ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޔޫއޭއީ ވިސާ ދިނުން ހުއްޓާލީ ކޮވިޑާ ހެދި: ޕާކިސްތާން

ޕާކިސްތާނުން ބުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މިދާކަށް ދުވަހު ވިސާ ދޫކުރުން ހުއްޓާލި 13 ގައުމުގެ ތެރޭގައި ޕާކިސްތާން ހިމެނީ ވަގުތީ ގޮތުން ކަމަށެވެ. އެއީ ކޮވިޑާހެދި ކޮންމެހެން ކުރަންޖެހުނު ކަމެއް ކަމަށް ޔޫއޭއީން ކަށަވަރުކޮށްދީފި ކަމަށެވެ.

ޔޫއޭއީން ބުނި ކަމަށް ޕާކިސްތާނުން ބުނީ ވިސާ ހުއްޓާލަން ޖެހުނީ ސެކިޔުރިޓީ މައްސަލައެއް އޮވެގެން ނޫން ކަމަށެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ދިރިއުޅޭ ޕާކިސްތާންގެ 1.5 މިލިއަން މީހުންނަކީ ޔޫއޭއީގެ އިގްތިސޯދަށާއި ތަރައްގީއަށް މުހިންމު އާބާދީއެއްކަން ފާހަގަކުރައްވައި، ޔޫއޭއީގެ ފޮރިން މިނިސްޓަރު، ޝޭޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން ޝުކުރުއަދާކުރައްވާ ކަމަށް ވެސް ޕާކިސްތާން ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.

ޕާކިސްތާން ފޮރިން އޮފީހުން މި ބަޔާން ނެރެފައި ވަނީ ފޮރިން މިނިސްޓަރު، ޝާހް މަހްމޫދު ގްރޭޝީ ޔޫއޭއީއަށް ކުރެއްވި ދެދުވަހުގެ ދަތުރަށް ފަހު އެވެ. ދަތުރުގެ ބޭނުމަކީ ވެސް ވިސާއާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމެވެ.

ޝޭޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން(ކ) އަދި ޝާހް މަހްމޫދު ގްރޭޝީ

ޔޫއޭއީން ވިސާ ދިނުން ހުއްޓާލި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ތުރުކީ، ޔަމަން، ޓިއުނީޝިއާ، ލީބިއާ، ޕާކިސްތާން، ސީރިއާ، ސޮމާލިއާ، ލެބަނާން، އިރާގް، ކެންޏާ، އީރާން، އަފްޣާނިސްތާން، އަލްޖީރިއާ އެވެ. އެހެން ނަމަވެސް ޔޫއޭއީގައި ދިރިއުޅޭ މި ގަމުތަކުގެ މީހުންނަށް ވިސާގެ ދަތިކަމެއް ނުޖެހެ އެވެ.

ޔޫއޭއީ އަކީ ޕާކިސްތާންގެ އިގްތިސޯދަށް މުހިންމު ގައުމެެކެވެ. އަދި އެއީ ޕާކިސްތާނަށް ދެވަނައަށް އެންމެ ގިނައިން ބޭރުފައިސާ ވަައްދައިދޭ ގައުމެވެ. ޔޫއޭއީގައި ވަޒީފާއަދާކުރާ ޕާކިސްތަން މީހުން ފާއިތުވި މަހު 519.5 މިލިއަން ޑޮލަރު ގައުމަށް ފޮނުވާފައިވެ އެވެ.

ޕާކިސްތާނަށް އެންމެ ގިނައި ބޭރުފައިސާ ފޮނުވަނީ ސައޫދީ އަރަބިއްޔާގައި ވަޒީފާއަދާކުރާ ޕާކިސްތާން މީހުންނެވެ. ބޭންކް ހިސާބުތަކުން ދައްކާ ގޮތުގައި ނޮވެމްބަރުގައި 615.1 މިލިއަން ޑޮލަރު ފޮނުވާފައިވެ އެވެ.