ރިޕޯޓް

ރައިވެރިބޭ ކޮއްތުވެނީގެ މޮޑެލް ރިވިއު ކުރަންޖެހޭ!

އޮޑި ދޯނި ފަހަރު މާލެއަށް ލަފާ، ފަސޭހަ ގޮތަކަށް މީހުނަށް ކަރު ތެންމާ ލެވޭ ގޮތަށް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި ހެދި ސާޅީހަކަށް "ކަޑަ" އަކީ ފުަރަތަމަ ލުއިކާނާ ފިހާރަތަކެވެ. އެއީ މާފަންނު ހުޅަނގު ސަރަހައްދުގެ ފުޑްކޯޓްތަކުގެ ފެށުމެވެ. ފިހާރަބަރިތަކާއެކު ކަޑަތައް ބޮޑުވަމުން ފުޅަވަމުން އިމުގެ ޖާގަ ބޭރަށް ނެރެމުން އަމިއްލައަށް ޖާގަ ބޮޑު ކުރަމުން ގޮސް މުޅި ސަރަހައްދަށް އެކަން ފުޅާކުރި އެވެ. އެކަން އެންމެނަށް ކަމުދާ ތަނަކަށް ވެގެން ގޮސް "ހާބަރުކަޑަ" ތަކަށް ބަދަލުވި އެވެ.

އޭރު ސަރަހައްދުން އަބަދުވެސް އިވެނީ ކޮއްތުރޮށި ހަދާ އަޑާއި ހުސް ނުވާ ޕާޕަރު ތައްޓަކާއި މިރުސްގަނޑާއެކު މީހުން ކެއުމުގެ ފޯރި ގަދަކޮށްލައިގެން އުޅޭ އަޑެވެ. އެވަރުގެ އެހެން ކަމެއް ނޯވެ އެވެ. އެކަމަކު އެއްވެސް ތަރުތީބެއް އުސޫލެއް ގޮތެއް ފޮތެއް އޮންނަ ތަނެއް ވެސް ނޫނެވެ. އެތަން ވެފައި އޮންނަނީ ގަދަ މީހާ ގަދަ ތަނަކަށެވެ.

އެ ކެފޭތަކުން ޑިޝްތަކެއް ވެސް މަޝްހޫރުވި އެވެ. ކޮއްތު ރޮއްޓާއި ނާސިގޮރެން ރަހަ ހެޔޮވަރު ކޮށްލައި ދިނީ ކަޑަތަކުންނެވެ. އެ ކަޑަތަކުގެ ތެރެއިން ކޮންމެ މީހެއްގެ ވެސް ފެވަރިޓެއް އޮވެ އެވެ. "އާމިސް ކެފޭ" އާއި "ފަހަރި ކެފޭ،" އާއި "ޅިޔަނު ކެފޭ" އަދި "ތޯޖިޒް ކެފޭ" އަކާއި "ފަން ކެފޭ" "އޯރާ" އާއި "އެއް ނަމްބަރާ" އި "ރޭޑޭ" އަކީ މިހާރު ވެސް ހިތުގައި ހުންނާނެ ނަންތަކެވެ.

އެތަންތަނަކީ ހެދުނު ސައިން ފެށިގެން ރޭގަނޑު މެންދަމާ ހަމައަށް އަދި ސިއްރުން އިރު އަރަން ދަންވެސް ހިނގަ ހިނގާ އޮންނަ ތަންތަނެވެ.

"ރައިވެރިބޭ ކޮއްތުވެނި" ތަރައްގީ ކުރުން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ސަރަހައްދުގެ "ހާބަރު ކަޑަތައް" ރޫޅާލައި ޒަމާނީ ފެންވަރަކަށް ފުޑްކޯޓް ތަރައްގީ ކުރަން ނިންމި އެވެ. އޭރުގެ ހައުސިންގް މިނިސްޓްރީ އާއި އެސްޓީއޯ ގުޅިގެން އެ ޕްރޮޖެކްޓް ހިންގީ ޒަަމާނީ ފުޑްކޮޓްތަކެއް ގެނެސް ދިނުމަށެވެ. ފުރަތަމަ ޕްލޭންކުރީ 30،000 އަކަފޫޓުގެ އެ ސަރަހައްދު ނިމޭ އިރ ޕާކިންގް ސިސްޓަމާއަކާއެކު އެތަން ހަދާ ހިތްގައިމު ހިތްފަސޭހަ ތަނަކަށް ބަދަލު ކުރާށެވެ.

ވާޓިކަލް ޕާކިންގ ލޮޓެއް ނެން ނަމަވެސް ފުރިހަމަ ފުޑްކޯޑްތަކަކަށް ބަދަލުކޮށް ކުޑަކުދީންނާއި އާއިލާތަކަށް ހާއްސަ ޕާކަކާއެކު ސަރަހައްދު ތަރުތީބުކޮށް "ރައިވެރިބޭ ކޮއްތުވެނީ" ގެ ނަމުގައި ތަރައްގީކޮށްފައި ވަނީ 26 ފުޑް ކޯޓާއެކު އެވެ. މިދިއަ ދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ތަނުގައި އެކި ނަން ނަމުގައި އެކި ކޫޒީން ވިއްކާ ކެފޭތަކެއް އެތަނަށް ބަދަލުވިއެވެ. ވިޔަފާރި ކޮންސެޕްޓް ބަދަލު ކޮށްލި އެވެ.

ނަމަވެސް ކޮވިޑް-19 ރާއްޖެއަށް ލައްވައިލާ އެތައް ވިޔަފާރިއަކަށް ގެއްލުންވެފައިވާ އިރު އަގު ބޮޑުކޮށް ރައިވެރިބޭ ކޮއްތުވެނިން ފުޑްކޯޓްތައް ނެގި ވިޔަފާރިންގެ ގިނަ ބަޔަކު އެތަން ދޫކޮށްލާފައި ހިނގައްޖެ އެވެ. މިހާރު މި ފުޑްކޯޓުގައި މީހުން ދާ ބޮޑު ތިން ހަތަރު، ފަސް ތަނެއް ފިޔަވައި އެހެން ތަންތަން އޮތީ ގާތްގަނޑަކަށް ހުހަށެވެ. އެމީހުންނަށް ވާވަރު ވެގެން ދިޔައީ އެވެ.

ކޮވިޑް ލައްވާލުމުގެ ކުރިން ވެސް އެސްޓީއޯ އިން ވަނީ މިތަނުން ބައެއް ގޮޅި ކުއްޔަށް ދިނުމަށް އިއުލާނެއް ކޮށްފައެވެ. ލޮކްޑައުންއާ އެއްކޮށް ދެން ފެނުނީ ގިނަ ގޮޅިތައް ހުހަށް ދޫކޮށްލާފައިވާ ތަނެވެ. އެތަންތާނގެ ކުއްޔަކީ އާދައިގެ މީހަކަށް ނުވަތަ ވިޔަފާރިއެއް ފަށާ މީހަކަށް ގާތް ކޮށްލެވޭ ވަރުގެ ކުއްޔެއް ނޫނެވެ. ބައެއް މީހުން މިތަން ތަނުގެ ކުއްޔަށްދޭ އަގު އެނގުމުން އެއީ މުއްސަންދިން އިތުރަށް މުއްސަންދިވާން ކޮށާފައިވާ މަގެއް ކަމަށް ބުނެ އެވެ.

މިހާރު ކޮއްތުވެނީގެ ހާލަތަށް ބަލާއިރު އިންވަކި ކޮށްފައިވާ ހެދި މި ގޮޅިތައް އެއްބަޔަކު އެއްތަނެއް އަނެއްތަނަކާއި ވަކި ނުކޮށް ހިންގާތަން ވެސް ފެެނެއެވެ. އެއްގޮޅިގާއި ބަދިގޭ ހުންނަ އިރު ސާވް ކުރަނީ ޖެހިގެން ހުންނަ ގޮޅީގެ ޑައިނިންް އޭރިއާ އިންނެވެ.

މިދިޔަ ޑިސެމްބަރު މަހު އެސްޓީއޯއިން ވަނީ މިތަނުން 14 ގޮޅިއެއް އަލުން ކުއްޔަށް ހިފަން ބޭނުން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން އެދިފަ އެވެ. ކޮންމެވެސް ލުއިތަކަކާއި އެކު އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވެފައިވާ ގޮތުގައި މިހާރު ވަނީ ކުލި ކުޑަކޮށްފަ އެވެ. ތިން މަހަށް ދައްކާ ސެކިއިރުޓީ ޑިޕޮސިޓް ވާނީ ދެ މަހަށް ކުޑަކޮށްފަ އެވެ، ކުރިން ނަގާ ބިޑް ސެކިއުރިޓީ އާއި އެޑްވާންސް ކުލި އަދި ބިޒްނަސް ޕްރޮޕޯސަލް މިހާރު ބޭނުމެއް ނުވެ އެވެ.

"މިތަން ނުހިނގާގެން ބަންދު ކޮށްފައި ދާ ސަބަބެއް ނޭނގޭ! ކޮވިޑްގެ ތިންމަހުގައި ރިލީފެއްގެ ގޮތުން ތިން މަހުގެ ކުލި ކަނޑާލަދީފައިވޭ. އަލުން މި އިއުލާންކޮ ށްގެން ވަރަށް ގިނަ މީހުންގެ ޝައުގުވެރިކަން އެބަ ދޭ ފާޅުކުރަމުން،" އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

ހުސްވެގެން އަލަށް ކުއްޔަށް ދޫކުރަން ނިންމި ތަންތަނަކީ 960 އަކަފޫޓާއި، 1260 އަކަފޫޓާއި އަދި 1660 އަކަފޫޓުގެ ތަންތަނެވެ. އެތަންތަނުގެ އަކަފޫޓެއްގެ އަގު އުޅެނީ 39 ރުފިޔާގެ ރޭޓުގަ އެވެ.

ވިޔަފާރި ކުރާ ފަރާތްތަކަށް ދަތި

ކޮވިޑާއެކު ވިޔަފާރި ދަށްވެ ފަޅުވާން ފެށި ރައިވެރިބޭ ކޮއްތު ވެނީގައި ގެއްލުން ނުވެ ބޮޑު ކުލީގައި ހިފަހައްޓާލެވުނީ މަދު ބަޔަކަށެވެ.
ކެފޭތަކުގެ އޯވާހެޑް މަތިވުމުން މެނޫގައި ހިމަނާލައި ކޮންމެ އެއްޗެއް އަގު ވެސް ހުރެ އެވެ. ޖޫސްތައްޓެއް ފަންސާހުން މަތީގައި އުޅޭއިރު ޑިޝްއެއް ނަގައިފިނަމަ ބޮލަކަށް 120 ރުފިޔާގެ މަތީން ޖެހެއެވެ.

އަލަށް ފުޑްކޯޓް ވިޔަފާރިއަށް ވަންނަ ބޭނުންވާ ފަރާތްތަކުން ވެސް ވާދަވެރި ގޮތެެއްގައި ހިންގުމަށް ބޭނުންނަަމަ ވަރަށް ރަނގަޅަށް މާކެޓް ދަސް ކުރަންޖެހެ އެވެ.

"ނައިސް އެންޑް ސްޕައިސް" ހިންގާ ފަރާތުން ބުނި ގޮތުގައި "ވިޔަފާރިތައް ދޫކޮށްލާފައި ދަނީ ގެއްލުން ވާތީ" އެވެ.

"ކޮވިޑް ޕެންޑެމިކް އާއި ގުޅިގެން ކަސްޓަމަރުން ނާންނާތީހެން ހީވަނީ. ލޮކްޑައުންގަައިވެސް ހަމަ އެގޮތަށް އެ ކަންތައް ދިޔައީ. އެކަމަކު ވެސް އޯވާހެޑްސް އަށް ޕޭ ކުރަން ޖެހެނޭ ނޫންތޯ ހަމަ، އަޅުގަނޑުމެން ތިބިން. ލިބޭ އެއްޗަކަށް ބަލައި ސެލެރީ އެޖެސްޓްކޮށް ޗޭންޖްކޮށްލައިގެން" އެތާނގެ އިސްވެރިޔަކު ބުންޏެވެ.

ރައިވެރިބޭ ކޮއްތުވެނީގެ ބުފޭ ކޮންސެޕްޓަކީ ހުރިހާ ވިޔަފާރިއަށް ވާދަކުރަން ފަސޭހަވާނެ ކަމެއް ނޫނެވެ. ކެޔަސް ނުކެޔަސް ބުފޭ ދަމާލާ ބޮޑު އިސްރާފަކަށްވާ ފަހަރު ވެސް ދެއެވެ. ނަމަވެސް ޖެހިގެން ހުންނަ ފުޑްކޯޓްގައި ބުފޭ އޮންނާތީ އެ ތަންތަނާ ވާދަ ކުރަން އެއީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެންމެނަށް މަޖުބޫރު ކަމަކަށް ވެފައި ވެއެވެ.

"ބުފޭ ސިސްޓަމް އުނދަގޫ ވަރަށް. ގިނަ ފަހަރަށް މިތަނަށް މި އަންނަނީ ބިޒީ ލައިފް ސްޓައިލެއްގައި އުޅޭ ބައެއް. އެއްޗެއް އަލާކާޓް ކޮށް އޯޑަ ރުކުރުމަށްވުރެ އެމީހުންނަށް މި އޮންނަނީ ވަގުތު ދާ ކަމަކަށްވެފައި. ބުފޭ ވަރަށް ފަސޭހަ ގޮތަކަށް ވެފައި. ދެން ޑިނާ ބުފޭ އަކީ ކަސްޓަމަރުން ވަރަށް ކަމުދާ އެއްޗެއް. އެއްމެން ވެސް ހަދާތީ މި ހަދަނީ... ބުފޭ ޑިސްއެޑްވާންޓޭޖަކީ ރަނގަޅު ވަރަކަށް ކަސްޓަމަރުން ނުލިބިއްޖެއްޔާ ލޮސް ވުން. އެހެން ވިޔަފާރިއެކޭ އެއްގޮތަށް މަހުގެ ކުރީކޮޅު ޑިމާންޑް ބޮޑުވެފައި ފަހުކޮޅަށް ދަށްވޭ... އެސްޓީއޯއިން ތަން ސާފުކޮށް ރީތިކޮށް ބޭއްވުމަށް ވަރަށް މަސައްކަތް ކުރޭ. އެކަމަކު ކުލި މާ. ބޮޑީ،"

"ކަސްޓަމަރުން ރީޓެއިން ކުރުން ވަރަށް މުހިއްމު މި ވިޔަފާރިގައި. މިތާނަގައި ގިނަވާނީ ރިޕީޓެޑް ކަސްޓަމަރުން އެންމެ ބޮޑު ކަމަކީ ކްލީން ވެފައި. ރަނގަޅު ސާވިސް އެއް ދިނުން. ފާސްޓް ސްޕީޑީ ސާވިސް އެއް ދިނުން. އަލަށް ފަށާ ބަޔަކަށް ބުނާނީ މިއީ ފަސޭހަ ކަމެއް ނޫނޭ އެކަމަކު ރަނގަޅަށް ކުރަންޖެހޭ ގޮތަށް ކޮށްފިއްޔާ ކާމިޔާބު ވާނެ"

ބްރިޖްގެ ފަސޭހަ އާއި ހުޅުމާލޭގެ ބީޗް މަަގުގައި އެއްކޮޅުން އަނެއް ކޮޅަށް ދަމާލި ކެފޭތަކާ ހިތްފަސޭހަ މާހައުލަކީ ރައިވެރިބޭ ކޮއްތުވެނީގެ ޑިމާންޑަށް އަސަރު ކުރި ސަބަބެކެވެ. ޒުވާނުން މެދުގައި އެ ކެފޭތައް މަގުބޫލުވީ ޒަމާނީ ގޮތަކަށް ހަދާފައިވާ އާޓް މިއުރަލް ތަކާއި ނުވަތަ މޮޑަން އިންޓީރިއާ ޑިޒައިން އާއެކު މާލެއަށްވުރެ ހިތްފަސޭހަވާތީ އެވެ. އަނެއް ބައިތަންތަނުގައި ކާ އެއްޗެހި ވެސް ތަފާތީ އެވެ.

ބައެއް ކެފޭތަކުން ގަދީމީ ދިވެހި ފަންނުވެރިކަން ނުވަތަ އިހުގެ ބަދިގެއެއް ފެންނައިރު އަނެއް ބައި ކެފޭތަކުން ގްރީސްގެ ސެންޓޮރިނީގައި މާހައުލު ހީވާ ކަހަލަ ވައިބެއް ގެނެސްދީފައި ވެއެވެ. ސިނަމާލެ ބްރިޖު ހުޅުވުމުން އެންމެ ކޮފީތައްޓެއް ބޯލަން ވެސް ހުޅުމާލެ ދިޔަ މީހުން މަދެއް ނޫނެވެ.

"ކޮވިޑް-19 އިގެ ކުރިން މަހުގެ ކުރީކޮޅަކީ ހަމަ ވިޔަފާރި ވަރަށް ރަނގަޅު. މާލެއިން ވަރަށް ގިނަ މީހުން އާދޭ. އޭރު މާލެއަކަށް ޑެލިވަރީ އެއް ނުކުރަން. މާލެއިން އަންނަ މީހުން ފާހަގަ ވަނީ ހެލެމެޓްގެ ސަބަބުން" ހުޅުމާލެގެ ކެފޭ ހިންގާ މީހަކު ބުންޏެވެ.