ހަބަރު

ނެރަށް އެރި ދޯނި ދިޔަވާތީ މުދާ ހުސްކުރަނީ

Dec 21, 2020

ފަސް މީހުންނާއެކު ދަތުރުކުރަމުންދިއަ ދޯންޏެއް މިއަދު ހެނދުނު ނެރަކަށް އަރާފައިވާއިރު، އެ ދޯނި ދިޔަވާތީ އެ ދޯނިން މުދާ ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އދ. ފެންފުށްޓަށް ނިސްބަތްވާ "ގޮމަ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި އުރުނީ ގއ. ދެއްވަދޫ ނެރުގެ އިރުމަތީ ފައިކަށްޓަށެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯނީގައި ހުރި މުދާ، ދޯނީގެ ވެރިފަރާތުން އެހެން ދޯންޏަކަށް މިހާރު ހުސްކުރަމުންދާ ކަމަށެވެ.

އަދި ދޯނި ދިޔަވަމުންދާތީ، ޕަމްޕު ބޭނުކޮށްގެން ދިޔަ ހިއްކުމުގައި ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ބުންޏެވެ.

އިއްޔެއާ މިއަދުވެސް ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި އެވެ.