ދައްކާލާ ކޮންމެ ވާހަކައަކަށް ދިވެހިން ދެން ނުހެއްލޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޕީޕީއެމްގެ ނާއިބް ރައީސް ޣައްސާން މައުމޫން ރައްދު ދެއްވައިފި އެވެ.
ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެ ވާހަކަ ތަކުރާރުކޮށް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ.
ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮތް ރިޔާސީ ނިޒާމަކީ ރައްޔިތުން އެގޮތަށް ނިންމުމުން ގާނޫނު އަސާސީގައި އެކަށައެޅި ނިޒާމެއް ކަމަށެވެ. އެ ނިޒާމު ބަދަލު ކުރުމުގެ ބާރު އޮތީވެސް ރައްޔިތުންގެ އަތުގައި ކަމަށް ޣައްސާން ވިދާޅުވިއެވެ.
"ދައްކާލި ކޮންމެ ވާހަކައަކަށް ދިވެހިން ދެނެއް ނުހެއްލޭނެ. ދެ ރިސޯޓާއި ހަތް ލެޕްޓޮޕުން ގައުމު ހިންގި ދުވަސް މާޒީ ވެއްޖެ،" ނަޝީދު ކުރިން ވިދާޅުވި ވިދާޅުވުމަކަށް އިޝާރާތް ކުރައްވާ ޣައްސާން ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކުރަން އޮތް "ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު" ކަމަށެވެ. އަދި ރާއްޖޭގައި ގިނަ ދުވަހު ވެރިކަން ކޮށްފައިވަނީ ވެސް ބަރުލަމާނީ ނިޒާމަށެވެ. ރިޔާސީ ނިޒާމު މޮޅުވެގެން އެ ވާހަކަ ދައްކަން ފެށީ މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކަމަށްވެސް ނަޝީދު ވިދާޅު ވިއެވެ.
"އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ ދިވެހިރާއްޖެއަށް އަދި ކޮންމެ ގައުމަކަށްވިޔަސް ވެރިކަން ކުރަން އެންމެ ރަނގަޅު، އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމެއް. އަޅުގަނޑު މިހެން ދަންނަވާއިރު އަޅުގަނޑު މިއީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ހުރި މީހެއް، އަދި އެކަމު ބޮޑުވަޒީރުކަން ކޮށްފައި ހުރި މީހެއް ނޫން. ދިވެހިރާއްޖޭގައި ގިނައިން ވެރިކަން ކޮށްފައި އޮތީ ބަރުލަމާނީ ނިޒާމަކަށް. މިފަހުން އައި ވިއްސަކަށް އަހަރު ރިޔާސީ ކަންތައްގަނޑެއް ޖެހިގެން މި އުޅެނީ. އެއީ ވަރަށް ފަހުން އައި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއްގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމު ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. ދިވެހިން މިހާރު ބަލައިގެންފައިވާ ގާނޫނު އަސާސީ ބިނާ ވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފަތައް ހިމެނިގެން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.