ބޮލީވުޑް

ޝިފާލީގެ ކެރިއަރު ހަލާކުވީ ޅަ އިރު މަންމަގެ ރޯލު ކުޅުނީމަ

ނެޓްފްލިކްސް އޮރިޖިނަލްގެ ސީރީޒް "ދިއްލީ ކްރައިމް" ސްޓްރީމް ކުރިތާ އަހަރެއްވީއިރު ވެސް އެ ސީރީޒް ބެލި މީހުންނަށް ސީރީޒް މަތިން ހަނދާން ނައްތައެއް ނުލެވެ އެވެ. އަދިވެސް އެ ސީރީޒްގައި މަސައްކަތްކުރި އެކްޓަރުންގެ މޮޅުކަމުގެ ވާހަކަ ވެސް މިހާރު ވެސް މީހުން ދައްކަ އެވެ.

މި ސީރީޒް ވެގެން ދިޔައީ އިންޓަނޭޝަނަލް އެމީ އެވޯޑްސްގައި އިންޑިޔާގެ ސީރީޒްއަކަށް ލިބުނު ފުރަތަމަ ކާމިޔާބަށެވެ. އެ އެވޯޑުގައި ބެސްޓް ޑްރާމާ ސީރީޒް ކެޓަގަރީން އެވޯޑު ހޯދީ "ދިއްލީ ކްރައިމް" އެވެ. މި ސީރިޒްގައި ލީޑް ރޯލު ކުޅުނީ ޝިފާލީ ޝާހް އެވެ. އޭނާ ކުލެފައިވަނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ވަރުތިކާ ޗަތުރަވޭދީގެ ރޯލެވެ.

ފިލްމު އިންޑަސްޓްރީގައި ޝިފާލީ ވަނީ 20 ވަރަކަށް އަހަރު ހޭދަކޮށްފަ އެވެ. ނަމަވެސް ހުނަރުވެރި ބަތަލާއަކާ ބަލާފައި ޝިފާލީ، 48، އަށް ހައްގު ކާމިޔާބު ބޮލީވުޑުން އޭނާއަކަށް ނުލިބެ އެވެ. ޝިފާލީ މާ ބޮޑަށް އެއް ފަރާތަކަށް ޖެހެން ޖެހުނީ ޚުދް އޭނާއަށް ވެސް އެޅުނު ޅަ އެއްޗަކުންނެވެ. ވަރަށް ހަގު އުމުރުގައި މަންމަ ރޯލު ކުޅެން ފެށީމަ އެވެ.

ޚުދް ޝިފާލީ ވެސް މިހާރު އެކަން ގަބޫލު ކުރެ އެވެ. ޓައިމްސް އޮފް އިންޑިއާއަށް ދީފައިވާ އިންޓަވިއު އެއްގައި ޝިފާލީ ބުނީ ކެރިއަރުގެ އެންމެ ކުރީކޮޅު މަންމަގެ ރޯލު ކުޅުނީމަ ދެން މުޅިން ވެސް ލިބުނީ އެކަހަލަ ރޯލުތައް ކަމަށެވެ.

"އަހަރެންގެ އުމުރުން 20 އަހަރުގައި އަހަރެން ކުޅުނު ޝޯއެއްގައި 15 އަހަރުގެ ކުއްޖެއްގެ މަންމަގެ ރޯލު ކުޅެފައިވާނެ. އަދި 20 އަހަރުގައި 45 އަހަރުގެ އެކްޓަރެއްގެ މަންމަގެ ރޯލު ވެސް ކުޅުނިން. އަދި 28-30 ވަރަކަށް އަހަރުގައި އަކްޝޭ ކުމާރުގެ މަންމަގެ ބައި ކުޅުނީ. އެހެންވެ ވަކި އުމުރަކަށް ދިޔައިރު އަހަރެން ހުރީ މުޅިން މަންމައެއްގެ ރޯލަށް ހަމަޖެހި ނިމިފަ. ދެން އެހެން ކަހަލަ ރޯލެއް ހޯދަން ކުރެވޭނެ އެއްވެސް ކަމެއް ނުފެނުނު،" ޝިފާލީ ބުންޏެވެ.

ޝިފާލީ ބުނި ގޮތުގައި ސްކްރީން ޓައިމް އަށް ބަލާއިރު މިހާރު އޭނާގެ އުމުރު އުޅޭނީ 133 އަހަރަށް ވުރެ ވެސް މަތީގަ އެވެ.

ޝިފާލީގެ ދިގު ކެރިއަރުގައި އޭނާއަށް ވަރަށް ގިނަ އެވޯޑުތައް ލިބިފައި ވެއެވެ. އަދި އޭނާ ކުޅެފައިވާ ފިލްމުތަކާއި ސީރިޒްތަކުގައި އަދާކުރި ރޯލުތަކަށް ގިނަ ބަޔަކު ތައުރީފުކޮށްފައި ވެއެވެ. ނަމަވެސް ކެރިއަރުގައި ހެދުނު އެންމެ ގޯހަކުން އޭނާ މުޅިން އެއްފަރާތް ވާން ދިމާވީ އެވެ.