ދުނިޔެ

ކެނެޑާގެ އާ ބޮޑުވަޒީރުގެ ޓެޓޫގެ ވާހަކަ!

އެއްބަޔަކު ދައްކަނީ ކެނެޑާގެ އާ ބޮޑުވަޒީރު ޖަސްޓިން ޓްރުޑޭ ހޯއްދެވި ބޮޑު ކާމިޔާބީގެ ވާހަކައެވެ. ދިހަ އަހަރަށްފަހު ކޮންޒަވޭޓިވުންގެ މައްޗަށް ލިބަރަލް ހިޔާލުގެ މީހުން ހޯދި ތާރީހީ ކުރިއެރުމުގެ ވާހަކައެވެ. އަނެއް ބަޔަކު ދައްކަނީ 43 އަހަރުގެ ޓްރުޑޭގެ ވަރުގަދަ ހަށިގަނޑުގެ ވާހަކައާއި ވާތުގައި ޖަހާފައިވާ ބޮޑު ސިންގާހަ ޓެޓޫގެ ވާހަކައެވެ.

ޓްރުޑޭގެ އަތުގައި ކާޅެއް ކަހަލަ ދޫންޏެއްގެ ޓެޓޫއެއް ޖަހާފައި އިނދެގެން އެކަމާ ތަފާތު ގޮތްގޮތް ވާހަކަ ދެކެވެއެވެ. މި ދޫންޔަކީ ކެނެޑާ ހިމެނޭ ސަރަހައްދުގައި އެންމެ ކުރިން އުޅުނުކަމަށް ބެލެވޭ މީހުންނަށް ނިސްބަތްވާ ދޫންޏެކެވެ.

ސޯޝަލް މީޑިޔާގައި ހިޔާލު ފާޅުކުރާ ބައެއް މީހުން ބުނަމުން ދަނީ މިއީ "އިންޓެރެސްޓިން" ލީޑަރެއް ކަމަށެވެ. ތަފާތު ލީޑަރެއް ކަމަށެވެ.
ގައިކޮޅުގައިވާ ޓޭޓޫ އާއި ބެހޭގޮތުން 2012 ވަނަ އަހަރު ބޮޑުވަޒީރު ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ފުރަތަމަ ޓެޓޫ އެއް ޖެއްސެވީ އުމުރުން 23 އަހަރުގައެވެ. އަދި އޭގެ މަތިން ދޫންޏެއްގެ ޓެޓޫ ޖެއްސެވީ ސާޅީސްވަނަ އުފަންދުވަހުއެވެ.

ބޮޑުވަޒީރުގެ ޓެޓޫ އާންމުންނަށް ހާމަކޮށް ފެނުނީ ޗެރިޓީ ބޮކްސިން މެޗެއްގައެވެ. އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާއާއި ވާދަކޮށް ބެލުންތެރިން ހައިރާން ކޮށްލުމަށްފަހު މި މެޗު ކާމިޔާބުކުރެއްވީ ވެސް ޓްރުޑޭ އެވެ.

މިހިސާބުން އުފެދޭ ސުވާލަކީ ބޮޑުވަޒީރު ޓްރުޑޭއަކީ ޓެޓޫއެއް ޖަހާފައިވާ ހަމައެކަނި ލީޑަރުތޯ އުފެދޭ ސުވާލެވެ. އެހެން ލީޑަރެއްގެ ހަށިކޮޅުގައި ޓެޓޫއެއް ނެތްކަމަށް ޔަގީންކަމާއެކު ދެންނެވޭކަށް ނެތެވެ. އެކަމަކު ޓެޓޫގެ ތާރީހު ދިރާސާކުރާ ފަރާތްތަކާއި ޓެޓޫގެ މާހިރުން ބުނަނީ މިވަގުތު ޓްރުޑޭ ނޫން ލީޑަރެއްގެ ހަށިކޮޅުގައި ޓެޓޫއެއް ޖަހާފައިވާކަން އެނގިފައި ނެތް ކަމަށެވެ.

ކުރީގެ އެތައް ލީޑަރުންނެއްގެ ގައިކޮޅުގައި ޓޭޓޫ ޖެއްސެވިކަން އެނގެން އެބަ ހުއްޓެވެ. މިގޮތުން ރަޝިޔާގެ ކުރީގެ ވެރިއެއްގެ އަތްޕުޅުގައި ޑްރެގަންއެއް ޓެޓޫ ކުރެއްވިއެވެ. ޔޫގޮސްލާވިއާގެ ކުރީގެ ރަސްގެފާނު އެލެގްޒެންޑާގެ މޭފުޅުގައި ބާޒެއްގެ ޓެޓޫ ޖެއްސެވިއެވެ. ޑެންމާކުގެ ކުރީގެ ރަސްކަލެއްގެ ގައިކޮޅުގައާއި ބައެއް އިނގިރޭސި ރަސްކަލުންގެ ގައިކޮޅުގައިވެސް ޓެޓޫ ޖައްސަވާފައި އެބަ ހުއްޓެވެ. ބުނެވޭ ގޮތުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލް ގެ ހަށިކޮޅުގައި ނަގިއްޔެއްގެ ޓެޓޫ ހުއްޓެވެ. އެކަމަކު މިކަން ޔަގީނެއް ނުކުރެވެއެވެ. މީގެ އިތުރުން އެމެރިކާގެ ކުރީގެ ތިން ރައީސެއްގެ ގައިކޮޅުގައި ވެސް ޓެޓޫ ޖެއްސެވި ކަމަށް ތާރީހު ހެކިދެއެވެ.

ކެނެޑާގެ އާ ބޮޑުވަޒީރުގެ ޓެޓޫ ހާއްސަވާ އެހެން ކަމެއް ވެސް އެބަ އޮތެވެ. ޓްރުޑޭ އެމަނިކުފާނުގެ ޓެޓޫ ފޮރުވާކަށް އެއްވެސް މަސައްކަތެއް ނުކުރައްވައެވެ. ޓްރުޑޭގެ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ ޓެޓޫގެ ވާހަކައާއި ކުރިން އިސްތަށިގަނޑު ދިގު ކުރެއްވި ވާހަކް ދައްކައި ފާޑު ކީ ނަމަވެސް، ޓްރުޑޭގެ "ތާޒާ ވައްޓަފާޅި" ކަމުދާ މީހުންގެ އަޑު މާގަދަކަމަށް ފާހަގަ ކުރެވެއެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ ޓްރުޑޭގެ ޓެޓޫއިން ދޭހަވަނީ އެމަނިކުފާނު މި ފަދަ ވަޒާއަކަށް ތައްޔާރު ނޫންކަން ކަމަށެވެ. އެއްކޮޅު ފަރާތްތަކުން ބުނަނީ މީގެން ދޭހަވަނީ ޓްރުޑޭ އަކީ ޒުވާނުންނާއި ގުޅޭ، އާ ހިޔާލުތަކަކާއެކު ގައުމު ކުރިއަރުވާނެ ފަރާތެއްކަން ކަމަށެވެ.