރިމީހާއެވެ. ލިއުޝާއަށް ހަމަޖެހުމެގެ ނޭވާއް ލެވުނީ ދެނެވެ. ހިތްމަތީގައި އަތް އަޅައިލަމުން، ފުންކޮށް ދެތިން ނޭވާއެއް ލިއުޝާ ދޫކޮށްލިއެވެ.
"ހެޕީ ވަން މަންތް އެނިވާރސަރީ ވައިފް." ހައިޝަމްގެ އަތުގައި އޮތް ރަތް ފިނިފެންމާ ދިއްކޮށްލީ، ލިއުޝާއަށެވެ. ލިއުޝާ ހިނިތުންވެލަމުން ހައިޝަމް ދިއްކޮށްލި މަލުގައި ހިފައިލިއެވެ.
"އެކަމު ދޯ؟ އަހަރެން މުޅިން ބިރުގަންނަވާލީ ވިއްޔާ! އަހަރެން ހީކުރީ ކޮންމެވެސް މީހަކު މިގެއަށް ވަނީކަމަށް." ފިނިފެންމަލަށް ބަލައިލުމާއި އެކު ލިއުޝާ ބަލައިލީ ހައިޝަމްގެ މޫނަށެވެ.
"އަހަރެން އަސްލު މި ސަޕްރައިޒް ދޭވެގެން ގެއަށް ނައިސް މިހުރީ.. ސަޕްރައިޒް އޯކޭތަ؟" މޭޒުމަތީގައި އިން ކޭކަށް ނަޒަރު ހިންގައިލަމުން، ހައިޝަމް ހީނލިއެވެ. ލިއުޝާ ވަަރަށް އުފަލުން އާނއެކޭ ބުނަމުން ހައިޝަމްގެ ގައިގައި ބައްދައިގަތެވެ.
"ހިނގާ ކޭކު ފަޅަން." ހައިޝަމް ހިފައިލީ ލިއުޝާގެ އަތުގައެވެ. މޭޒުމަތީގައި އޮތް ކުޑަ ވަޅި، ކޭކުގައި ޖައްސައިލުމާއި އެކު، ލިއުޝާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ ޒީނާއެވެ.
"ޒީނާ ގުޅަނީ. މިގަޑީގަ ގުޅާނީ ވަރަށް ބޮޑު ކަމެއް ވީމަ ކަންނޭނގެ. އެބަ ނަގާލަން އިނގޭ." ކޭކު ރަނގަޅަށް ނުވެސް ފަޅައި، ލިއުޝާ އޭނާގެ ފޯނަށް ޖަވާބު ދިނެވެ.
"ކީކޭ؟" ތެޅިގަތްފައި ލިއުޝާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ލިއުޝާގެ ކަންފަތުގެ ހިނދުރިތެރެއަށް ހީވީ ބޮޑު ތޫފާނެއް އެރިހެންނެވެ. ލިއުޝާ ލާން އުޅުނު ނޭވާ، އޭނާގެ ނޭވާ ހޮޅީގައި ތާށިވި ކަހަލައެވެ.
"ކިހިނެއްވީ ލިއު؟" ހައިޝަމް ހައިރާން ކަމާއި އެކު، ދެލޯ ބޮޑުކޮށްގެން ކޮޅަށް ތެދުވެ ލިއުޝާގެ އަތުގައި ހިފައިލިއެވެ.
"ވަހީދު." ލިއުޝާގެ ބަޑި ފަޅައިގެން ދިޔައެވެ. ހައިޝަމްގެ ގައިގައި އޮޅުލައިގަނެގެން ލިއުޝާ ފެށީ ރޯންށެވެ. ވާނުވާ ނޭނގިފައިވާ ހައިޝަމްގެ ހިތަށް ކުރުވަން ފެށީ ހާސްކަމާއި، ނުތަނަވަސް ކަމެވެ.
"ހައިޝަމް. އަހަންނާ އެކު ކިޔެވި ވަހީދު އެކްސިޑެންޓް ވެއްޖެ. ޑޮކްޓަރުން އުއްމީދު ވެސް ކަނޑައިލިފި.." ލިއުޝާ ރޮމުން ރޮމުން ބުނެލިއެވެ. ހައިޝަމް މަޑުމަޑުން ލިއުޝާގެ ބުރަކަށީގައި ފިރުމައިލިއެވެ.
***
ދަންވަރުގެ ވަގުތެއް ކަމަކު، މާލޭގެ ހަލަބޮލިކަން އެހެން ރޭތަކާއި ޚިލާފަށް މިރޭ މާބޮޑެވެ. ބްރިޖުގައި ހިނގާ ދިޔަ ނުރައްކާތެރި އެކްސިޑެންޓުގެ ވާހަކަ ރާއްޖޭގެ އެކި މީޑިއާތަކުން ގެންދަނީ ހޫނު ޚަބަރެއްގެ ގޮތުގައި މުޅި ރާއްޖެއަށް ގެނެސްދެމުންނެވެ. އެކްސިޑެންޓުގައި ފަހަތުން އައި މީހާ ނިޔާވެ، ވަހީދުގެ ހާލު ވަނީ ވަރަށް ސީީރިއަސް ވެފައެވެ. އަސްމާއަށް ލިބިފައިވަނީ ކުދި އަނިޔާތަކެވެ. އޭޑިކޭ ހޮސްޕިޓަލަށް ބާރު ބޮޑުވެ، މުޅި ހޮސްޕިޓަލް ވަނީ ފުރިފައެވެ.
"ހިތްވަރު ކުރަންވާނެ." ލިއުޝާގެ ކޮނޑުގައި ހިފައިލަމުން، ހައިޝަމް އެހެން ބުނެލީ ލިއުޝާއަށް ހިތްވަރު ދެމުންނެވެ. އެވަގުތު އެމީހުން ތިބީ އޭޑީކޭ ހޮސްޕިޓަލްގައި ހުންނަ ގޮނޑިބަރިއެއްގައި އިށީންދެގެންނެވެ. ލިއުޝާގެ ގާތުގައި އޭނާއާ އެކު މެޑިސިން ކިޔެވި، ހުރިހާ ޑޮކްޓަރުން ވެސް ވަހީދުގެ ހާލުބެލުމަށް އައިސް ތިއްބެވެ. ލިއުޝާގެ ކަނާއަތަށް ހައިޝަމް އިން އިރު، ލިއުޝާގެ ވާއަތް ފަޅީގައި އިނީ ޒީނާ އެވެ. ބަލިމީހުން ބަލާ ވާރޑްގެ ދޮރާއި ދިމާލަށް ވާގޮތަށް، ލިއުޝާމެންނާ ތަންކޮޅެއް ދުރުގައި ޝިޔާދާއި މިފްޒާލް ހުއްޓިލައިގެން ތިއްބެވެ.
މިފްޒާލްގެ ނަޒަރު ދޭތެރެ ދޭތެރެއިން ލިއުޝާއަށް ދިޔައީ އަމާޒު ވަމުންނެވެ. މިހިތްދަތި ދަނޑިވަޅުގައި މިފްޒާލްގެ ހަށިގަނޑު ހޮސްޕިޓަލްގައި ހުއްޓަސް، އޭނާގެ ހިތާއި ސިކުނޑީގައި ވަނީ އޭނާގެ ކުރިމަތީގައި ފެންނަމުންދާ އޭނާއަށް ނާކާމިޔާބުވި، އޭނާގެ ޙަޤީޤީ ލޯބިވެރިޔާގެ ސޫރައެވެ. ލިއުޝާގެ ސޫރަ މިފްޒާލްގެ ހިތުގައި ކުރެހެމުން ދިޔައީ ރީތި ތަފާތު ކުލަތަކުންނެވެ.
"މިފްޒާލް!" ޝިޔާދު ގޮވައިލުމުން، މިފްޒާލް ސިހިފައި ބަލައިލީ ޝިޔާދުގެ މޫނަށެވެ. ޝިޔާދު ދެފަރާތަށް ބޯ ހުރައިލީ، މިފްޒާލް މާވަރަކަށް ލިއުޝާއަށް ބަލާތީއެވެ. އެގޮތަށް އެކަންތައް ނުކުރުމަށް އިޝާރަތް ކުރަމުންނެވެ.
***
އައު ފަތިހަކަށް ދުނިޔެ ހޭލި އިރު، އެ އެންމެން ވެސް ތިބީ އޭޑީކޭގައެވެ. ލިއުޝާ ރޮއިރޮއި އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ. ޒީނާގެ ހާލަކީ ވެސް ހަމަ މިއީއެވެ. ގިނަ ވަގުތު ތަކަކު ކޮޅަށް ހުންނަން ޖެހުމުން، ޝިޔާދާއި މިފްޒާލް ގޮސް އިށީންނީ ލިއުޝާމެން ތިބި ގޮނޑި ބަރީގެ ކުރިމައްޗަށް ވާގޮތަށް ހުންނަ ބެންޗުގައެވެ.
"ލިއު. ހިތްވަރު ކުރޭ! ކިހާ އިރެއް ތިހެން ރޯތަން. ހިނގާ ތެދުވެ، ކުޑަކޮށް ހިނގާލަން!" ހައިޝަމްގެ އަތުން ލިއުޝާގެ ކޮނޑުގައި ފިރުމައިލިއެވެ.
"ތެދެއް ލިއު. ތިވަރަށް ނުރޮއި." ރުއިން ހުއްޓައިލައި، ޒީނާ ހިތްވަރުކޮށްލަމުން ބުނެލިއެވެ. ޒީނާގެ ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން ޒީނާ ބަލައިލީ ލިއުޝާއަށެވެ.
"ހައިޝަމް."ލިއުޝާގެ މޫނު ހައިޝަމްގެ މޭގެ ތެރެއަށް ލަމުން ލިއުޝާ ވަރަށް ބާރަށް ހައިޝަމްގެ ގައިގައި ބައްދައިގަތެވެ. މިފްޒާލްގެ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކަކީ އޭނާއަށް ބަލަން ކުޅަދާނަ އަދި ފަސޭހަ މަންޒަރުތަކަކަށް ނުވެއެވެ. އެހެން ކަމުން ކުއްލިއަކަށް ހުރެފައި، މިފްޒާލް ކޮޅަށް ތެދުވިއެވެ. އަދި އަވަސް ފިޔަވަޅު ތަކެއް ނެގީ ހޮސްޕިޓަލުން ވަގުތުކޮޅަކަށް ނުކުންނާށެވެ. މިފްޒާލްގެ ފަހަތުން ޝިޔާދު ވެސް ހިނގައިގަތެވެ.
"ވަހީދަކީ ވަރަށް ރަނގަޅު މީހެއް. ވަރަށް ހިތްހެޔޮ ވާނެ. އަހަރެންނަށް ވަރަށް ހެލްޕް ވާނެ. އަހަރެން ކަހަލަ އެކަނިވެރިއަކަށް، އެހާ ގިނަ ދުވަހު.. ރާއްޖެއާ އެތައް މޭލެއް ދުރުގަ މިއުޅެވުނީ ވަހީދުގެ ހިތްވަރުން. އަހަރެންނަށް ވަހީދަކީ ދޮންބެއެއް ކަހަލަ މީހެއް. އަހަރެންނަށް ހުރިހާ ކަމެއްގަ އެހީވާނެ. އަހަރެންނަށް ދަތި ކަމެއް ވޭތޯ އަބަދު ވެސް ބަލާނެ. ހެވާ ނުބައި އަބަދު ހަނދާންކޮށްދޭނެ." ލިއުޝާގެ އަޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. ލިއުޝާގެ ހިތަށް ލިބެމުންދާ ވޭނާއި އެކުވެސް ވަހީދުގެ ހަނދާންތައް އާލާ ކުރަން ލިއުޝާގެ ޟަމީރު ބޭނުންވިއެވެ.
އިރުގެ އަލިކަން މާލެތެރެއަށް ރަނގަޅަށް ފެތުރިގެން ދިޔައިރު، މިފްޒާލާއި ޝިޔާދު އިނީ އާޓިފިޝަލް ބީޗުގައި ވާހަކަދައްކާށެވެ.
"އަހަރެން ތެދަށް ބުނަންޏާ ނުވޭ ދެރައެއް ވަހީދަށް މިވީ ގޮތުން." މިފްޒާލްގެ ޖުމުލަ އާއި އެކު ޝިޔާދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
"އެއީ ކީއްވެ؟" ވެފައިވާ ހައިރާން ކަމާއި އެކު ޝިޔާދަށް އެހެން ބުނެވުނީ ވަރަށް އަވަސްކޮށެވެ.
"އެއީ އަހަރެންގެ ނާކާމިޔާބީގެ އަސްލު." މިފްޒާލް އޭނާގެ ދެއަތް ދެއަތަށް ކާއްތައިލަމުން ބުނެލިއެވެ.
"ތިބުނީ؟" ޝިޔާދަށް އެބުނި އެއްޗެއް ފަހުމެއް ނުވިއެވެ.
"ވަހީދަކީ އަހަރެންނާ ލިއުގެ ލޯތްބަށް އެޅުނު ހުރަހަކީ. އަހަރެން އޭގެ ބަދަލު ހިފާނަން." މިފްޒާލް ކޮޅަށް ތެދުވީ ކުއްލިއަކަށް ހަށިގަނޑަށް ލިބިގެން ދިޔަ ހިތްވަރަކުންނެވެ.
"މިފްޒާލް. ބްރޯ! ކީއްތަކުރަން ތިއުޅެނީ؟ ހަމަޖެހިބަލަ! ކިހިނެއްތީ ތެދެއްކަން ވެސް އެނގެނީ؟" ޝިޔާދު ހާސްވާ ގޮތްވިއެވެ.
"އަހަރެން އަޑު އެހިން. ލިއު ގާތު ވަހީދު ދެއްކި ވާހަކަތައް. އަހަރެންމީ ކޮންމެ އަންހެނަކާ އެކު އުޅޭ މީހެކޭ. އަހަރެންނާ އެކު ލައިފެއް ނުފެށޭނޭ. އެކަމު އަހަރެން ލިއުއަށް ލޯބި ހުށައެޅީ އެހުރިހާ ކަމެއް މާޒީއަށް ހަދަން. އެކަން ނޭނގުނީ ވަހީދާ ލިއުއަށް.. އަހަރެންގެ ލައިފް ސްޕޮއިލް ކޮށްލީ އެދެމީހުން." މިފްޒާލްގެ އަޑުގައި ވަނީ އިންތިހާއަށް ހިތްހަމަ ނުޖެހުމެވެ. ބުނާނެ އެއްޗެއް ނޭނގި ޝިޔާދު ވަގުތުކޮޅަކު ހުއްޓުން އެރިއެވެ.
"އެކަމު ދޯ؟ ތީގެ ރުޅި ލިއުއަށް ނުބާލާށޭ އަހަރެން ބުނާނީ. ވަހީދަށް ވެސް. އޭރުން އަހަރެމެންގެ މި ކުޑަ ކުރައުޑް އެއްކޮށް ފަނި ވާނެ." ޝިޔާދުގެ އަތް ބާއްވައިލީ މިފްޒާލްގެ ކޮނޑުގައެވެ.
"އިތުރަކަށް ފަންޏެއް ނުވާނެ! މިތާގަ މިތިބެނީ އަތުން ބޮލުގަ ފިރުމަމުން، ކަރަށް ފައިން އަރާ މީހުން." މިފްޒާލް އެހެން ބުނެ ކުރިއަށް ހިނގައިގަތެވެ.
***
ދުވަސްތައް ދައުރުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ދުވަހަކަށްފަހު، ދުވަހެއް ވޭތުވަމުން ދިޔައެވެ. ވަހީދަށް އިތުރު ފަރުވާ ދިނުމަށްޓަކައި އިންޑިއާއަށް ގެންދެވުނެވެ. ކުޑަނަމަވެސް އުއްމީދެއް ވަހީދު ރަނގަޅު ވާނެ ކަމަށް ޑޮކްޓަރުންގެ ޓީމަށް ލިބުމުންނެވެ. ވަހީދާއި އެކު އަސްމާ ވެސް އިންޑިއާއަށް ދިޔައެވެ. އަސްމާގެ ހާލު ވަނީ މުޅިން ރަނގަޅު ވެފައެވެ. އެހެން ކަމުން އަސްމާ ގެންދިޔައީ އޭނާގެ ހުރިހާ ވަގުތެއް ވަހީދަަށް ހުސްކުރަމުންނެވެ.
މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކިޔައިފިއެވެ. ލިއުޝާ ވަރަށް ރީތި ވެލަމުން ކޮޓަރިން ނުކުތެވެ. ލިއުޝާގެެ މޫނުމަތިން ފެންނަމުން ދަނީ ވަޒީފާއަށް ދެވޭ ފުރަތަމަ ދުވަހުގެ އުފަލެވެ. ނަމަވެސް ލިއުޝާއަށް އެ އުފާ އެންމެ ފުރިހަމަ ގޮތުގައި އޭނާގެ ހިތަކަށް ނުލިބެއެވެ. ވަހީދަށް ކަންތައް ދިމާވި ގޮތުންނެވެ.
"ލިއު. ރެޑީވީތަ؟" ސިޓިންގރޫމްގެ ސޯފާގައި އިން ހައިޝަމަށް ލިއުޝާ ފެނުމާއި އެކު އަހައިލިއެވެ. ޖަވާބު ދިނުމުގެ ގޮތުން ލިއުޝާ ބޯޖަހައިލީ ހިނިތުންވުމަކާއިި އެކުގައެވެ. ހައިޝަމް ސޯފާއިން ތެދުވެ، ލިއުޝާގެ އަތުގައި ހިފައިގެން ގެއިން ނުކުންނަން ހިނގައިގަތެވެ. ލިއުޝާ ވަޒީފާއަށް، އައިޖިއެމްއެޗަށް ލުމަށެވެ.
***
އައިޖިއެމްއެޗަށް އަލަށް ވަޒީފާއަށް ވަތް 4 ޑޮކްޓަރުންނަށް، އެތަނުގެ މެނޭޖްމެންޓުގެ ފަރާތުން ހޫނު މަރުޙަބާއެއް ކިޔެވެ. ލިއުޝާ އާއި ޒީނާ ދާދި ގާތުގައި ތިބި އިރު، އެދެމީހުންގެ ފަހަތުން މިފްޒާލާއި ޝިޔާދު މަޑުމަޑުން ހިނގަމުން ދިޔައީ، ހޮސްޕިޓަލްގެ އެކި ތަންތަން ބަލަމުންނެވެ. ހޮސްޕިޓަލްގެ ކަންކަން ކިޔައިދީ، އިދާރީ މަސައްކަތްތަކާއި، މުވައްޒަފުންގެ ތަޢާރަފުތައް އެތަނުގައި އެކަމަށް ޚާއްޞަ ފަރާތެއް ގެންދިޔައީ 4 ޑޮކްޓަރުންނަށް ކިޔައިދެމުންނެވެ.
***
މެންދުރުގެ ހޫނުކަން މުޅި މާލެތެރެއަށް ފެތުރިގެން ދިޔައެވެ. ލިއުޝާ އާއި ޒީނާ އިނީ، ސްޓާފް ލޯންޖުގައި ކޮފީއެއްގައެވެ.
"އަހަން! މިތިބީނު މި މީހުން." ޝިޔާދު ހިނިގަނޑެއް ޖަހައި، މިފްޒާލްގެ މޫނަށް ބަލައިލަމުން ހިނގައިގަތީ ލިއުޝާމެން ތިބި މޭޒާއި ދިމާލަށެވެ. މިފްޒާލް ވެސް ދެ ވިސްނުމެއްގައި ހުރެ ކުރިއަށް ހިނގައިގަތެވެ.
"ކިހިނެއްވަނީ މިއަދު؟ މުޅި ހޮސްޕިޓަލްތެރެ ހިނގުން ދޯ މިއަދު ކަމަކީ؟ ހެހެ!" ޝިޔާދު އައިސް އިށީންނީ މޭޒު ކައިރީގައި ހުރި ގޮނޑިއެއްގައެވެ. މިފްޒާލް ވެސް މަޑުމަޑުން އައިސް އެތަނުގައި އިން ގޮނޑިއެއްގައި ޖައްސައިލިއެވެ.
"އާނ! މާދަމާ އެއްނު ރަސްމީކޮށް ވޯރކް އޮންނާނީ." ޒީނާ ގަހުވަ ތަށި މޭޒުމަތިން ނަގަމުން ބަލައިލީ އެ އެންމެންގެ މޫނަށެވެ. މިފްޒާލް ދޭތެރެ ދޭތެރެއިން، ސިއްރު ސިއްރުން ލިއުޝާއަށް ބަލަމުންދާކަން ލިއުޝާއަށް އެނގެއެވެ. ނަމަވެސް ދަންނަ ކަމަށް ނުހަދާ ލިއުޝާ މަޑުން އިނެވެ. ވަހީދު ނެތުމުން އެކަމާ ދެރަވާ ވާހަކަ އާއި، ވަހީދުގެ ހާލު ރަނގަޅު ވަމުން އަންނަ ވާހަކަ ވެސް އެތަނުގައި ތިބެ އެމީހުން ދެއްކިއެވެ.
ލިއުޝާގެ ސަމާލުކަން ލިބޭތޯ މިފްޒާލް އެވަރަށް ބެލިއިރު ވެސް ލިއުޝާގެ ލޮލުގެ ހިމަކޮޅު ވެސް މިފްޒާލަށް އަމާޒު ނުކުރެވޭތޯ ލިއުޝާ ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. މިފްޒާލް މަޑުމަޑުން މޭޒުގެ ދަށުން އޭނާގެ ފައި ގެންގޮސް ލިއުޝާގެ ފައިގައި ޖަހައިލިއެވެ. ހަމަ އެއާއި އެކު، ލިއުޝާގެ ދެލޯ ބޮޑު ކޮށްލަމުން، އޭނާ ބަލައިލީ މިފްޒާލްގެ މޫނަށެވެ. (ނުނިމޭ)