ބޮލީވުޑް

ވަރުން-ނަތާޝާ އެންގޭޖްމަންޓް ފަޅާއަރުވާލީ ކަރީނާ

ވަރުން ދަވަން އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ އެންގޭޖްވެފައިވާކަން ފަޅާ އަރައިފި އެވެ. މިކަން ފަޅާ އެރީ ކަރީނާއަށް އޮޅުމަކުން ނަތާޝާ އަށް ވަރުންގެ ފިއޯންސޭ (އެންގޭޖްވެފައިވާ މީހާ) އޭ ކިޔާ މުހާތަބު ކުރެވުމުންނެވެ. ކަރީނާގެ ރޭޑިއޯ ޝޯ "ވަޓް ވިމެން ވޯންޓްސް" ގައި ދާދިފަހުން ވަރުން ބައިވެރިވެ ކައިވެންޏާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފައި ވެއެވެ. ވަރުން އާއި ނަތާޝާ އަކީ ސްކޫލް ދައުރުއްސުރެ ރައްޓެހިވެގެން އުޅޭ ދެ މީހުންނެވެ.

"މީހަކާ ލޯބިވެގެން އެހާ ގިނަ ދުވަހު އުޅުނީމަ ދެން އޮންނާނީ ކައިވެނިތާ. އަހަރެން ކައިވެނިކުރަން ބޭނުންވީ އަހަރެންގެ ބޭބެ އާއި ފަހަރި އުޅޭގޮތް ފެނިފައި. އަދި އަހަރެންނަށް ބޮޑުބޭބެ ކިޔާ ކުޑަކުޑަ ނިއާރާ ފެނިފައި އަހަރެން ހިތަށް އެރި މީ ރަނގަޅު ކަމެކޭ ހަމަ،" ވަރުން ކިޔައިދިނެވެ.

ވަރުން ބުނި ގޮތުގައި އޭނާ އާއި ނަތާޝާ އެކުގައި އެއް ގެއެއްގައި ދިރިއުޅެން ބޭނުމެވެ. ނަމަވެސް ވަރުންގެ އާއިލާއިން ބޭނުންވަނީ ލިވް-އިން ރިލޭޝަންޝިޕް އަކަށް ނުގޮސް ކައިވެނި ކުރާށެވެ.

"ނަތާޝާގެ މައިންބަފައިން މިކަމުގައި ވަރަށް ފުޅާ ވިސްނުމެއް ގެންގުޅެނީ. އެމީހުންނަށް މައްސަލައެއް ނެތް އެކުގައި އެއް ގެއެއްގައި އުޅުނަސް. ނަމަވެސް އަހަރެންގެ މައިންބަފައިން ބޭނުމީ ކައިވެނި ކޮށްގެން އެއް ގެއެއްގައި ދިރިއުޅެން ފަށަން. އަހަރެންގެ އަމިއްލަ ގެއެއް އެބަހުރި. ވީމާ އެކުގައި ދިރިއުޅުމަކީ އުނދަގޫ ކަމެއް ނޫން،" ވަރުން ބުންޏެވެ.

ވަރުން އާއި ނަތާޝާ މިއަހަރު ކައިވެނިކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް ކޮވިޑާ ހެދި ކައިވެނި ކެންސަލް ކުރަން މަޖްބޫރުވީ އެވެ. އެމީހުން ރާވާފައި އޮތީ ތައިލެންޑްގެ ރީތި ރަށެއްގައި ކައިވެނީގެ ކަންތައްތައް ފުރިހަމަ ކުރާށެވެ.

މިހާރު ވަރުން ތައްޔާރުވަމު ންދަނީ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރި "ކޫލީ ނަންބަރު 1" ޑީޖިޓަލް ޕްލެޓްފޯމްގައި ރިލީޒް ކުރުމަށެވެ. މި ފިލްމު ސްޓްރީމްކުރަން ފަށާނީ އެމެޒޮން ޕްރައިމް ވީޑިއޯ އިން މި މަހުގެ 25 ވަނަ ދުވަހު އެވެ.

ވަރުން ބުނި ގޮތުގައި "ކޫލީ ނަންބަރު 1"ގެ އޮރިޖިނަލް ފިލްމުގެ ސްކްރީން ޕްލޭ އާއި ޕަފޯމަންސް އޭނާއަށް ބަދުވެސް ވަރަށް ކަމުދެ އެވެ. މި ފިލްމު އޭނާއަށް އެހާ ޚާއްސަވީ ސަބަބަކީ މިއެވެ.