ޓޫރިސްޓް އެރައިވަލް

އިއްޔެ 4،760 ފަތުރުވެރިން ރާއްޖެ އައި

ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިި ދުވަހަށް އިއްޔެ ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ރާއްޖެ އައިސްފައިވަނީ 4،760 ފަތުރުވެރިންނެވެ. މި މަހުގެ މިހާތަނަށް 50،864 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މި މަހުގެ 19 ދުވަހުވެސް ކޮންމެ ދުވަހަކުންހެން ދެހާހާ ގާތް ކުރާ އަދަދަކަށް ފަތުރުވެރިން ރާއްޖެ އައެވެ. ފުރަތަމަ ދުވަހު 2،031 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ފަސް ވަނަ ދުވަހު 3،006 ފަތުރުވެރިން، 11 ވަނަ ދުވަހު 3،864 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި މި މަހުގެ 17 ވަނަ ދުވަހާއި 18 ވަނަ ދުވަހުވެސް 3،000 ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މި އަހަރު މިހާތަނަށް ރާއްޖެ އައިސްފައިވަނީ 509،852 ފަތުރުވެރިންނެވެ. ބޯޑަރު ހުޅުވި ފަހުން 127،005 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ރަޝިޔާއިން 46،065 މީހުން އައިސްފައިވެއެވެ. އިޓަލީން 45،645 މީހުން އަދި އިންޑިއާއިން 44،268 މީހުން އައިސްފައިވެއެވެ.