ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ވެކްސިން ލިބުމުން އުފަލުން ޑޮކްޓަރުންނާއި ނަރުހުންގެ ނެށުމެއް

ފާއިތުވެގެން މިދާ އަހަރަކީ މުޅި ދުނިޔެއަށް ވަރަށް ބޮޑު ވޭނަކާއި ތަކުލީފެއް އުފުލަން ޖެހުނު އަހަރެކެވެ. ޚާއްސަކޮށް ކޮވިޑް-19 އާ ދެކޮޅަށް ދުނިޔެ ކުރި ހަނގުރާމައިގެ ކުރީ ސަފުގައި މަސައްކަތްކުރި ފްރަންޓްލައިން ވާކާސްގެ ތެރޭގައި ހިމެނުނު ޑޮކްޓަރުންނާއި ނަރުހުންނަށް ފާއިތުވީ ނުވަ ވަރަކަށް މަސް ދުވަހު އުޅެން ޖެހުނީ ވަރަށް ބުރަ އެހާމެ ބިރުވެރި އިހްސާސް ތަކަކާ އެކުގަ އެވެ. ކޮވިޑް ބަލި މީހުންގެ ފުރާނަ ސަލާމަތްކުރަން އެމީހުން މަސައްކަތް ކޮށްފައިވަނީ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެންނެވެ.

މިފަދަ ހާލެއްގައި އުޅެމުންދިޔަ އެމެރިކާގެ ބޮސްޓަންގެ ހޮސްޕިޓަލެއްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ކޮރޯނާވައިރަސް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ލިބުމުން އުފަލުން ގޮސް އެމީހުން ނަށާ މަންޒަރަކީ މިހާރު ސޯޝަލް މީޑިއާގައި އެންމެ ހިނގާ އެއް ވީޑިއޯ އެވެ. ފޭސް މާސްކް އާއި ޝީލްޑް އަޅައިގެން އަދި ސްކްރަބްގައި ތިބެ މި އެންމެން ނަށާފައިވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ ލިޒޯގެ ވަރަށް ރީތި ލަވައެއް ކަމަށްވާ "ގުޑް އޭޒް ހެލް" އަށެވެ.

މި ވީޑީއޯ ކްލިޕް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ސީއީއޯ ކުރި ޓުވީޓެއްގަ އެވެ. އޭނާ މި ޓުވީޓްގައި ލިޔެފައިވާ ގޮތުގައި މި މީހުން ނަށާފައިވަނީ ވެކްސިން ލިބުމުން އެ ހޮސްޕިޓަލުގެ މެޑިކަލް ސްޓާފުންނަށް ވެކްސިން ބަހަން ފެށުމުގެ ރަސްމިއްޔާތުގައި ކަމަށެވެ.

ބޮސްޓޮން ޑޮޓް ކޮމްގައިވާ ޚަބަރެއް ބުނާ ގޮތުގައި އެ ހެލްތު ފެސިލިޓީއަށް 1،950 ޑޯޒް ވެކްސިން އެ ދުވަހު ލިބިފައި ވެއެވެ. މިއީ ފައިޒާ ބައި-އެންޓެކް އިން އުފެއްދި ވެކްސިނެވެ. ވެކްސިން ލިބުނީ ހޯމަ ދުވަހު ނަމަވެސް ސްޓާފުންނަށް ދޭން ފެށީ ބުދަ ދުވަހު ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ.

ސޯޝަލް މީޑިއާއިން މި ވީޑިއޯ ބެލި ގިނަ ބަޔަކު ވަނީ ސިއްހީ ޚިދުމަތްތެރިން އުފަލުން ނަށާ މަންޒަރަކީ އުފާވެރި މަންޒަރެއް ކަމަށް ބުނެ އެމީހުންނަށް ވަރަށް ބޮޑަށް ތަރުހީބު ދީފަ އެވެ.

"ނުވަ މަސް ވަންދެން ސިއްހީ އެހީތެރިން އުޅެން ޖެހުނު ބުރަ އަދި އެހާމެ ހިތްދަތި ދިރިއުޅުމަށްފަހު އެމީހުންނަށް މި ވަރުގެ އުފަލެއް ލިބުމުން އުފާކުރުން ހައްގު،" މި ވީޑީއޯ އަށް ކޮމެންޓުކުރި މީހަކު ބުނެފައި ވެއެވެ.

އެމެރިކާގައި މިހާރު ކޮރޯނާވައިރަސް ވެކްސިން ދޭން ފަށާފައިވާއިރު އެންމެ އިސްކަމެއް ދީގެން ފުރަތަމަ ވެކްސިން ދޭ ބަޔަކީ ސިއްހީ ޚިދުމަތްތެރިންނެވެ.