އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ދައުވާ އުފުލަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކަމަށް އިދިކޮޅު ލީޑުކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނަކީ ޖަނަވަރީ 1، 1953 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެވެ.
މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި މީހަކު، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަވާބުދާރީ ކުރުވައި، އެ މީހުންގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު މީހުންނަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތު ކުރުން ހިމެނެއެވެ.
އެ ގާނޫނަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ރަހީނުކޮށް އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށެވެ. އެކަމަށް އެކަނިވެސް އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ދައުވާ އުފުލަން ޖެހޭނީ ނަޝީދުގެ މައްޗަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އިންސާފުވެރިކަމާއެކު މި މައްސަލަ އަލުން ބަލަން ފުރުސަތު ދޭން ކެރޭނެބާ،" އަބްދުއްރަހީމް ސުވާލު އުފައްދަވާފައިވެއެވެ.
އެ މޭރުމުން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމްވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. ޝިޔާމް ވަނީ އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އޮމްބަޑްސްޕާސަންގެ އޮފީހަށް އެންމެ ފުރަތަމަ މައްސަލަ ހުށައަޅާ ބަޔަކީ ނޮވެންބަރު ތިނެއްގެ އުދުވާނުގައި ޝަހީދުވި މީހުންގެ އާއިލާތައް ނުވަތަ ކްރިމިނަލް ކޯޓްގެ ކުރީގެ ގާޒީ އަބްދުﷲ މުހައްމަދުގެ އާއިލާ ނަމަ އެ މައްސަލަ ކުރިއަށްދާނެތޯ ސުވާލު ކުރައްވާފައެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އޮމްބަޑްސްޕާސަންގެ އޮފީހަށް އެންމެ ފުރަތަމަ ވަޑައިގަންނަވާ ފަރާތްތަކަކީ ނޮވެންބަރު ތިނެއްގެ އުދުވާނުގައި ޝަހީދުވި އަބްތާލުންގެ އާއިލާތައް އަދި އަބްދުﷲ މުހައްމަދު [އަބްދުﷲ ގާޒީ] ގެ އާއިލީ ކަމުގައިވެއްޖެނަމަ ތިޔަ އޮފީހުގެ ދޮރު ނުހުޅުވި ތާށިނުވާނެބާ؟އަހުމަދު ޝިޔާމް | ނައިފަރު ދާއިރާގެ މެންބަރު
އިންތިގާލީ އިންސާފުގެ ގާނޫނަކީ ވަކި މައްސަލަތަކެއް ބެލުމަށް އަމާޒުކޮށް އަދި ބަދަލު ހިފުމުގެ ގޮތުން ފާސްކުރި ބިލެއް ކަަމަށް އިދިކޮޅު މެންބަރުން ދެކެއެވެ. އެ ބިލް ބުރާސްފަތި ދުވަހު ރައީސް ސޯލިހް ވަނީ ތަސްދީގު ކުރައްވާފައެވެ. އަދި ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.
އިއްޔެ އެމްޑީޕީގެ ހަރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި ރަައީސް ނަޝީދު ވަނީ އެ ގާނޫނުގެ ހަގީގީ ބޭނުން ސާފުކޮށްދެއްވާފައެވެ. ނަޝީދު ވިދާޅުވީ އެ ބިލްގެ ބޭނުމަކީ ރައްޔިތުން ސުލްހަ ކުރުން ކަމަށެވެ. އަދި އަނިޔާވެރިވި މީހާއާއި އަނިޔާ ލިބުނު މީހާ ބައްދަލްވެ އެކަކު އަނެކަކަށް މައާފު ކުރުމެވެ. އަދި އަނިޔާކުރި މީހާ އެކަމަށް އެއްބަސްވުމެވެ.
"މީހަކު ޖަހާފައި އޮތީ އެހެން މީހެއްގެ ގައިގައި. ފުރަގަހަށް ބިޑިއަޅާ ރުކެއްގައި ބަދެ، ގަޔަށް ހަކުރު އަޅާ އޭނާ އެތާނގައި ތިން ދުވަސް ވަންދެން ހިނި އަރުވަން ބަހައްޓާފައި ހުރީމާ އޭނާގެ ލޮލަށް ހިނައަރާ އޭނާ ހުރީ ލޮލުގެ ފެނުން ގެއްލިފައި. އޭނާ އެބަ ބުނޭ އޭނާއަށް މިކަން ކުރީ އެވެނި މިވެނި މީހެކޭ. މި ބިލްގައި މި ބުނަނީ އެކަން ކުރި މީހާ އައިސް ބުނާށޭ އާންއެކޭ ތިމަންނާއޭ ކުރީ. އެއީ ތިމަންނާއަށް ކުރެވުނު ގޯސްކަމެކޭ، ތިމަންނާއަށް މައާފުކުރާށޭ. އަޅުގަނޑުމެން ބޭނުންވަނީ އެ ރުކުގައި ބަނދެފައި ހުރި ކުއްޖާއާއި މީނާއާ ބައްދަލްކޮށް ސުލްހަކޮށް ދިނުން،"
ބިލްގެ ހަގީގީ ބޭނުމަކީ އެއީ ނަމަވެސް އަނިޔާވެރިއަކު އަނިޔާ ކުރުމަށްފަހު އެކަމަަށް މައާފަށް ނޭދިއްޖެނަމަ ދެން އޮންނާނީ ޖިނާއީ ދައުވަ ފެށުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެފަދަ މީހަކު ޖަލުގައި ހުންނަންވެސް ޖެހޭނެ ކަމަށް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ރައްޔިތުންގެ މެދުގައި އޮތް ރުޅިވެރިކަން ފިލާ ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މައާފަށް ނޭދިއްޖެނަމަ ދެން ޖިނާއީ ދައުވާ ފަށަން އެ ޖެހެނީ. މައާފަށް ނުއެދިއްޖެނަމަ އެމީހާ ޖަލުގައި ހުންނަން އެ ޖެހެނީ،"