ކުޅިވަރު

މެސީ ރޮނާލްޑޯ ތިިރިއަށް، ލެވަންޑޮސްކީ އުހަށް

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީ ފަހަތަށް ޖައްސާލުމަށް ފަހު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ބަޔާން މިޔުނިކާއި ޕޮލެންޑްގެ ރޮބަޓް ލެވަންޑޮސްކީ ހޯދައިފި އެވެ.

ފީފާއިން ހޮވާ، މޮޅު ކުޅުންތެރިޔާގެ އެވޯޑް ލެވަންޑޮސްކީއަށް ލިބުމުގައި އެންމެ ބޮޑަށް މަގުފަހީވީ މިދިޔަ ސިޒަންގައި ބަޔާން މިޔުނިކާއެކު ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބު ކުރުމެވެ. ޗެމްޕިއަންސް ލީގްގައި ލެވަންޑޮސްކީ ވަނީ 15 ގޯލް ޖަހައި އިތުރު ފަސް ގޯލް ޖަހަން އެހީވެ ދީފަ އެވެ.

ލެވަންޑޮސްކީ މި އެވޯޑް ހޯދުމަކީ، މިދިޔަ 10 އަހަރު ދެމެހެއްޓި ތާރީހެއް ބަދަލުވުމެވެ. މިދިޔަ 10 އަހަރު މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައި ވަނީ ލަލީގާއަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާއަށް ހޮވުނީ މެންޗެސްޓާ ސިޓީގެ އިނގިރޭސި ޑިފެންޑަރު ލަކީ ބްރޯންޒް އެވެ. އޭނާ އެވޯޑް ހޯދީ ޗެލްސީއަށް ކުޅެމުން އަންނަ ޑެންމާކުގެ ޕާނީލޭ ހާޑާ އާއި އޮލިމްޕިކް ލިއޯންގެ ފްރާންސްގެ ޑިފެންޑަރު ވެންޑީ ރެނާޑް އާ ވާދަ ކޮށެވެ.

އެންމެ މޮޅު ފިރިހެން ކޯޗްގެ އެވޯޑް ހޯދާފައި ވަނީ 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ލީގް ލިވަޕޫލަށް ހޯދައިދިން ކޯޗް ޔާގަން ކްލޮޕް އެވެ. އޭނާ އެ އެވޯޑް ގެންދިޔައީ ބަޔާންއަށް ސީޒަންގެ ތިން ތަށި ކާމިޔާބުކޮށްދިން ހެންސީ ޑިއެޓާ ފްލިކް އާއި މިދިޔަ ސީޒަންގެ އިނގިރޭސި ޗެމްޕިއަންޝިޕް ލީޑްސް ޔުނައިޓެޑަށް ހޯދައިދިން މާސެލޯ ބިއެލްސާ ބީޓް ކޮށްލުމަށް ފަހު އެވެ.

އެންމެ މޮޅު އަންހެން ކޯޗްގެ އެވޯޑް ހޯދީ، ހޮލެންޑްގެ ސަރީނާ ވިއެގްމަން އެވެ. އޭނާ އެވޯޑް ހޯދީ ޗެލްސީގެ ކޯޗް އޭމާ ހޭސް އަދި ލިއޯންގެ ޖޯން ލޫކް ވަސާ ބީޓް ކޮށްލުމަށް ފަހު އެވެ.

އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދީ، ބަޔާން މިޔުނިކާއި ޖަރުމަންގެ މެނައލް ނޯޔާ އެވެ. އޭނާ އާ ވާދަ ކުރީ ލިވަޕޫލްއާއި ބްރެޒިލްގެ އަލިސަން ބެކާ އަދި އެތުލެޓިކޯ މެޑްރިޑާއި ސްލޮވޭނިއާގެ ކީޕަރު ޔޭން އޮބްލެކް އެވެ.

އެންމެ މޮޅު އަންހެން ކީޕަރުގެ އެވޯޑް ހޯދީ ލިއޯންގެ ފްރާންސްގެ ކީޕަރު ސަރާ ބޮއުހާދީ އެވެ. އޭނާ އާ ވާދަ ކުރީ ޕީއެސްޖީގެ ޗިލީގެ ކީޕަރު ކްރިސްޓިއާނޭ އެންޑްލާ އަދި އެމެރިކާގެ ކީޕަރު އެލަސާ ނޭހާ އެވެ.

އެންމެ މޮޅު ލަނޑަކަށް ދޭ ފުސްކަސް އެވޯޑް ހޯދީ ޓޮޓެންހަމް ހޮޓްސްޕާސްގެ ސަން ހިއުންގް މިން އެވެ. އެ އެވޯޑް އޭނާއަށް ލިބުނީ ޑިސެމްބަރު 2019 ގައި ބާންލީ ކޮޅަށް އޭނާ ޖެހި ލަނޑަށެވެ.

ފީފާގެ ފޭން އެވޯޑް ހާސިލު ކުރީ ބްރެޒިލްގެ މަރިވަލްޑޯ ފްރެންސިސްކޯ ޑަ ސިލްވާ އެވެ. އޭނާ ފާހަގަ ކުރެވިފައި ވަނީ އޭނާ ސަޕޯޓް ކުރާ ޓީމު ކުޅޭ ހޯމް މެޗު ތަކަށް ދަނޑަށް ދާން ވެގެން ކުރާ ދަތުރަށް އަތުގައި ފައިސާ ނެތުމުން 12 ގަޑިއިރުން ހިނގާފައި ދަނޑަށް ދާ ސަޕޯޓަރުގެ ގޮތުގަ އެވެ. ފެއާޕްލޭ އެވޯޑް ހޯދީ އިޓަލީގެ 17 އަހަރުގެ ކުޅުންތެރިޔެއް ކަމަށްވާ މަޓިއާ އަގުނީޒް އެވެ.