ލައިފްސްޓައިލް

ލޯބިވެރިޔާ ކައިރިއަށް ޖެޓްސްކީގައި ދިޔަ މީހާ ދާން ޖެހުނީ ޖަލަށް

ބައެއް ގައުމުތަކުގައި ކޮވިޑް ކޮންޓްރޯލް ނުވެ އަދިވެސް ލޮކްޑައުން ކޮށްފައިވާއިރު ލޯބިވެރިންގެ ބައްދަލުވުން ތަކަށް ވެސް މިކަމުން ދަނި ހުރަސް އެޅެމުންނެވެ. ދެ ލޯބިވެރިން އެކަކު އަނެކަކާ ބައްދަލުނުވެ އެތައް މަހެއް ފާއިތުވެގެން ދާއިރު ބައެއް މީހުންގެ ކެތްތެރިކަން ކޮޅުންލައިގެން ބައެއް ކަހަލަ ގޯސްތައް ވެސް ހެދެ އެވެ.

ސްކޮޓްލެންޑްގެ މި ފިރިހެންމީހާ އަށް ވެސް ކުރެވުނީ މިކަހަލަ ކަމެކެވެ. އައިރިޝް ކަނޑު ހުރަސްކޮށް ރަމްސޭ ކިޔާ ރަށެއްގައި ހުރި އޭނާގެ ލޯބިވެރިޔާ ކައިރިއަށް ޖެޓްސްކީއެއްގައި ދިޔަ އެވެ. ނަމަވެސް ލޯބިވެރިޔާ ކައިރީ ހުއްޓާ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް ޖަލަށް ގެންގޮސްފައި އެވެ.

ކޮވިޑް-19ގެ ގައިޑްލައިން އާ ޚިލާފުވެގެންނެވެ.

ބީބީސީގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 28 އަހަރުގެ ޑޭލް މެކްލަފްލަން ޖެޓްސްކީގައި ލޯބިވެރިޔާ ހުރި ރަށަށް ދާން ކަނޑު ހުރަސް ކުރަން ބަރާބަރު ހަތަރު ގަޑިއިރާ ބައި ނެގި އެވެ.

އޭނާއަކީ ދުވަހަކުވެސް ކަނޑުގައި ޖެޓް ސްކީ ދުއްވި މީހެއް ވެސް ނޫނެވެ. ނަމަވެސް އެއްވެސް ތަޖުރިބާއެއް ނެތި ވެސް އޭނާ މިހާ ދިގު ދަތުރެއް އެކަނި މާއެކަނި ކުރީ ލޯބިވެރިޔާ ދެކިލާހިތް އޮތްލެއް ބޮޑުކަމުންނެވެ.

އޭނާ ހީކުރީ ޖެޓްސްކީގައި އޭނާއަށް 40 ވަރަކަށް މިނިޓް ތެރޭގައި ލޯބިވެރިޔާ ހުރި ރަށަށް ދެވޭނެ ކަމަށެވެ. އެ ދަތުރު ހަތަރު ގަޑިއިރާ ބަޔަށް ދެމިގެން ހިނގައިދާނެ ކަމަކަށް ދަތުރަށް ފެށިއިރު އޭނާ ވިސްނާފައެއް ވެސް ނެތެވެ.

އެހާ ދިގު ދަތުރެއް ކޮށްފައި އެއްގަމަށް އަރައިގެން ވެސް ލޯބިވެރިޔާ ހުރި ހިސާބަކަށް އޭނާއަށް ދެވުނީ 25 ކިލޯ މީޓަރަށް ހިނގައިގެންނެވެ. ފުލުހުން ސުވާލުކުރުމުން އޭނާގެ އެޑްރެސް ކަމަށް މި ފިރިހެންމީހާ ދިނީ އޭނާގެ ލޯބިވެރިޔާ ދިރިއުޅޭ ގޭގެ އެޑްރެހެވެ. ނަމަވެސް އޭނާގެ އައިޑެންޓިފިކޭޝަން ޗެކްކުރުމުން އޭނާ ދޮގު ހެދީކަން އެނގުމުން އަނެއް ދުވަހު ފުލުހުން އައިސް އެމީހާ ހައްޔަރުކޮށްގެން ގެންގޮސް ޖަލަށް ލީ އެވެ. އަދި ހޯމަ ދުވަހު ޖަލަށްލީ މީހާ ޖަލުން ސަލާމަތްވާނީ ހަތަރު ހަފުތާ ފަހުންނެވެ.

ޑޭލްގެ ލޯބިވެރިޔާ ހުރި ރަށަކީ މިދިޔަ މާޗް މަހުން ފެށީގެން މީހުން އަރާ ފޭބުން މަނާ ކޮށްފައި އޮތް ރަށެކެވެ. އެ ރަށުގެ ރަށްވެރިން ނޫން އެހެން އެއްވެސް މީހަކަށް އެ ރަށަށް އެރުން މުޅިން މަނަލެވެ. އެހެން މީހަކު އެ ރަށަށް އަރާނަމަ އަރަން ޖެހެނީ ޚާއްސަ ހުއްދަތަކެއް ހޯދައިގެންނެވެ.

އެގޮތަށް އަމަލުނުކުރާ މީހުން ކުށްވެރިވާކަމަށް ނިންމައި ތިން މަސް ދުވަހަށް ޖަލަށް ލައި 13،500 ޑޮލަރުން ޖޫރިމަނާ ކުރެ އެވެ.

ޑޭލް ހައްޔަރުކުރުމަށްފަހު އޭނާގެ ގާނޫނީ ވަކީލު ކޯޓުގައި ބުނީ ލޯބިވެރިޔާ އާ ބައްދަލުނުވާތާ ގިނަ ދުވަސްވެގެން ޑޭލް އަށް ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންވެ ލޯބިވެރިޔާ ދެކި ނުލާ ކެތް ނުވެގެން އޭނާ އެގޮތަށް އަމަލުކުރަން މަޖްބޫރުވީ އެވެ. ދެ ފަހަރެއްގެ މަތިން އެ ރަށަށް ދިއުމުގެ ހުއްދަ ހޯދަން ވެސް ޑޭލް މަސައްކަތްކުރި ކަމަށާއި ނަމަވެސް ދެ ފަހަރު މަތިން ވެސް އޭނާއަށް ހުއްދަ ނުލިބުނު ކަމަށް ވެސް ވަކީލު ބުންޏެވެ.

ރަމްސީ އެ ހިސާބަކަށް ނިސްބަތްވާ އައިލް އޮފް މޭންގެ ޗީފް މިނިސްޓަރު ހޯވާޑް ކުއޭލް ނިއު ޔޯކް ޓައިމްސް އަށް ވިދާޅުވި ގޮތުގައި ގާނޫނާއި ގަވާއިދުތައް ރަނގަޅަށް އެނގި ތިބެ ވެސް ބައެއް މީހުން ގަވާއިދާ ޚިލާފުވަނީ ކަމަށެވެ. އެ ރަށުގައި ދިރިއުޅޭ މީހުންނާއި އެހެން މީހުން ބައްދަލުކޮށް މަސްހުނިވާން ހަދައިގެން އެ ރަށުގައި ކޮވިޑް ފެތުރުމުގެ ބިރު އޮތުމުން އެ ރަށަށް މީހުން ދިއުން މަނާ ކޮށްފައި އޮތީ ކަމަށް އޭނާ ވިދާޅުވި އެވެ.