ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ދަރިފުޅު އުރާލާނެ ފުރުސަތުވެސް ނުލިބި ކޮވިޑް ޖެހިފައިވާ މަންމަ މަރުވެއްޖެ

އާއިލާއަށް ކުއްޖަކު އުފަންވާ ވަގުތަކީ އެ އާއިލާއަކަށް އިންތިހާއަށް އުފާވެރިކަން ލިބޭ ވަގުތެކެވެ. ނަމަވެސް އެމެރިކާގެ މި އާއިލާ އަށް އެ ވަގުތު ވެގެން ދިޔައީ އުފަލާއި ހިތާމަ އެއް ފަހަރާ ލިބުނު ވަގުތުކޮޅަކަށެވެ.

އެމެރިކާގެ ވިޓިއާގައި ދިރިއުޅޭ ވެނީސާ ކާޑިނަސް ގޮންޒަލެޒް ނޮވެމްބަރު 9 ވަނަ ދުވަހު ވިހެއީ ސިއްހަތު ރަނގަޅު އަންހެން ކުއްޖެކެވެ. އެ މީހުން އެ ކުއްޖާގެ ނަމަކަށް ކީ ހެވަން އެވެ. ވެނީސާ ވިހެއީ ކޮވިޑް-19 އަށް ޕޮޒިޓިވް ވީތާ ފަސް ދުވަސް ފަހުންނެވެ. އޭނާގެ ގަޔަށް ބަލި އެރީ ބަލިވެ އިނދެ ވިހަން ކައިރިވެފައި ވަނިކޮށެވެ. ކަން ދިމާ ކުރި ގޮތުން ވިހޭ ދަރިފުޅު އުރާލާނެ ފުރުސަތު ވެސް ނުލިބި ވެނީސާ ވަނީ މި ދުނިޔެ އަށް އަލްވަދާއު ކިޔާފަ އެވެ.

ވެނީސާގެ ފިރިމީހާ އަލްފޮންސޯ އެމެރިކާގެ އެންސީބީ ލޮސް އެންޖަލިސް އަށް މައުލޫމާތު ދެމުން ބުނީ އޭނާއަކަށް ވެނީސާ މަރުވުމުގެ ހިތާމަ ވެސް ކުރެވޭކަށް ނެތެވެ. އޭނާ ރޯތަން ފެނިއްޖިއްޔާ ކުދިން ވެސް އަދި އާއިލާގެ އެހެން މީހުން ވެސް ރޯނެ އެވެ. އެހެންވެ ދެރަވާކަން ވެސް އޭނާއަށް ދެއްކޭކަށް ނެތެވެ. މި ފަހަރު ވިހޭ ދަރިފުޅުގެ އިތުރުން ވެނީސާ އާއި ގޮންޒަލެޒްގެ އިތުރު ދެ ކުދިން އެބަތިއްބެވެ. އެއީ 11 އަހަރުގެ ރުބެން އާއި ހަތް އަހަރުގެ ޖޯޝުއާ އެވެ.

ގޮންޒަލެޒް ބުނި ގޮތުގައި ދަރިފުޅު އުރާލަން ނުލިބުނުތާނގައި ދަރިފުޅު ހަމަ ލޮލުން ދެކިލުމުގެ ފުރުސަތު ވެސް އޭނާގެ އަންހެނުންނަކަށް ނުލިބުނެވެ.

ވިހެއުމަށްފަހު ވެނީސާ އާއި ކުޑަ ދަރިފުޅު ގެޔަށް ގެނައި ނަމަވެސް ދެ މައިން ބައިތިއްބަން ޖެހުނީ ދެ ކޮޓަރިއެއްގަ އެވެ. ވެނީސާގެ ކޮވިޑް ޓެސްޓް ނެގެޓިވް ނުވާތީ އޭނާ ކައިރި އަށް ތުއްތު ދަރިފުޅު ގެނައުމުން ދަރިފުޅަށް ބަލި އަރާފާނެތީ އެވެ. އެހެންކަމުން ވެނީސާ އަށް ދަރިފުޅު ފެނިފައިވަނީ ފޭސްޓައިމުން އެކަންޏެވެ.

އަލްފޮންސޯ އާއި އާއިލާގެ އެންމެން ވެސް ހީކޮށްގެން ތިބީ ވެނީސާ ރަނގަޅުވެ ދަރިފުލު އުރާލާނެ ފުރުސަތު އޭނާއަށް ލިބޭނެ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހިގެން ވެނީސާ އަނެއްކާ ވެސް ހޮސްޕިޓަލަށް ގެންދިޔައީ އެވެ. އެއީ ކޮވިޑް-19ގެ ކޮމްޕްލިކޭޝަނެއްގެ ސަބަބުން ދިމާވި ކަމެކެވެ. އަދި ހާލު ބޮޑުވަމުން ގޮސް ހޮސްޕިޓަލުގައި އޮންނަތާ މަހެއްހާ ދުވަސް ފަހުން ވެނީސާ މަރުވީ އެވެ. ވެނީސާ އަށް ދަރިފުޅު ދެކިލައި އުރާލާނެ ފުރުސަތު ނުލިބުނު ގޮތަށް ކުޑަ ކުޑަ ހެވަން މަންމަގެ ލޯބިން މަހްރޫމްވީ އެވެ.