ބޮލީވުޑް

ކާރްތިކްގެ "ދަމާކާ" ޝޫޓީން 20 ދުވަހުން ނިންމައި އާ ރެކޯޑެއް ހަދަނީ!

ރާމް މަދްވާނީ ޑައިރެކްޓްކުރާ "ދަމާކާ" ގެ ލީޑް ރޯލު ކުޅެން ކާރްތިކް އަރްޔަން ސޮއިކުރި ކަމުގެ ޚަބަރުތައް މީގެ ދުވަސްކޮޅެއް ކުރިން އޮތީ ފެތުރިފަ އެވެ. މިއީ ކޮރެއާގެ ފިލްމެއް ކަމަށްވާ "ކޮރެއަން ލިވް"ގެ އޮފިޝަލް ރިމޭކް އެކެވެ.

މިހާރު މި ފިލްމުގެ ޝޫޓިން ފެށިގެން ކުރިޔަށް ދާއިރު 20 ދުވަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ނިންމާލަން ޑައިރެކްޓަރު ވަނީ މާ ކުރިއްސުރެ ރާވާފަ އެވެ. ފިލްމު ފެށުމުގެ އެތައް މަހެއް ކުރިން ޑައިރެކްޓަރު ވަނީ ޕްރި-ޕްރޮޑަކްޝަންގެ ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ޕްލޭން ކޮށްފަ އެވެ.

އެގޮތުން މުމްބައިގެ ހޮޓަލެއް އެއްކޮށް 20 ދުވަހަކަށް ބުކްކޮށް އެތަނުގައި 20 ދުވަސް މަތިން ފިލްމުގެ ޝޫޓިން ކުރިޔަށް ގެންދަން ޑައިރެކްޓަރު ވަރަށް ދުރާލާ އޮތީ ރާވާފަ އެވެ. ފިލްމުގެ ތަރިންނާއި ކުރޫން ތިބެން ހޮޓަލުގެ ވަކި ކޮޓަރިތަކެއް ހަމަޖައްސާފައި ވެއެވެ.

ފިލްމުގެ ޕްރޮޑިއުސަރު ރޮނީ ސްކުރޫވާލާ ހޮޓާ ބުކް ކުރީ އެ ހޮޓަލުގައި ތިބި މުވައްޒަފުންނާ ވެސް އެކުގަ އެވެ. އެ ހުރިހާ އެންމެން ވެސް ފިލްމުގެ ކުރޫންގެ ގޮތުގައި މަސައްކަތްކުރާ ގޮތަށެވެ. އަދި ފިލްމުގެ މަސައްކަތް އެ ހޮޓަލުގައި ކުރިޔަށްދާ 20 ދުވަހު އެއްވެސް މުވައްޒަފަކަށް ވެސް ހޮޓަލުން ބޭރަށް ނުދެވޭ ގޮތަށް އިންތިޒާމް ކޮށްފައި ވެއެވެ.

ފިލްމުގެ ޝޫޓިން މުޅިން ނިމެންދެން އެ ހޮޓަލާ ކައިރިއަށް ވެސް އެއްވެސް މީހަކަށް ނާދެވޭނެ އެވެ. އަދި ހޮޓަލުގައި ތިބި އެއްވެސް މީހަކަށް އެތަނުން ބޭރަކަށް ވެސް ނުދެވޭނެ އެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކޮށްފައިވާ ކަމެކެވެ. އަދި އެއްވެސް ކަހަލަ އުނދަގުލެއް މައްސަލައެއް ކުރިމަތިނުވެ ފިލްމުގެ ޝޫޓިން ނިންމާލުމުގެ ބޭނުމުގައި އަޅާފައިވާ ފިޔަވަޅު ތަކެކެވެ.

"އެ ހޮޓަލެކޭ ކަރަންޓީނު ސެންޓަރެކޭ އެއްގޮތް. އެންމެން އެތަނުގައި އެކުގައި އުޅެނީ. އިތުރު އެއްވެސް މީހަކަށް އެތަނަށް އައިސް ގޮސް ވުމުގެ ފުރުސަތެއް ނެތް. އެއީ ވައިރަސް އެ ތަނުގެ ތެރެއަށް އައުން ހުއްޓުވުމަށް ކުރި ކަމެއް،" ފިލްމާ ގުޅޭ ގޮތުން މައުލޫމާތު ދިން މީހަކު އިންޑިޔާގެ ނޫހަކަށް ބުނެފައި ވެއެވެ.

ހޮޓާ ތެރޭގައި ނިއުސް ރޫމެއްގެ ސިފައިގައި ވެސް ސެޓެއް ތައްޔާރުކޮށްފައި ވެއެވެ. އެއީ ހޮޓާ އެތެރޭގައި ނަގަން ޖެހޭ ބައެއް މަންޒަރުތަކަށް ތައްޔާރު ކޮށްފައިވާ ތަނެކެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ޖެނުއަރީ ފުރަތަމަ ހަފުތާ ތެރޭގައި ފިލްމު މުޅިން ނިންމާލެވޭނެ އެވެ. އަދި ޕޯސްޓް-ޕްރޮޑަކްޝަން ނިންމައި ދެ ތިން މަހެއް ތެރޭގައި ރިލީޒް ކުރެވޭ ވަރު ވާނެ އެވެ.

ހެލްތު ގައިޑްލައިންސް އާ އެއްގޮތަށް އަމަލުކުރަން ފިލްމުގެ ބަތަލު ކާރްތިކް ވެސް ވަނީ އެއްބަސްވެފަ އެވެ. އެގޮތުން ޝޫޓިން ފަށަން އޮންނަ ވަގުތު ޝޫޓްކުރަން ފެށޭ ވަރަށް އޭނާވެސް ތައްޔާރުވެގެން ހުރެ އެވެ.

"ވިސްނާފައި ވަނީ 16 ދުވަހުގެ ތެރޭގައި ޝޫޓިން ފުރިހަމަ ކުރަން. އިތުރު ހަތަރު ދުވަސް އެއީ ޝޫޓިންގައި ދިމާވެދާނެ ތަފާތު މައްސަލަ ތަކާ ހެދި ބައެއް ޝޫޓިންގްތައް ލަސް ވިޔަސް އެ ހަތަރު ދުވަސް ތެރޭ ނިންމާލުމަށް ހިމަނާފައިވާ ހަތަރު ދުވަހެއް،" މައުލޫމާތު ދިން މީހާ ބުނެފައި ވެއެވެ.