މާރިޔާ އަހުމަދު ދީދީ

"ހިޖުރަކުރާ މީހުންގެ ހައްގަށް ސަރުކާރު މަސައްކަތް ކުރޭ"

ހިޖުރަކުރާ މީހުންގެ ހައްގުތަކަށް ބުރޫނާރާނެހެން، އެއްވެސް މަޖުބޫރު ކުރުވުމެއް ނެތި ރައްކާތެރި ކަމާއެކު ހިޖުރަ ކުރެވޭނެ މަގުފަހި ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން ހިންގެވުމުގެ ޒިންމާ އޮތް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ހިޖުރަކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖްގައެވެ.

މިނިސްޓަރ މާރިޔާ ވަނީ ދިވެހި މުޖްތަމައު ބިނާކުރުމުގައި އެތައް އަހަރެއް ވަންދެން ބިދޭސީ މަސައްކަތްތެރިން އަދާކުރަމުން އައިސްފައިވާ މުހިންމު ދައުރާއި އެ މީހުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ހިޖުރަކުރާ މީހުންގެ ހައްގުތަކަށް ބުރޫނާރާނެހެން، އެއްވެސް މަޖުބޫރު ކުރުވުމެއް ނެތި ރައްކާތެރި ކަމާއެކު ހިޖުރަ ކުރެވޭނެ މަގުފަހި ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އިންސާނީ ވަގުފާރި ކުރުމުގެ ކުށް ހުއްޓުވުމަށް ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ގެންދާ ކަމަަށްވެސް ވިދާޅުވިއެވެ. އިންސާނީ ވަގުފާރިއާ ދެކޮޅަށް "ހޭޝްޓެގް އެންޑް ހިއުމަން ޓްރެފިކިން"ގެ ނަމުގައި ސޯޝަލް މީޑިޔާ ކެމްޕޭނެއް އިފްތިތާހު ކޮށްދެއްވާ މިނިސްޓަރ މާރިޔާ ވަނީ އިންސާނި ވަގުފާރިއަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއްގެ ގޮތުގައި ބަލައިގަނެ، އެޖަރީމާ ތަކުރާރު ވިޔަނުދިނުމަށްޓަކައި މަސައްކަތް ކުރުމާއި، އެކަމުގެ ޝިކާރަޔަކަށްވާ މީހުން ހިމާޔަތާއި ރައްކާތެރިކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ރިޔާސަތު، 2019 ވަނަ އަހަރުގެ ފަހުކޮޅު، މިނިސްޓްރީ އޮފް ޑިފެންސާ ހަވާލުވުމަށްފަހު، ސަރުކާރުން ގެންދަވަނީ އިންސާނީ ވަގުފާރިއަށް ނިމުމެއް ގެނައުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ޑިފެންސްގައި ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގެ ނަމުގައި މަގާމެއް އުފައްދާ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޝެލްޓަރެއް ގާއިމްކުރުމަށްޓަކައި ގުޅީފަޅުން ބިމެއް ވަނީ ހަމަޖައްސާފައެވެ. އެތަން ތައްޔާރުކުރުމުގެ މަސައްކަތް ފެށިފައިވާއިރު ހިއުމަން ޓްރެފިކިންގާ ދެކޮޅަށް ކުރާ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އެންޓި-ޓިޕް އޮފީހުގެ ނަމުގައި އޮފީހެއް މިނިސްޓްރީ އޮފް ޑިފެންސްގައި ގާއިމްކުރުމަށްޓަކައި، 2021 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. އަދި މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ގާނޫނު، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތް ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. ވަގުފާރީގެ ޝިކާރަޔަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުވައިދިނުމާ ބެހޭ ގައިޑްލައިންސާއި ޝެލްޓާ ހިންގުމާ ބެހޭ ގައިޑްލައިންސް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.