ހަބަރު

ދެ އަހަރުތެރޭ 300 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގުނު: ހައުސިން

ހައުސިން މިނިސްޓްރީގެ އިޖްތިމާއީ ހިދުމަތްތަކާއި ބެހޭ ޔުނިޓުން ފާއިތުވި ދެ އަހަރު ތެރޭގައި ތިން ސަތޭކަ މިލިއަން ރުފިޔާގެ މަސައްކަތް ކޮށްފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގެ އިޖްތިމާއީ ހިދުމަތްތަކާއި ބެހޭ ޔުނިޓުން މިއަހަރު ތެރޭގައި ފެށި މަޝްރޫއުތަކާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިރެކްޓަރ ޖެނެރަލް މުހައްމަދު ލަތީފް ވިދާޅުވީ، އެ ޑިޕާޓްމެންޓުން މިއަހަރު ކޮށްފައިވާ މަސައްކަތްތައްކުގެ ތެރޭގައި ބަނދަރު މަރާމާތް ކުރުމާއި ފަޅު ފުންކުރުމާއި ނަރުދަމާގެ މަސައްކަތްތައް ފަދަ ގިނަ މަޝްރޫއުތައް ހިމެނޭ ކަމަށެވެ.

އެ ހުރިހާ ކަމަކީ އިޖްތިމާއީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ފައިސާއަށް ބެލުމެއް ނެތި ކުރާ ކަންކަން ކަމަށާއި، ހިސާބަށް ބަލާނަމަ ފާއިތުވި ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރި އެފަދަ މަސައްކަތްތަކަށް 300 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
ލަތީފު ވިދާޅުވިގޮތުގައި، އަހަރެއްގެ ތެރޭގައި ޖުމްލަ ގޮތެއްގައި 15 ވަރަކަށް ޕްރޮޖެކްޓް އަތޮޅުތެރޭގައި ހިންގާ އިރު، އެ މަޝްރޫއުތައް ޕަބްލިކް ސާވިސް ކުރުމުން ، މުވައްޒަފުންނަށް ހިނގާ މުސާރައާއި ވަސީލަތްތަކަށް ހިނގާ ޚަރަދުފިޔަވާ އިތުރު ހަރަދެއް ނުހިނގަ އެވެ.

ނަމަވެސް "މިއީ ސަރުކާރުން ވިޔަފާރި ކުންފުނިތަކާއި ހަވާލުކޮށްގެން ކުރުވާނަމަ އަޅުގަނޑުމެން ދެންމެ މި ހުށަހަޅާލި މަސައްކަތަށް ވެސް ގާތްގަނޑަކަށް 300 މިލިއަނަށް ވުރެ ބޮޑު ޚަރަދެއް ހިނގާނެ،" ލަތީފު ވިދާޅުވި އެވެ.

އެންމެ އިސްކަމެއް ދީގެން ޕަބްލިކް ސާވިސް އިން މިއަހަރު ކުރާނެ އެއް ކަމެއްގެ ގޮތުގައި ލަތީފް ފާހަގަކުރެއްވީ ސުނާމީ ބިނާ ބަދަލުކުރުމަށެވެ.

ބްރިޖް އެޅުމުގެ މަސައްކަތަށް ޑިސެމްބަރު މަހު ސުނާމީ ބިނާ މިހާރު ހުރި ސަރަހައްދު ބަންދު ކުރާތީ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އެތަނުން ބިނާ ނަގާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

ސުނާމީ ބިނާ ބަދަލުކުރަން ނިންމާފައިވަނީ މާލެ ހުޅަނގު ފަރާތު ތިން ރުއް ޕާކަށެވެ. އެތަނަށް ސުނާމީ ބިނާ ބަދަލުކުރުން ލަސް ވަނީ ތިން ރުއް ޕާކުގެ މަރާމާތު މަސައްކަތްތަކެއް ކުރިއަށްދާތީ ކަމަށާއި، ނޮވެމްބަރު މަސް ނިމުމުގެ ކުރިން ސުނާމީ ބިނާ ބަދަލުކުރާނެ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

"..ޑިސެމްބަރު މަހުގެ ކުރީކޮޅު ތަން ބަންދުކުރާތީ ނޮވެމްބަރ ނިމުމުގެ ކުރިން ބިނާ ބަދަލުކުރާނެ. އެހެންވީމަ ލަފާކުރަނީ ގާތްގަނޑަކަށް ނޮވެމްބަރު 20،17 ހިސާބުގައި މަސައްކަތް ފަށާނެ ކަމަށް،" ލަތީފް ވިދާޅުވި އެވެ.