(18ވަނަ ބައި)
"ތިބުނީ؟" ނަޖުމާ ސުވާލުގެ ނަޒަރުން އިއުރާޒުގެ މޫނަށް ބަލައިލިއެވެ.
"އަހަރެންގެ މި އުފެއްދުން ހޯދަން އެމީހުން ބޭނުންވަނީ. އަހަރެން މި ކުރި ކާމިޔާބު މަސައްކަތް އަތުލަން ބޭނުންވަނީ." އިއުރާޒު ނަޖުމާގެ ދެއަތްތިލަ ނަގައި އޭނާގެ މޭގައި ޖައްސާލިއެވެ. "އެމީހުން ބޭނުންވަނީ އެމީހުންގެ އާއިލާތަކުން ވެސް މިކަހަލަ ދަރީންތަކެއް އުފަންކުރާން. އިންސީންގެ ތެރެއަށް އެމީހުންގެ އާބާދީއެއް ވެސް އިތުރުކުރާން. މަގުސަދެއްގަ. ބޭނުމެއްގަ. އެކަން އަހަންނަށް ވިސްނޭތީ އަހަރެން އެކަމާ ދެކޮޅުވި ހިސާބުން އެމީހުން އަހަންނާ ދެކޮޅުވީ."
ނަޖުމާ ފާޑަކަށް ބަލައިލީ ސީދާ އިއުރާޒުގެ މޫނަށެވެ. ސުވާލުން ފުރިގެންވާ ގޮތަކަށެވެ.
"އެންމެންނަކީ އަހަރެން ކަހަލަ ހިތް މަޑު، އިހުސާންތެރި މީހުންނެއް ނޫން. އެންމެންނަކީ އިންސިންނަށް އޯގާތެރި ބައެއް ނޫން،" އިއުރާޒު ހިނިތުންވެލިއެވެ. "ހުރިހާ ވެސް ނަސީބަކީ ލޯބި. ލޯބިވެވުން، ހަމްދަރުދީ އުފެދުން. އަހަންނަށް ނަޖޫ ދެކެ ލޯބި ނުވެވުނު ނަމަ މިއިން އެއްވެސް ކަމެއް މިހާ ވަޒަންހަމަކޮށް ނުހިނގާނެ."
"ހަނދާން ވެއްޖެ، ދެ ފުރާނަ އެކުވެފައިވާ ދޯ." ނަޖުމާ ހަނދާންކޮށްދިނީ އެމީހުންނަށް ރީތިވެގެން އަބަދުމެ ކިޔަމުންދާ ލަވައެކެވެ.
"އާން، އަހަންނަކަށް ނުވިސްނޭ މިރޭ މި ހުރިހާ ވާހަކަތަކެއް ނަޖޫއަށް ކިޔައިދޭން ހިތް މި ބުނާ ސަބަބެއް ވެސް." އިއުރާޒު ފެންކަޅިވާ ގޮތްވިއެވެ.
"އަނެއްކާ ކަމެއް ގޯސްވާން އުޅެނީތަ؟" ނަޖުމާ ހިތް ތެޅި ގަތެވެ.
"ހީވަނީ. ޔަގީނެއް ނޫން. ހިތް ބުނަނީ ކޮންމެވެސް ކަމެއް ގޯސްވާން އެބަ އުޅެޔޭ." އިއުރާޒު ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ދެން ހިނގާ ދަމާ ދޯ. ކޮންމެ ހާލެއްގައި ވިޔަސް އަހަރެން އެބަ ޖެހޭ މަންމަމެން ގާތަށް ނަޖޫ ގެންދަން. ނަޖޫއަށް ނޭނގުނަސް މިރޭ އެގާރަ ގަޑި ސާޅީސްފަހެއްގައި ނަޖޫ ވިހާނެ. މިހާރު އެހެރަ ނުވައެއް ޖަހަނީ. ހުރަސް ކުރާން މި ޖެހެނީ ވަރަށް އުނދަގޫ މަގެއް. ކުރިމަތިވާނީ ކިހާ ބިރުވެރި ކަންތައްތަކެއް ކަމެއް ވެސް ނޭނގޭ."
ނަޖުމާ އޮޅު ލައިގަތީ އިއުރާޒުގެ ގައިގައެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވެ މީހާ ހާސްވާ ގޮތްވާން ފެށިއެވެ. ނޭވާ ކުރުވެ ވިންދުތައް އަވަސްވަމުން ދިޔައެވެ. އިއުރާޒުގެ ޖުމުލަތަކުން އޭނާ މޭ ތެޅިގަތީއެވެ. ބިރުން ރޫރޫ އަޅަންފެށީއެވެ.
"ނަޖޫ ހާސް ނުވޭ އަހަރެންގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު ނަޖޫއަށް ދެރަ ގޮތެއް ނުވާނެ. އަން، މި ދެ އަގޮނޓި ނަޖޫގެ އިނގިލީގައި އަޅާ. ކަން ދިމާވާ ގޮތުން އަހަންނަށް ދެރައެއް ލިބުނަސް މި އަގޮނޓި އޮތްހާ ހިނދަކު ނަޖޫއަށް މިއަގޮޓިން ފަސޭހަތަކެއް ހޯދިގެންދާނެ." އިއުރާޒުގެ ޖީބުން ދެ އަނގޮޓި ނަގައި ނަޖުމާގެ މެދު އިނގިލީގައާއި ކަށި އިނގިލީގައި އަޅުވާލިއެވެ.
"ތައްޔާރު؟" ނަޖުމާ އިއުޒާރުގެ މޭގައި ބޮނޑިވެލިއެވެ. "ކޮންމެ ހާލެއްގައި ވެސް އަހަރެން ބޭނުންވަނީ ރާޒް. ރާޒްގެ ލޯބި، ތިޔަ ފިރުމުންތައް."
އިއުރާޒު އިޝާރާތްކޮށްލީ ތަންކޮޅެއް ދުރުގައި އޮތް އެއްޗަކާ ދިމާއަށެވެ. އޭނާގެ އިޝާރާތާއެކު އެ އެތީގެ މަތިހުޅުވި ފާޑެއްގެ ގޮތްތަކެއް ވާންފެށިއެވެ. ބޮކިތަކެއް ދިއްލި އަޑުތަކެއް ކިޔަން ފެށިއެވެ. އިރުކޮޅެއް ތެރޭގައި އެ ތަރުތީބުވެ އުޅަނދަކަށް ބަދަލުވިއެވެ. ފިލްމުތަކުން ފެންނަ ކަހަލަ ރީތި ކުޑަކުޑަ އުޅަނދެކެވެ. ވައިގެތެރޭގައި ދަތުރުކޮށްލެވޭ އުޅަނދެކެވެ. އަނެއްކާ ވެސް އިއުރާޒު ކޮށްލި ކުޑަހަރާކަތަކާއެކު އެ އުޅަނދު މަޑުކޮށްލީ ނަޖުމާ އޮށޯވެ އޮތް އެނދު ކައިރީގައެވެ.
ނަޖުމާ މަޑުމަޑުން އެނދުން ތެދުވެ އިއުރާޒުގެ އަތުގައި ހިފައިގެން އެ އުޅަނދަށް އެރިއެވެ. އުޅަނދަށް އަރާ ހަމަޖެހިލިއެވެ. އިއުރާޒު ވެސް ހަމަޖެހިލުމާއެކު އުޅަނދުން ސިގުނަލްތަކެއް ދޭންފެށިއެވެ. ނަޖުމާ އިނީ ބަލަހައްޓައިގެންނެވެ. އިއުރާޒުގެ ހަރަކާތްތަކަށެވެ. ކުރިމަތިން ފެންނަމުންދާ މަންޒަރުތަކުގެ ސަބަބުންނެވެ. އެންމެ ފަހުން ނަޖުމާގެ ބެލްޓު އަޅުވާދިނީ ވެސް އިއުރާޒެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ހަމަޖެހިލުމާއެކު އުޅަނދުގެ މަތިން ހުޅުވުނު ބައިތައް ބެދުނެވެ. ބަލައިލުމުން ބޭރު ވެސް ފެންނަ ގޮތަށެވެ. މަޑުމަޑުން މުޅި އުޅަނދުގެ ކުލަ ބަދަލުވިއެވެ. އިނގިރޭސިބަހުން ދިން އިރުޝާދުތަކާއެކު އުޅަނދު މައްޗަށް ހިއްލުނެވެ. ލުއި އަޑުތަކެއް އިވުމާއެކު އުޅަނދު އުދުހިގަތެވެ. ފާރާ ދިމާއިން ބައިގަނޑެއް ހުޅުވުނެވެ. ނަޖުމާ ހައިރާން ކަމާއެކު އެ މަންޒަރަށް ބަލަން އިނެވެ. އޭނާގެ ބަނޑުގައި ދެ އަތުން ހިފަހައްޓައިލައިގެންނެވެ.
"މާ ބޮޑަށް ހާސް ނުވާތި. ތަފާތު މަންޒަރުތަކެއް ވެސް ފެނިދާނެ." އިއުރާޒު ހިނިތުންވެލިއެވެ.
އިއުރާޒު އިނީ މޫނުމަތީގައި ބޮޑު ހިނިތުންވުމެއް ކުރަހައިގެންނެވެ. އެ މޫނަކުން އެއްވެސް އުފާވެރިކަމެއް ނުފެނެއެވެ. އެ މޫނުގައި މަންޒަރުތައް ކުރެހެމުންދަނީ ހާސްކަމާއި ކަންބޮޑުވުމުގެ ކުލަވަރުންނެވެ. އުޅަނދު ދުއްވަން އިން އިރު އޭނާގެ ނަޒަރު އަމާޒުވެފައިވަނީ ކުރިމަތީގައިވާ އަނދިރި ކަމުގެ ތެރެއިން ފެންނަމުން ދިޔަ ކުލަތަކަށެވެ. އުޅަނދާ ދިމާއަށް އަންނަ ގޮތް ނޭނގޭ އަލި ގުޅަތަކާއި އެކި ބައްޓަމަށް ފެންނަމުން ދިޔަ އަލިގަނޑުގަނޑަށެވެ. ނަޖުމާ ވެސް ވެސް ހައިރާން ކަމާއެކު ބަލަން އިނީ އެ މަންޒަރުތަކަށެވެ. އެއީ ކުރީން ދުވަހަކު ވެސް އޭނާއަށް ފެނުނު މަންޒަރުތަކެއް ނޫނެވެ. ފޮޅެމުންދާ މާތައް ފަދަ އަލި ގަނޑުގަނޑާއި ވަށް ބޯޅަހެން ވިރިކެކޭ ފަދަ އަލި ގަނޑުގަނޑާ ވެސް ސީދާ އުޅަނދާ ދިމާއަށް އަންނަމުން ދިޔައެވެ. އެއިން އެއްޗެއްގައި އުޅަނދު ޖެހިއްޖެ ނަމަ ވިރިގެންދާނެހެން ހީވެއެވެ. އެހައި ވެސް ބާރަށް އެ އެއްޗެހި އުޅަނދާ ދިމާއަށް އަންނަމުން ދިޔައެވެ.
ނަޖުމާ ހައިރާންކަމާއެކު ބަލަން އިނީ އިއުރާޒުގެ ހުނަރުވެރިކަމެވެ. އޭނާގެ ހިތްވަރެވެ. އުޅަނދާ ދިމާއަށް އަންނަ ކޮންމެ އެއްޗަކުން ރެކެމުން އުޅަނދު ދުއްވަމުން ދިޔައީ ސާބިތުކަމާ އެކުގައެވެ. ނަޖުމާގެ ހިތުގައި އުފެދެމުން ދިޔައީ އެހެން ކުލަވަރެކެވެ. އޭނާގެ މޭތެރޭގައި ޖަހަމުން ދިޔައީ އެހެން ވިންދެކެވެ. އޭނާއަށް އިރުރާޒު ފަދަ މީހަކު ލިބުނީތީ ކުރެވޭ އިހުސާސްތަކެވެ. ދިރިއުޅުމުގެ ދަތުރުގައި ނަޖުމާ ބާކީވެފައި ހުއްޓާ އިއުރާޒު ދިއްކޮށްލި އަތުގައި ހިފުނީތީ އޭނާ ހާހެއް ނުވެއެވެ. ކަންބޮޑެއް ނުވެއެވެ. ޖެހިލުމެއް ނުވެއެވެ. އޭނާއަށް ލިބެނީ ޔަގީންކަމެވެ. އިތުބާރެވެ.
އިއުރާޒު އޭނާއަށް އޮޅުވައެއް ނުލައެވެ. ދޮގެން ނުހަދައެވެ. އިއުރާޒުގެ ހުށަހެޅުމަށް ނަޖުމާ އާނބަސް ބުނީ އެއީ އިންސިއެއް ނޫންކަން އެނގި ހުރެއެވެ. ނަޖުމާއަށް މުހިއްމުވީ މީހާގެ ސިފައެއް ނޫނެވެ. މީހާ ހުންނަ ގޮތެއް ނޫނެވެ. ނަސްލެއް ނޫނެވެ. އުފަންވި އާއިލާއެއް ވެސް ނޫނެވެ. އޭނާ ބޭނުންވީ ލޯތްބެވެ. އޯގާތެރިކަމެވެ. އަޅައިލުމެވެ. އެކަން އޭނާއަށް ހޯދައިދިނީ އިއުރާޒެވެ. އިއުރާޒުގެ ލޯބިން އޭނާގެ ގެއްލިފައިވާ އުފާވެރިކަން އޭނާގެ ތުންފަތާ ހަމައަށް ގެނެސްދިނެވެ. މޫނުމަތިން އުފާވެރިކަން ވިދުވާދިނެވެ. ހިތުގައި ޖެހުނު ލައްގަނޑުތައް ކެހިގެންދާ ވަރަށް ލޯބިދިނެވެ.
ނަޖުމާއަކީ ކުޑައިރުން ފެށިގެން ޝިކާރައަކަށް ވެފައިވާ ޔަތީމެކެވެ. މިސްކީނެކެވެ. އަޅައިލާނެ މީހަކު ނެތިފައި ހުއްޓާ އޭނާގެ އަތުގައި ހިފީ ބައްޕަ ފަރާތު ބޮޑުދައިތައެވެ. އޭނާ ހީކުރީ ބޮޑުދައިތަގެ ފިރުމާލުމުން އޭނާ ދުނިޔޭގެ ކުލަ ބަދަލުވާނެ ކަމަށެވެ. ނުލިބުނު އުފާތައް އަނބުރާ ހޯދޭނެ ކަމަށެވެ. ނަމަވެސް ކަންވީ އެހެންނެއް ނޫނެވެ. ބޮޑުދައިތަ އޭނާ ގެންގޮސް ވެއްދީ ހުރަގެއަކަށެވެ. ފަރި ނުވަނީސް މަލުގެ ކަރުގަނޑަށް ޖެއްސީ ބޯމަތީގައި އުދުނުހުނު ކަޅު ބިޔަ ކުޅަނދުރެކެވެ. ބޮޑުދައިތަގެ ފިރިމީހާއެވެ. އެކަން ބޮޑުދައިތައަށް ކިޔައިދިނުމުން ބޮޑުދައިތަ ގާތަށް އައީ ރުޅިއެވެ. އޭނާއަށް ގޯސްވީ ނަޖުމާއެވެ. އާއިލާ ތެރޭގައި ހަމަނުޖުހުން އުފައްދާ އަގުވައްޓާލަން ރީތި ވާހަކައެއް ދެއްކި ކަމަށް ބުނެ ބޮޑުދައިތަ ހަޅޭއްލެވީ ނަޖުމާއަށެވެ. ކުށްވެރިވީ ނަޖުމާއެވެ.
ނަޖުމާ އެހިތްދަތި ޖަލުގެ ތެރޭގައި ގައިދުވިއެވެ. އޭނާއަށް ސިފަވަމުން ދިޔައީ މިނިކާވަގެއް އޮތް ކޮށްޓެއްގައި ދެއަތް ދަމައިލައިގެން އުއްޑުން އޮވެވޭހެންނެވެ. އެ ސޮރު ވައްވައް ޖަހައިލާ ކޮންމެ ގަޑިއަކު ނަޖުމާ ހަށިން ފުރާނަ ދާކަމުގެ އިހުސާސެވެ. ކޮންމެ ދުވަހަކު އެ މިނިކާވަގުގެ ބޮޑު ދުލުން ނަޖުމާ ފެންވަރުވައެވެ. މުޅިގައިގައި އެ ސޮރު ދޫ ހާކައެވެ. އެންމެ ފަހުން އެ ފަކީރަށް ގޮތް ހުސްވާވަރުވިއެވެ. ނުކައި ނުބޮއި ދުވަސްތައް ގުނާން ފެށުނެވެ. ނަޖުމާ ހިކި އަނަރޫފަވެ ބަލިވިއެވެ. ބޮޑުދައިތައަށް މަޖުބޫރުވެގެން އޭނާ ޑޮކުޓަރަށް ދެއްކި ދުވަސްވެގެން ދިޔައީ ހަޔާތުގައި ދިމާވި އެންމެ ހިތްދަތި ދުވަހަށެވެ. ހުރިހާ ވާހަކަތަކެއް ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރައި ގޭގެ ހަތަރު ފާރުގައި ކުރި އަނދިރި ތަޖުރިބާތައް ހާމަވި ދުވަހަށެވެ.
ނަޖުމާގެ ވާހަކަތަކާއެކު އޭނާ ލޭބަލް ވެގެންދިޔައީ މުޅީން ތަފާތު މީހެއް ގޮތުގައެވެ. އޯގާތެރިކަމުގެ އަތްތައް ކުރުވެ އަމިއްލަ އެދުމުގެ އަތް ދިގުވެގެން ދިޔައީއެވެ. ނަޖުމާގެ ހާލަތަށް ހަމުދަރުދީވާން ކަމުގެ ނަމުގައި އޭނާ ގެންދިޔައީ ބޮޑުބޭބެގެ ގެއަށެވެ. އެއީ ބޮޑުދައިތަގެ ބަންދު ޖަލާއަޅައިބަލާއިރު ތަނަވަސް ބޮޑު ގެއެކެވެ. ނަމަވެސް ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. ބޮޑުބޭބެ ކިތައްމެ ހެވަސް އެގޭގައި އުޅުނީ މިނިކާ ޖަނަވާރުންނެވެ. ބޮޑުބޭބެގެ ދޮށީ ދެ ދަރިންނެވެ. ހޭބުއްދި ފިލާ ކޮންމެ ވަގުތަކު އެމީހުންގެ ޝިކާރައަކަށްވީ އެ ނިކަމެތި ހަށިގަނޑެވެ. ކުޅެން ގެންގުޅޭ ބުދެއް ފަދައިންނެވެ. އެންމެ ފަހުން ނަޖުމާގެ ކެތްތެރިކަން ކޮޅުންލިއެވެ.
ހުރިހާ ވާހަކަތަކެއް ފުލުހުންނަށް ހުށަހެޅުމާއެކު އޭނާ މަގުމަތިވިއެވެ. ބޮޑުބޭބެ ބަހުގެ ހަމަލާތައް އަމާޒުވީ ސީދާ ނަޖުމާ އަށެވެ. ނަޖުމާގެ ދަޅައިގައި އޭނާގެ ދެ ދަރިން ޖައްސުވާ އެމީހުން މަގު ފުރެއްދީ ނަޖުމާކަމަށް ބުނެ އޭނާއަށް ހަޅޭއްލަވަން ފެށިއެވެ. ބޮޑުބޭބެގެ ދެ ދަރިން ޖަލުގެ ތޭރިތަކުގެ ފަހަތަށް ދާން ޖެހުނީ ސީދާ ނަޖުމާގެ ސުންޕާކަމުން ކަމަށް ބުނެއެވެ. އެންމެ ފަހުން އޭނާއަށް އެނގެއިން ނުކުންނަށް މަޖުބޫރުވިއެވެ.
ވަންނާނެ ތަނެއް ނެތި ހިނގަމުން ހިނގަމުން ގޮސް އޭނާއަށް އިށީނދެވުނީ ކުރިން ލޮނު ޒިޔާރަތްކޮޅުގެ ރާޅުގަނޑާ ދިމާގައެވެ. ކުރިން ސުނާމީ ބިނާ ހުރި ތަނުގައެވެ. މިހާރުގެ ގޮތުންނަމަ އެއީ ސިނަމާލޭ ބުރިޖުން މާލެއާ ވީކޮޅުން ފެށޭ ހިސާބެވެ.
ނަޖުމާއަށް ލޯ ހުޅުވާލެވުނެވެ. އިއުރާޒާ ދިމާވި ފަހުން އޭނާއަށް ލިބުނު ތަނަވަސްކަމާއި ހިތްހަމަ ޖެހުމުގެ މަތީން އޭނާ ހަނދާންވިއެވެ. ނިކަމެތިކަމުގެ ތެރެއިން ނުކުމެ ތަނަވަސް ކަމާއި މިނިވަން ކަމަށް އޭނާ ގެނެސްދިނީ ސީދާ އިއުރާޒެވެ. ވަންނާނެ ގެދޮރު ނެތީސް އޭނާއަށް ބޯހިޔާވަހިކަން ހޯދައިދިނީ ވެސް އިއުރާޒެވެ. ލޯތްބަކީ ކޮބައިކަމާއި ލޯބީގެ މީރު ކަން އިހުސާސްކޮށްދިނީ ވެސް އޭނާއެވެ. ޖަޒުބާތުގެ އޮއިވަރުގައި ނުޖައްސާ އޭނާގެ ބޮލުގައި ފިރުމައިދިނީ ވެސް އޭނާއެވެ. އެ ލޯބީގެ ސަބަބުން އޭނާގެ މާޒީ މަތީން ހަނދާން ނެތޭވަރަށް ލޯބި ދިނީ ވެސް އޭނާއެވެ.
"ހިތަށް މި އަރަނީ އިންސިއަކަށް ނުވުން އެއީ ނަސީބޭ." ނަޖުމާ ހިފައިލީ އިއުރާޒުގެ މުލައްދަނޑީގައެވެ.
"އެ ކިހިނެއްވީ؟" އިއުރާޒު ހިނިތުންވެލިއެވެ.
"އަހަންނަށް ދިމާވި ގޮތުން. ކޮންމެ މީހަކު ވެސް އުޅުނީ ނާޖާއިރު ފައިދާ ނަގަން. އިންސީންނެކޭ ޖަނަވާރުންނެކޭ ތަފާތެއް ނެތް. ކޮންމެ މީހަކު ވެސް ބޭނުންވަނީ އެންމެ ކަމެއް. ނިކަމެތި އަންހެނަކު ފެންނަ އިރަށް ބޮލަށް ސަވާރުވަނީ އެހެން ހިޔާލެއް. ސިކުނޑީގައި ކުރަހަނީ އެހެން މަންޒަރެއް އަބަދުވެސް އުޅެނީ އެކަން ކުރެވޭނެ މަގުތައް ކޮށަން. އެ ކަން ފަހި ކުރާން." ނަޖުމާ ލަސްލަހުން ބުނެލިއެވެ.
"އެންމެންނެއް ނޫންދޯ. އިންސާނުންގެ ތެރޭގައި ވެސް ވަރަށް މާތް ހުލްގު ހެޔޮ އޯގާތެރި، ނިޔަނެތި މީހުން އުޅޭ." އިއުރާޒު ކުރިއަށް ބަލައިގެން އިނދެ ބުނެލިއެވެ.
"އަހަންނަށް އެކަމެއް ތަޖުރިބާއެއް ނުކުރެވޭ." ނަޖުމާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ނަޖޫއަށް ކަންތައް ވީގޮތުން ތިހެން ބުނެވިދާނެ،" އިއުރާޒު އިނީ ކުރިމަތިން ފެންނަމުން ދިޔަ އަލި އަލިގަނޑަށް ސަމާލުވެގެންނެވެ. "އަހަރުމެންގެ ތެރޭގައި ވެސް އުޅެނީ ވަކި ސަހަލު ބައެއް ނޫން."
"އަހަންކަށް އެކަމެއް ނޭނގެ. ރާޒު އަހަންނަށް ތި ދިން ލޯތްބާއި އޯގާތެރިކަމާއި ރައްކާތެރިކަމަކީ އިންސިއެއްގެ ފަރާތުން ލިބުނު ކަމެއްނޫން. ދުވަހަކު ވެސް މިފަދަ އުފާވެރި، ހިތްހަމަ ޖެހޭ ދުވަހެއް ފެންނާނެ ކަމަކަށް އަހަރެން އުއްމީދެއް ނުކުރަން،" ނަޖުމާ ނޭވާ ކުރުވާހެން ހީވާން ފެށިއެވެ. "ރާޒު އެހެން މީހުންނާ ވަރަށް ތަފާތު. ކައިވެނީގެ ކުރިން ކައިވެނީގެ ރަހައެއް ނުބަލާ. އަހަރެން ހުރި ހާލަތުން އަރައިގަންނަން ލައްކަ މަސައްކަތްކުރި. އަހަންނަށް ފަރުވާ ދިން."
ކުއްލިއަކަށް އައި އަލިގުޅައަކުން އުޅަނދު ނައްޓައިލުމަށް އިއުރާޒަށް ލިބުނީ ފަޅި ސިކުންތެކެވެ. ޓަސްލައިފައި އުޅަނދު ތިރިއަށް ވައްޓައިލަން މަޖުބޫރުވީއެވެ. އެއާއެކު ލިބުނު ކުއްލި ސިހުމާއެކު ނަޖުމާއަށް ހަޅޭއްލަވާ ގަނެވުނެވެ. އުޅަނދަށް އެރި ސިހުމާއެކު އޭނާގެ އުނަގަނޑަށް ތަދެއް އަރާން ފެށިއެވެ. އެހެންވެ ނަޖުމާއަށް ރޮއިގަނެވުނެވެ. އުނަގަނޑުގައި ދެއަތުން ފިރުމަމުންނެވެ. އޭނާއަށް އިށީނދެ އިންނަން އުދަނގޫވާން ފެށިއެވެ. އިއުރާޒު ހާސްވާން ފެށިއެވެ. އޭނާއަށް ބަލައިލެވުނީ ގަޑިއަށެވެ. އޭރު އެގާރަ ގަޑި ތިރީސް ހިނގަނީއެވެ. އޭނާއަށް އޮތީ މަދު ވަގުތުކޮޅެކެވެ.
އިއުރާޒް ހާސްވެ ކަންބޮޑުވާން ފެށިއެވެ. ނަޖުމާގެ އުނަގަނޑުގައި އެއް އަތުން ފިރުމަން ފެށިއެވެ. އެއާއެކު ކުރިމަތީން ފެނުނު މަންޒަރު އޭނާ ގޮތް ހުސްވާ ގޮތްވިއެވެ. ދެ ލޯ ބޮޑުކޮށްލެވުނެވެ. މީހާ މާޔޫސްވިއެވެ. އިއުރާޒުގެ ދެ ލޮލަށް ކަރުނަތައް ގިނަވިއެވެ. ނޭވާ ކުރުވިއެވެ.
(ނުނިމޭ)