ސައުދީ އަަރަބިއްޔާ

ސައުދީގެ އައު ސަފީރު ފަތްކޮޅު އަރުވަައިފި

Dec 21, 2020

ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު މަތްރެކް ބިން އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ، އެ މަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.

ފަތްކޮޅު އެރުވުމަށް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވާ، ސަފީރުގެ ދައުރުގައި މި ގުޅުންތައް އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރި ކަމަށް ޝުކުރު އަދާކުރައްވާ، ވަކީން ހާއްސަކޮށް ގެދޮރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ތަރައްގީއާ ގުޅޭގޮތުން މި އަހަރު ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދެއްކެވިއެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މަސްރަހުގައި، ވަކީން ހާއްސަކޮށް އިސްލާމީ ދުނިޔެއާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ފޯރަމްތަކުގައި އެ ގައުމުން އަދާކުރަމުންދާ އިސް ދައުރު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ޝައުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާޅު ކުރެއްވިއެވެ.