ލައިފްސްޓައިލް

އަލަތު ކައިވެނިކުރި އަންހެނަކު "ބޭބެ"އާއެކު ފިލައިފި

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ފިރޯޒްއާބާދު ޑިސްޓްރިކްޓްގެ އަވަށެއްގައި ދާދި ފަހުން ވަނީ އަލަތު ކައިވެނިކުރި އަންހެނަކު އޭނާގެ ފިރިމީހާގެ ގެއިން ފިލާފަ އެވެ. އަންހެންމީހާ ފިލީ އޭނާގެ "ބޭބެ" އެއްގެ ނަމުގައި އެ ގެޔަށް އައި ލޯބިވެރިޔާ އާ އެކުގަ އެވެ.

ޝިކޯއާބާދު ޓައުނުގައި ހިނގި މި ހާދިސާގައި އަންހެންމީހާ ފިލިއިރު ކައިވެނި ކުރިތާ ވީ އެންމެ ދެ ދުވަހެވެ. ދެ ވަނަ ދުވަހު އަންހެންމީހާ ކައިރިއަށް އޭނާގެ ބޭބެއެއްގެ ނަމުގައި މީހަކު ޒިޔާރަތް ކުރި އެވެ. ދެން އިރުކޮޅަކުން އެ ގޭ މީހުން ހޯދާ ހޯދާ އަންހެންމީހާ ވެސް އަދި އޭނާގެ ބޭބެ ވެސް ނުފެނުނެވެ.

މުޅި އަވަށުގައި އަތްފުނާ އަޅައިގެން ހޯދާހޯދާ ވެސް މި ދެ މީހުންގެ ޚަބަރެއް ނުވެގެން އަންހެންމީހާގެ އާއިލާގެ މީހުންނަށް އަންގައިގެން އެމީހުން ވެސް އެ އަވަށަށް އައިސް އެ ދެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އަންހެންމީހާ ކައިވެނި ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ކައިވެނީގެ ރަސްމިއްޔާތަށް ފަހު ޝިކޯއާބާދުގައި ހުންނަ ފިރިހެންމީހާގެ ގެޔަށް އަންހެންމީހާ ގެންދިޔައީ އެވެ.

އެ ގޭގައި އުޅޭތާ ދެ ދުވަސް ވީ ފަހުން ނޮވެމްބަރު 28 ގައި އަންހެންމީހާ އުޅޭ ގެޔަށް ފިރިހެނަކު އައެވެ. އަންހެންމީހާގެ ބޭބެއެކޭ ކިޔާފަ އެވެ. އޭރުވެސް އެ ގޭ މީހުން އުޅެނީ ކައިވެނީގެ އިތުރު ރަސްމިއްޔާތުތައް އިންތިޒާމް ކުރުމުގައި އަވަދިނެތި އެވެ. ދަނޑިވަޅު ބަލާފައި އަންހެންމީހާ އޭނާގެ "ބޭބެ" އާއެކު ފިލީ އެވެ.

އަންހެންމީހާ ދަމުން ދިޔައީ އޭނާގެ ކައިވެނީގެ ހަދިޔާގެ ގޮތުގައި ލިބިފައިހުރި ރަނުގެ ގަހަނާތައް ވެސް ހިފައިގެނެވެ.
މިހާރު އަންހެންމީހާގެ ފިރިމީހާ ވަނީ ފުލުހުންނަށް މި މައްސަލަ ހުށަހަޅާފަ އެވެ. އަދި އަންހެންމީހާގެ މަންމަ ވެސް ވަކިން ފުލުހުންނަށް ޝަކުވާ ހުށަހަޅާފައި ވެއެވެ. ނަމަވެސް އަދިވެސް މި މީހާ ވީތަނެއް ނުހޯދެ އެވެ.