ލައިފްސްޓައިލް

އިރާނުގެ "ޒަމްބީ އެންޖެލީނާ ޖޮލީ" ޖަލުން ދޫކޮށްލައިފި

ޖަލަށް ލީތާ މާ ގިނަ ދުވަހެއް ނުވެ "ޒަމްބީ އެންޖެލީނާ ޖޮލީ"ގެ ނަމުން މަޝްހޫރުކަން ލިބިފައިވާ އިރާނުގެ ޒުވާން އަންހެންމީހާ ބެއިލް ބަހައްޓައިގެން ޖަލުން މިނިވަން ވެއްޖެ އެވެ. އިރާނުގެ ތަމްސިން ނިއުސް އަށް ދިން އިންޓަވިއު އެއްގައި މި ޒުވާނާއަށް ޖަލުން ނުކުމެވިއްޖެކަން ޔަގީން ކޮށްދީފަ އެވެ.

އިންސްޓަގްރާމްގައި މި އަންހެންމީހާ މަޝްހޫރުވީ ސަހަރް ތާބަރްގެ ނަމުން ނަމަވެސް 19 އަހަރުގެ މި ޒުވާނާގެ އަސްލު ނަމަކީ ފާތިމާ ކިޝްވަންދް އެވެ.

ދިހަ އަހަރު ދުވަހަށް ޖަލަށް ލާން އިރާނުގެ ކޯޓަކުން ފާތިމާއަށް ހުކުމްކުރީ ސޯޝަލް މީޑިއާގައި އޭނާ ޝެއާ ކުރި ފޮޓޯތަކަކާ ގުޅިގެންނެވެ.

ފާތިމާގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ދީނާ ޚިލާފު ކަންތައްތައް ކުރުމާއި، ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ކަންކަން ކުރުން، ނާޖާއިޒު ގޮތްގޮތުން އާމްދަނީ ހޯދުން، އަދި ޒުވާނުން ކޮރަޕްޝަނަށް ވައްދަން މަގުފަހިކުރުން ފަދަ ދައުވާ ހިމެނޭ ކަމަށް އިނގިރޭސި ވިލާތުގެ ގާޑިއަން ނޫހުން ބުނެފައި ވެއެވެ.

ފާތިމާގެ މައްޗަށް ހުކުމް އިއްވީ އަހަރަކަށް ވުރެ ގިނަ ދުވަހު ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހުގަ އެވެ.

ފާތިމާ 10 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިކަމުގެ ޚަބަރު މި ދުނިޔެއަށް ފަތުރާލީ އެމެރިކާގައި ދިރިއުޅޭ އީރާނުގެ އެކްޓިވިސްޓް މަސީހް އަލީނިޖާދު ކުރި ޓުވީޓެއްގަ އެވެ. އޭނާ ބުނި ގޮތުގައި ބެއިލްގެ ދަށުން ފާތިމާ ދޫކޮށްލީ މީޑިއާގެ ޕްރެޝަރު އިންތިހާއަށް ގޮސްގެންނެވެ.

ފާތިމާ ހައްޔަރުކޮށް އޭނާގެ މައްޗަށް މިހާ ދިގު މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމެއް އައީ 2017 ގައި އޭނާ އިންސްޓަގްރާމްގައި ޝެއާ ކުރި ފޮޓޯތަކަކާ ގުޅިގެންނެވެ. އެ ފޮޓޯތަކުގައި އޭނާ ހުރީ ވަރަށް ގަދަޔަށް މޭކަޕްކޮށް ހޮލީވުޑް ބަތަލާ އެންޖެލީނާ ޖޮލީ އާ ވައްތަރު ސިފައެއް ޖައްސައިގެންނެވެ.

އަދި އޭނާ މި ފޮޓޯތައް އިންސްޓަގްރާމްގައި ޝެއާ ކުރީ ވަރަށް ބޮޑަށް އެޑިޓްކޮށް އަސްލު ހުރި ސިފަޔަށް ވުރެ ވެސް މާ ބޮޑަށް ސިފަ ބަދަލުކޮށްގެންނެވެ. މިގޮތަށް ފޮޓޯތައް އެޑިޓްކުރުމުން އެ ފޮޓޯތަކުން އޭނާ ބޮޑަށް ވައްތަރީ އެންޖެލީނާ ވައްތަރު ޖަހާ ޒަމްބީއަކާ އެވެ. "ޒަމްބީ އެންޖެލީނާ ޖޮލީ"ގެ ނަމުން ސޯޝަލް މީޑިއާގައި އޭނާ މަޝްހޫރުވީ އެހެންވެ އެވެ.

އޭރު ދުނިޔޭގެ ގިނަ ނޫސްތަކުން ބުނީ ފާތިމާ މި ސިފަ ޖެއްސީ ވަރަށް ގިނަ ސާޖަރީތަކެއް ހަދައިގެން ކަމަށެވެ. ނަމަވެސް ފަހުން ޔަގީން ކުރެވުނު ގޮތުގައި އޭނާ ހުރީ ފޮޓޯތައް ވަރަށް ބޮޑަށް އެޑިޓްކޮށްފަ އެވެ. އަސްލު ސާޖަރީ ހަދާފައެއް ނޫނެވެ.

ގިނަ ބަޔަކު ފާތިމާގެ އޭރު ޝެއާ ކުރި ޕޯސްޓްތައް ނެގީ މަޖާ ޖޯކެއް ގޮތަށެވެ. ނަމަވެސް އިރާނު ސަރުކާރުން އެކަން މާ ސީރިއަސް ކަމަކަށް ހަދައި އޮކްޓޯބަރު 5، 2019 ގައި އޭނާ ހައްޔަރުކުރީ އެވެ. ފާތިމާއާއެކު މިގޮތަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވި އިތުރު ތިން މީހަކު ވެސް ހައްޔަރު ކުރި އެވެ.

ފާތިމާ ހައްޔަރުކުރުމަ ގުޅިގެން އެކްޓިވިސްޓް އަލީނިޖާދު ޓުވިޓާ މެދުވެރިކޮށް ހޮލީވުޑް ތަރި އެންޖެލީނާ އަށް ވެސް ފާތިމާ ހައްޔަރުން ސަލާމަތްކޮށްދޭން މަސައްކަތް ކޮށްދިނުމަށް އެދިފައި ވެއެވެ. ފާތިމާގެ މަންމަ ކޮންމެ ދުވަހަކު އެކަމާ ރޮއިރޮއި ވަރަށް ހާލު ދެރަވެފައވާ އެންޖެލީނާގެ އޮފިޝަލް ޓުވިޓާ އެކައުންޓް ޓެގްކޮށް އަލީނިޖާދު ކުރި ޓުވީޓްގައި ބުނެފައި ވެއެވެ.

ނަމަވެސް ފާތިމާއަށް އެހީވުމަށް އެންޖެލީނާ އެއްވެސް ކަމެއް ކުރި ކަމެއް އެނގިފައެއް ނެތެވެ.

ޖަލުގައި ހުއްޓާ މިދިޔަ އޭޕްރީލް މަހު ފާތިމާ ކޮވިޑް-19 އަށް ވެސް ޕޮޒިޓިވްވެ ފަރުވާ ދީފައި ވެއެވެ.

އިންސްޓަގްރާމްގައި ތަފާތު ގޮތްގޮތަށް ފޮޓޯ އެޑިޓްކޮށްގެން ޝެއާކުރުމަކީ މިޒަމާނުގައި ވަރަށް ގިނަ ޒުވާނުން މަޖަލަކަށް ކުރާ ކަމެކެވެ. ފާތިމާ މި ފޮޓޯތައް ޝެއާކުރިއިރު އޭނާގެ އުމުރުން އެންމެ 16 އަހަރެވެ.

ނަމަވެސް އިރާން ސަރުކާރުން އޭނާ ހައްޔަރުކުރުމުގައި އުމުރުގެ ހަގު ކަމަކަށް ވެސް ބަލާފައެއް ނެތެވެ.