ރާއްޖެ ކުޅިވަރު

ރާއްޖެ ސަސްޕެންޑްކޮށްފިނަމަ ޒިންމާވާން ޖެހޭނީ ހޯމް މިނިސްޓްރީ: އެފްއޭއެމް

އެފްއޭއެމުގެ އިންތިހާބު މިރޭ ނުބޭއްވިއްޖެނަމަ ރާއްޖެއާ މެދު ފީފާއިން ފިޔަވަޅު އަޅާނެ ކަމަށާއި އެކަން މެދުވެރިވެއްޖެނަމަ އެކަމުގެ ޒިންމާ ނަގްނަޖެހޭނީ ހޯމް މިނިސްޓްރީން ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ގައުމީ ފުޓްބޯޅަ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިއަދު ހެނދުނު ބާއްވަން އޮތް އިންތިހާބު މިރެ އަށް ލަސްކުރީ މިއަދު ސަރުކާރާއެކު އިތުރަށް މަޝްވަރާކުރަން ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓްރީގެ ޖަމިއްޔާތަކުގެ ރަޖިސްޓްރާ ޔޫސުފް އަބުދުލްގަފުރާ ބައްދަލުކުރަން މަސައްކަތްކޮށް އިއްޔެ އާއި މިއަދު ވެސް އެކަންނުވި ކަމަށެވެ.

"މިކަމުގެ ސަބަބުން ދިވެހި ފުޓްބޯޅައަށާއި ދިވެހި ގައުމަށް ލިބިގެންދާ ހަޑިނަމުގެ ޒިންމާ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޖަމިއްޔާގެ ރަޖިސްޓްރާ ޔޫސުފް އަބުދުލްގަފޫރު ނަންގަވަން ޖެހޭނެ،" އެފްއޭއެމުގެ ބަޔާނުގައިވެ އެވެ.

އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ރަޖިސްޓްރާ މިއަދު އޮފީހަށް ވަޑައިނުގަންނަވަ އެވެ.

އެފްއޭއެމުން ބުނީ އެއިދާރާގެ އަސާސީ ގަވާއިދު ސެޕްޓެމްބަރު މަހުގެ ފަހެއްގައި ފާސްކުރީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު އިސްހާގު އަހުމަދުގެ ހާޒިރުގައި ކަމަށާއި އަސާސީ ގަވައިދު ފާސްކުރި ކޮންގްރެސްގައި ހޯމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީން ވެސް ބައިވެރިވި ކަމަށެވެ.
"އެކަމާ ގުޅޭގޮތުން އެއްވެސް ކަމެއް ފެންމަތިނުކޮށް، މިވަގުތު އެސޯސިއޭޝަންގެ ކޮންގްރެސް ބޭއްވުމަށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން އެއްބާރުލުން ނުދިނުމަކީ މި އެސޯސިއޭޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،" ފީފާ އާއި އޭއެފްސީގެ މަންދޫބުން ވެސް ބައިވެރިވި ކޮންގްރެސްގައި ކަންހިނގާފައިވާ ގޮތް ތަފްސީލު ކުރަމުން އެފްއޭއެމުގެ ބަޔާނުގައިވެ އެވެ.

މި އިންތިހާބު ނުބާއްވަން އެންމެ ފުރަތަމަ ބުނީ ޔޫތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން އޭއެފްސީ އާއި އެފްއޭއެމަށް ސިޓީ ފޮނުވީ އެފްއޭއެމުގައި ކޮރަޕްޝަން އުޅޭކަމަށްބުނެ އެވެ. ނަމަވެސް މައްސަލަ އޭސީސީން ބެލުމަށްފަހު ނިންމީ އެފްއޭއެމުގައި އެކަހަލަ އެއްވެސް ކަމެއް ނެތް ކަމަށެވެ.

މި އިންތިހާބަށް ކުރިމަތިލައްވާފައިވަނީ އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަދި އޭއެފްސީ އެކްސްކޯ މެމްބަރު މުހައްމަދު ޝަވީދު އެކަންޏެވެ. މިހެންވެ އޮންނާނީ އޭނާ އާއި އޭނާގެ ޓީމަށް ފެންނަ ނުފެންނަ ވޯޓު ނެގުމެވެ. ނަމަވެސް ހޯމް މިނިސްޓްރީން ބުނަނީ އަސާސީ ގަވާއިދު ފާސްނުވަނީސް ބާއްވާނީ ގާނޫނާ ހިލާފު އިންތިހާބެއް ކަމަށެވެ. މިހެންވެ އެފްއޭއެމާއި ހޯމް މިނިސްޓްރީން ވެސް ވަނީ އެޓާނީ ޖެނެރަލްގެ ލަފައަކަށް އެދިފަ އެވެ.

އެފްއޭއެމުގެ އިންތިހާބާއި އެއިދާރާ ހިންގަންޖެހޭނީ ސަރުކާރުގެ ނުފޫޒު ނެތި ކަމަށް ފީފާއިން ދަނީ ތަކުރާރުކޮށްބުނަމުންނެވެ. އަދި ސަރުކާރުން ނުފޫޒު ފޯރުވާނަމަ ރާއްޖެ ސަސްޕެންޑްކުރާނެ ކަމަށެވެ.