ޓޫރިސްޓް އެރައިވަލް

މި މަހު މިހާތަނަށް 42،000 ފަތުރުވެރިން އަތުވެއްޖެ

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވި ފަހުން މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައި މަހަކަށް މި މަސްވާނެ އެވެ. މި މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފުރަތަމަ 17 ދުވަހު 42،686 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވި ފަހުން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 118،827 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފައިވާއިރު، ރާއްޖެ އަށް އެންމެ ގިނައިން މީހުން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 42،065 މީހުން ވަނީ އައިސްފައިވެ އެވެ.

ދެވަނަ އަށް އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އައިސްފައިވަނީ އިޓަލީންނެވެ. އެ ގައުމުން މިހާތަނަށް 45،645 ޓޫރިސްޓުން އައިސްފައިވެ އެވެ. އިންޑިއާއިން 44،268 ޓޫރިސްޓުން، އިނގިރޭސިވިލާތުން 38،285 ޓޫރިސްޓުން އައިސްފައިވެއެވެ.

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެ އައިސްފައިވަނީ 21،515 ޓޫރިސްޓުންނެވެ. ސެޕްޓެންބަރު އައީ 9،538 ޓޫރިސްޓުންނެވެ. އޮގަސްޓްގައި 7،628 ފަތުރުވެރިންނެވެ. ބޯޑަރު ހުޅުވި ޖުލައި މަހު އައީ 1،752 ޓޫރިސްޓުންނެވެ.

މި އަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް އައިސްފައިވާ ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 501،674 ޓޫރިސްޓުން އެވެ. މީގެ ތެރެއިން 382,760 މީހުންނަކީ ކޮވިޑް-19 ގެ ބަލި ރާއްޖޭން ފެށުމުގެ ކުރިން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް އައި މީހުންނެވެ.