މޯޑިވިއަން ޑިމޮކްރަސީ ނެޓްވޯކް

ލާދީނީ ރިޕޯޓް ލިޔުނު މީހުންގެ މައްސަލަ ބަލަން ކޮމިޝަނެއް އުފައްދަން ގޮވާލައިފި

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، ހައްދުފަހަނައަޅާފައިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓެއް ނެރުނު މައްސަލާގައި ޝާމިލްވާ މީހުން މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދާ އެ މައްސަލަ ތަހުގީގު ކޮށް ދިނުމަށް ރާއްޖޭގެ 30 ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ދިވެހިންގެ ސަމާލު ކަމަށް އައީ އޮކްޓޫބަރު 3، 2019 ގައެވެ. ރައްޔިތުން ނިކުމެ އަޑުއުފުލުމާއި ގުޅިގެން އެމްޑީއެން އުވާލީ ޑިސެންބަރު 19، 2019 ގައެވެ. ނަމަވެސް އެއް އަހަރުވީއިރުވެސް އެ ރިޕޯޓް ލިޔުނު މީހުންނަށް ފިޔަވަޅެއް ނޭޅެއެވެ. އެ މީހުން ފުލުހަށްވެސް ހާޒިރެއް ނުކުރެވުނެވެ. އެކަމަކު ހަރުކަށި ހައްދުފަހަނަ އަޅާފައިވާ އެ ޖަމާއަތް ބަރާބަރަށް ބަސް ކިޔައި ހަރަކާތްތެރިވެ ހަދަ އެވެ. އޭރުގެ އެ ނިންމުމާ އެކުއެކީގައިވެސް އެ ޖަމާއަތުގެ އިސްވެރިން އިތުރަށް ހަރަކާތްތެރިވެ ފުޅާ ކުރި އެވެ.

އެމްޑީއެން އުވާލިތާ އަހަރު ދުވަސް ވުމާއި ދިމާކޮށް 30 ޖަމިއްޔާއަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި މުޖުތަމައުގެ ދީނީ އެއްބައިވަންތަ ކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލާދީނީ ފިކުރާއި ދީނީ ހަރުކަށި ފިކުރު ގައުމުގައި އަށަގަނެފައިވުން ކަމަށެވެ. ފިކުރީ ގޮތުން އުފެދޭ މިފަދަ ހިލާފުތަކާއި މެދު ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާނަމަ އެކަމުގެ ނުބައި ނަތީޖާ ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުން ގޮސް ޒަމާނުއްސުރެ ރާއްޖޭގައި އޮތް އެއްބައިވަންތަކަށް ގެއްލިގެން ހިނގައިދާނެ ކަމަށާ މިފަދަ ކަންތައްތަށް މިހާރުވެސް ފެންމަތިވާން ފަށާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

"އެ ގޮތުން ވޭތުވެދިޔަ 2019 ވަނަ އަހަރު މުޅި ގައުމު ސިއްސުވާލި އެންމެ ބޮޑު ކަމަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގަމުން އައި މަދަނީ ޖަމިއްޔާއަކުން ދިވެހިން ބޭނުންކޮށްގެން އިސްލާމްދީނާއި އެ ދީނުގެ އަސާސުތަކާއި ކައު އިތުރު ނަބިއްޔާ އަށް އަމާޒުކޮށް ދޮގުބުހުތާނާއި އެކު ޒާތްޒާތްތުގެ މަލާމާތްތާއި ފުރައްސާރަކޮށް ލިޔެފައިވާ ރިޕޯޓެއްގެ މައްސަލަ ފެންމަތިވެގެން ދިޔުން،"

މިކަން ވެގެންދިޔައީ ލާދީނީ ފިކުރުގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރު އަންދާޒާ ކޮށްލެވުނު ކަމަކަށް ކަމަށެވެ. އެކަމާއި ދެކޮޅަށް ރާއްޖޭގެ ސަތޭކައަށްވުރެ ގިނަ ކައުންސިލުން ބަޔާން ނެރެ، މުޅި ރާއްޖޭގައި އިހުތިޖާޖުކޮށް އިލްމުވެރިން އެކަމާއި ދެކޮޅަށް ތެދުވުމުން އެ ޖަމާއަތް އުވާލާ މައްސަލަ ތަހުގީގު ކުރަން ވަނީ ފަށާފައެވެ. ނަމަވެސް އޭގެ ފަހުން 365 ދުވަސް ފާއިތުވި އިރުވެސް އެ ރިޕޯޓު ލިޔުނުމީހުންނާއި މެދު އެއްވެސް ކޯޓެއްގައި ދައުވާ އުފުލިފައިނުވާއިރު، އެމައްސަލަ ތަހުގީގުކޮށް ދައުވާކުރުމަށް ޕީޖީއާއި ހަމައަށް ފޮނުވާފައިނުވުމަކީ އެ ޖަމިއްޔާތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވަނީ ބުނެފައެވެ.

ޖަމާއަތްތަކުގެ ބަޔާނުގައި ވަނ ލާދީނީ ރިޕޯޓު ލިޔުނު މީހުންނާއި އެޖަމިއްޔާގެ އިސް އެންމެހައި މީހުންގެ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމަށް ގޮވާލާފައެވެ. އަދި މި މައްސަލަ މިނިވަންކަމާއެކު ތަހުގީގު ކުރުމަށް ރައީސުލްޖުމްޙޫރިއްޔާއަށް ލިބިފައިވާ ގާނޫނީ ބާރުގެ ދަށުން ރިޔާސީ ކޮމިޝަންނެއް އުފައްދައިގެން ތަހުގީގު ނިންމަވާ ދެއްވާ އެ ޖާރީމާ ހިންގި މީހުންނަށް ހައްގު އަދަބު ދިނުމަށް ވަނީ ގޮވާލާފައެވެ.