މެސީ

މެސީގެ ރެކޯޑާމެދު ކެޓަލާން އާއި މެޑްރިޑްގެ މީޑިއާ ހިޔާލު ތަފާތު

އެއް ކުލަބަކަށް އެންމެ ގިނަ ގޯލް ޖަހައިގެން، ދުނިޔޭގެ އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ބްރެޒިލްގެ ޕެލޭ ހަދާފައިވާ ރެކޯޑާ، ބާސެލޯނާ ކެޕްޓަން ލިއޮނެލް މެސީ އެއްވަރު ކުރި ކަމާ މެދު ބާސާ ނިސްބަތްވާ ކަޓަލާންގެ މީޑިއާ ތަކާއި މެޑްރިޑްގެ މީޑިއާ ތަކާ ދެމެދު ހިޔާލު ތަފާތު ވެއްޖެ އެވެ.

ވެލެންސިއާ އާ ދެކޮޅަށް ބާސާ ރޭ ކުޅުނު މެޗުގައި، ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެސީ އެވެ. އެ ލަނޑަކީ މެސީގެ 643 ވަނަ ލަނޑު ކަމަށް، ކަޓަލާންއަށް ނިސްބަތްވާ އެންމެ ބޮޑު ކުޅިވަރު މީޑިއާ، "މުންޑޯ ޑިޕޯޓިވޯ" އިން ބުނި ނަމަަވެސް، މެޑްރިޑަށް ނިސްބަތްވާ "މާކާ" ގެ ހިޔާލު ތަފާތެވެ.

މުންޑޯ ޑިޕޯޓިވޯ އަކީ، ޔޫރަޕްގެ އެންމެ ދުވަސްވީ އެއް ނޫހެވެ. މާކާ އާއި މުންޑޯ ޑިޕޯޓިވޯ އަކީ ސްޕެއިންގައި އެންމެ ވާދަވެރި ދެ ނޫހެވެ.

މެސީ ރޭ ޖެހި ލަނޑަކީ، ބާސާގެ ޖޯޒީގައި އޭނާ ޖެހި 642 ވަނަ ލަނޑު ކަމަށް މާކާއިން ބުނެ އެވެ. އެ ނޫހުގައި ބުނެފައި ވަނީ، ޕެލޭގެ ރެކޯޑާ މެސީ ހަމަހަމަ ކުރިކަމަށް ވާހަކަ ފެތުރުނު ނަމަވެސް، ޕެލޭގެ ރެކޯޑާ ހަމަ ކުރަން މެސީއަށް އަދި އެއް ގޯލް ބޭނުންވާ ކަމަށެވެ.

ބާސެލޯނާއިން 2004 ވަނަ އަހަރު ކެރިއާ ފެށި މެސީ 747 މެޗުގައި ޖަހާފައި ވަނީ 642 ލަނޑު ކަމަށް މާކާއިން ބުނެފައި ވަނީ، މެސީ ޖެހި ކަމަށް ބުނާ ލަނޑުގެ ތެރެއިން އެއް ލަނޑަކީ އެތުލެޓިކް ކުލަބު ބިލްބާއޯގެ ކުރީގެ ޑިފެންޑަރު ފެނާންޑޯ އަމޯރެބިއެޓާ އަތުން ބައިކޮޅަށް ވަން ލަނޑެކަށްވާތީ ކަމަށެވެ.

ލަލީގާގެ 2012-2013 ސީޒަންގެ 14 ވަނަ ހަފުތާގައި ބިލްބާއޯ އާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި މެސީ ފޮނުވާލި ހަމަލާ ފުރާޅެއް ހެން އޮތް ގޯލްގެ ދާނޑުގެ އެތެރެއަށް އަމާޒުވީ އަމޯރެބިއެޓާ އެބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގައި ޖެހިފަ އެވެ. އެެހެންވެ އެ ލަނޑަކީ އޭނާގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެއްގެ ގޮތުގައި މާކާއިން ވަނީ ރިޕޯޓް ކޮށްފަ އެވެ.

މާކާއިން އިތުރަށް ބުނެފައި އެ މެޗުގެ ރެފްރީގެ ރިޕޯޓްގައި އެއީ މެސީގެ ގޯލެއް ކަމަށް ޖަހާފައި ވީނަމަވެސް އެއީ ބައި ގޯލެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އެ ނޫހުން ބުނެފައި ވަނީ އޭގެ ކުރީ ސީޒަންގައި ހަމަ އެ ދެ ޓީމު ބައްދަލު ކުރި މެޗުގައި ބިލްބާއޯގެ ކުރީގެ ފޯވަޑް ފެނާންޑޯ ޔޮރެންޓޭ ހަމަ އެކަހަލަ ގޮތަކަށް ފޮނުވާލި ބޯޅައެއް ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ދިފާއު ކުރަން އުޅުމުން ބައިކޮޅަށް ވަން ކަމަށެވެ. އެ ލަނޑުވެސް މާކާއިން ގުނާފައި ވަނީ ނަޕޯލީގެ މިހާރުގެ ފޯވަޑް ޔުރެންޓޭގެ ގޯލްގެ ގޮތުގައި ނޫން ކަމަށާއި ޕީކޭގެ ބައި ގޯލެއްގެ ގޮތުގައި ކަމަށެވެ.

ޕެލޭ ސަންޓޯސް އަށް 643 ގޯލް ޖަހައި ދިނީ، 959 މެޗުންނެވެ. އޭނާ ވަނީ ސަންޓޯސްއަށް 17 އަހަރު ވަންދެން ކުޅެފަ އެވެ. ޕެލޭ ވަނީ، މެސީއަށް މަރުހަބާ ކިޔާފަ އެވެ. އޭނާ ބުނެފައި ވަނީ އެއް ކުލަބެއްގައި އެހާ ގިނަ ދުވަހު ހޭދަ ކޮށް އެހާ ގިނަ ލަނޑުތަކެއް ޖެހުމަކީ މުޅި ދުނިޔޭގައިވެސް ވަރަށް މަދުން ނޫނީ ނެތް ކަމެއް ކަމަށެވެ. މެސީ އެގޮތުގައި ހިފެހެއްޓުމުން އޭނާ އާ މެދު އުފާވާކަމަށް މިދިޔަ ގަނުރުގެ އެންމެ މޮޅު ކުޅުންތެރިޔާ ޕެލޭ ބުންޏެވެ.