ހަބަރު

ސައުދީން އަޅައިދޭ މިސްކިތްތަކުގެ ތެރެއިން ތިން މިސްކިތެއްގެ މަސައްކަތް ހަވާލުކޮށްފި

ސައުދީ ރަސްގެފާނުގެ ހިލޭ އެހީގެ ދަށުން އަޅާ މިސްކިތްތަކުގެ ތެރެއން ތިން މިސްކިތެއް އަޅަން 24 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ހަރަދުކުރާ ގޮތަށް މަސައްކަތް ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ،

ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒްގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ރައްރަށުގައި އަޅާ 10 މިސްކިތުގެ ތެރެއިން ތިން މިސްކިތެއް އަޅައިދޭ ކޮންޓްރެކްޓަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި ތިން މިސްކިތް އަޅަން ދިން ތިން ކުންފުންޏަށް ޖުމްލަ 24،008،915.34ރ. ހޭދަކުރެ އެވެ.

މީގެ ތެރެއިން ޅ. ނައިފަރުގައި 900 މީހުންގެ ޖާގައިގެ މިސްކިތް އަޅަން ދިނީ މަލާ ހައިރައިސިން ކޮންސްޓްރަކްޝަން ކުންފުންޏަށެވެ. އެއީ 300 ދުވަސް ތެރޭގައި ނިންމަން 9،192،575.41ރ. އަށެވެ.

ގއ. ވިލިނގިލިގައި 700 މީހުންގެ ޖާގަ ހިމެނޭ މިސްކިތް އަޅަން ދިނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑަށެވެ. އެއީ 8،019،577.92ރ. އަށް 360 ދުވަހުން މަސައްކަތް ނިންމާށެވެ.

މީގެއިތުރުން ހދ. ނައިވާދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަމަޖެހިފައެވެ. ހަރަދު ވަނީ 6،796،762.01ރ. އެވެ. މަސައަކަތުގެ މުއްދަތަކީ 330 ދުވަހެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ސައުދީ ރަސްގެފާނުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުގައި 10 މިސްކިތެއް ބިނާ ކުރަން ހަމަޖެހިފައިވާ ކަމަށާއި އަދި މިއަހަރު ތެރޭގައި އަށް މިސްކިތެއް އެޅުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ކުރީކޮޅު ދެން ހުރި ދެ މިސްކިތުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ސައުދީ ރަސްގެފާނުގެ އެހީ އަޅާ މިސްކިތްތަކުގެ މަސައްކަތް ފަށާފައި ވަނީ އދ. އޮމަދޫ އާއި ފ.ދަރަނބޫދޫ އާއި ހދ. ނައިވާދޫ އާއި ރ. މީދޫ އާއި ގއ. ވިލިނގިއްޔާއި ރ. ވާދޫ އާއި ޅ. ނައިފަރާއި ގދ. ތިނަދޫގަ އެވެ. އަންނަ އަހަރު މަސައްކަތް ފަށަން ހަމަޖެހިފައިވަނީ ދ. މީދޫ އަދި ލ. މާބައިދޫ ގައި މިސްކިތުގެ މަސައްކަތެވެ.

ސައުދީ ރަސްގެފާނުގެ އެހީގެ ދަށުން އަޅަން ހަމަޖެހިފައިވާ ހުރިހާ މިސްކިތްތަކަށް 70 މިލިއަން ރުފިޔާއަށް ވުރެއްގިނައިން ހަރަދުވެ އެވެ.