(އެޕިސޯޑް 3)
މިފްޒާލްގެ ތުންފަތުން ދުވެލީ ވިހަ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ޒަހަރުގެ ތޫނު އަސަރު ތަކެވެ. ލިއުޝާގެ ހިތަށް ލިބިގެން ދިޔަ ހަމަނުޖެހުމާއި އެކު ވެސް، ލިއުޝާ ކެތްތެރިކަން ޚިޔާރު ކުރިއެވެ. އެ އެންމެންގެ ތެރޭގައި ލިއުޝާގެ ގާތަށް އައި ރުޅީގެ އަސަރުތައް ބޭރުކޮށް، ވަޒީފާއަށް އައި ފުރަތަމަ ދުވަހުގެ އުފާވެެރިކަން މުޅިން ނަގައިލަން ލިއުޝާ ބޭނުން ނުވީއެވެ.
ވައްކަޅިން މިފްޒާލަށް ލިއުޝާ ބަލައިލަމުން، ކޮޅަށް ތެދުވިއެވެ.
"އެބަ އަންނަން ފާޚާނާއަށް ގޮސްފަ،" ލިއުޝާ ގޮނޑިން ތެދުވީ މިފްޒާލްގެ މޫނު ނުފެންނަ ހިސާބަކަށް ދިޔުމަށެވެ. އެތަނުގައި އެންމެ ސިކުންތުކޮޅަކަށް ވެސް އިންނަން ލިއުޝާގެ ހިތާއި ނަފްސު ބޭނުން ނުވުމުންނެވެ. ތުންފަތުގެ އެއް މިޔަކަނުން ހީނލަމުން، މިފްޒާލް ފަހަަތް ބަލައިލިއެވެ. މިފްޒާލްގެ ލޯމަތިން ލިއުޝާ ގެއްލެންދެން މިފްޒާލް އިނީ ކަޅި ޖަހައި ނުލައި، ލިއުޝާއަށް ބަލާށެވެ. މިފްޒާލްގެ ފަރާތުން ފެންނަމުން ދިޔަ ހަރަކާތްތަކަކީ ޒީނާ މާގަޔާވާ ހަރަކާތްތަކަކަށް ނުވިއެވެ. އެެއްޗެއް ނުބުނެ އިޙްސާސްތައް ފިއްތައިލައިގެން އިންނަން ޒީނާ ނުހަނު ބޭނުން ވިއެވެ. ނަމަވެސް ޒީނާގެ ކެތްތެރިކަން އެންމެ ފަހުން ކޮޅުން ލީއެވެ. މިފްޒާލް ލިއުޝާއަށް ބަލަމުން ދިޔަ ނުބައި ނަޒަރުގެ ސަބަބުންނެވެ.
"ތީ ބޮޑުވަރު! އެއީ ބަލަ މީހެއްގެ އަންބެކޭ. ލަދުން ބޯ ހަލާކު." ޒީނާ ކުއްލިއަކަށް ގޮނޑިން ތެދުވިއެވެ. އަދި ހިތްހަމަ ނުޖެހިގެން ޒީނާ އެތަން ދޫކޮށް ހިނގައިގަތީ ހަރުކޮށް ފިޔަވަޅު ނަގަމުންނެވެ.
***
ހަވީރު 4ޖަހަން ވަނީ ގާތްވެފައެވެ. ޒީނާ އާއި ލިއުޝާ ހުރީ އައިޖިއެމްއެޗްގެ 5ވަނަ ފަންގިފިލާގެ ބެލްކަނީގައި ވާހަކަދައްކާށެވެ.
"ލިއު. މިފްޒާލް ކީއްތަ ކުރީ؟" ޒީނާ ހިފައިލީ ލިއުޝާގެ އަތުގައެވެ.
"މޭޒު ދަށުން އަހަރެންގެ ފައިގަ.. އޭނާގެ ފައިން ޖެއްސީ." ލިއުޝާ ވަނީ އެކަމާ ވަރަށް ބޮޑަށް ހާސްވެ، ހިތް ނުތަނަވަސް ވެފައެވެ.
"ތީ ވަރަށް ދެރަ ކަމެއް! އަހަރެންނަށް ފެންނަނީ ހައިޝަމް ގާތު ބުނަން." ޒީނާ އޭނާއަށް ފެންނަ ގޮތް ޙިއްޞާ ކުރިއެވެ.
"ނޫން ނޫން! އޭރުން ރަނގަޅެއް ނުވާނެ. އަދި މިއުޅެނީ ރަނގަޅަށް ވަޒީފާ ނުފެށި. ފުރަތަމަ ދުވަހު ވެސް ހައިޝަމް ޑިސަޕޮއިންޓް ކޮށްލީމަ އެވީ ކޯއްޗަކަށް؟" ހައިޝަމްގެ ގާތުގައި މިފްޒާލްގެ ވާހަކަދައްކަން ލިއުޝާ ފަސްޖެހުނެވެ. އެގޮތުގައި އެދެމީހުން ވާހަކަދައްކަން ތިބުމަށްފަހު، ހިނގައިގަތީ ހޮސްޕިޓަލުން ނުކުންނާށެވެ.
***
ލިއުޝާގެ ޑިއުޓީ ނިމުމުން، ހައިޝަމް ލިއުޝާ ގޮވައިގެން ދިޔައީ އެމީހުންގެ ގެއަށެވެ. އެވަގުތު ވެސް ލިއުޝާގެ ހިތުގައި ކުރެހެމުން ދިޔައީ މިފްޒާލާއި އެކު މިއަދު ކަންތައް ދިމާވެގެން ދިޔަ ގޮތެވެ. ހައިޝަމްގެ ގާތުގައި ހުރިހާ ވާހަކައެއް ޙިއްޞާ ކުރަން ބޭނުން ވިޔަސް، އެ ހިތްވަރެއް ލިއުޝާގެ ކިބައިގައެއް ނެތެވެ. ހައިޝަމް ހީކުރާނެ އެއްޗެއް ނޭނގޭތީ ލިއުޝާ ޖެހިލުން ވަނީއެވެ. މިފްޒާލްއާ އެކު އެއްކޮށް ކިޔެވުމަށްފަހު އެއްކޮށް ވަޒީފާއަށް ވެސް ދާން ޖެހިފައި ވުމުން، މިކަންތައް ހައިޝަމަށް އެނގެއްޖެ ނަަމަ ހައިޝަމްގެ ހިތުގައި ބޮޑު ހާސްކަމެއް އުފެދިގެން ދާނެކަން ލިއުޝާއަށް ޔަޤީނެވެ.
***
ގަޑިން ރޭގަނޑު 10 ޖަހައި ބޮޑުވެއްޖެއެވެ. އެނދުމަތީގައި އޮތް މިފްޒާލްގެ ހިތުގައި ވަނީ ލިއުޝާ ހާސިލު ކުރުމުގެ ނުގުޑާ ފަދަ އަޒުމެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް، ލިިއުޝާގެ ލޯބި ކާމިޔާބު ކުރުމަކީ މިފްޒާލްގެ މިހާރުގެ އުއްމީދެވެ. އެނދުމަތީގައި ދެފަރާތަށް ފުރޮޅިލަމުން، މިފްޒާލަށް އާފުރޭ ގޮތްވިއެވެ. ބާލިހުގައި ނިކަން ބާރަށް ބައްދައިގަންނަމުން، މިފްޒާލް އޭނާގެ ދެލޯ މަރައިލިއެވެ. ނިދޭތޯއެވެ. ނަމަވެސް ކުއްލިއަކަށް މިފްޒާލްގެ ދެލޯ ހުޅުވިގެން ދިޔައީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. މިފްޒާލަށް ގުޅަމުން ދިޔައީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ކަމުގައިވާ މިފްރާހެވެ.
"ހަލޯ ދޮންބޭ!" މިފްޒާލް ކަރު ކެހިލަމުން ބުނެލިއެވެ.
"މިފްޒާލް! ކޮއްކޯ. ދޮންބެ މިއުޅެނީ މެރީ ކުރަން.." މިފްރާހު އެެހެން ބުނުމާއި އެކު، މިފްޒާލަށް އުފަލުން އެނދުން ތެދުވެވުނެވެ. އެއީ މިފްޒާލް ވަރަށް ދެކެން ބޭނުންވާ ދުވަހަކަށް ވާތީއެވެ. މިފްރާހުގެ އުމުރުން 35އަހަރު ވީއިރު ވެސް މިފްރާހު ކައިވެންޏެއް ކޮށްފައި ނުވުމުން، އެކަމުގެ ޝަކުވާ އަބަދުވެސް މިފްޒާލް ދިޔައީ ކުރަމުންނެވެ. މިއޮތް ހުރިހާ ދުވަހު މިފްރާހު ދައްކަމުން ދިޔަ އުޒުރަކީ، ލޯބިވާ ކުއްޖަކާ ދިމާ ނުވަނީ ކަމުގައެވެ. މިފްރާހުގެ ހިތް ފަތަހަ ކޮށްލެވޭނެ ޖާދޫގަރަކު އަދި ނުފެންނަ ކަމަށެވެ.
އެހެން ކަމުން މިފްރާހުގެ ހިތުގައި އެފަދަ މަޤާމެއް ދެވުނީ ކާކަށްތޯ ބަލަން މިފްޒާލް އިންތިހާއަށް ބޭނުންވިއެވެ. މިފްރާހުގެ ހިތް މިލްކު ކޮށްލެވުނީ ކިހާ ރީތިކަމެއް، ނުވަތަ ކޮން ގޮތަކަށް ހުރި ކުއްޖެއްތޯ ބެލުމުގެ ޝައުޤު މިފްޒާލްގެ ހިތުގައި ހުރި ވަރުން އޭނާގެ ހިތުގެ ހިނގުން ވެސް އަވަސް ވިއެވެ. މިފްޒާލްގެ ތުންފަތުން ނުފިލައި ހުރީ ފުޅާ ހިނިތުންވުމެކެވެ.
"ދޮންބޭ! ކާކުތަ އެއީ؟ ބުނެބަލަ! ފޮޓޯއެއް އެބަ އިންތަ؟" އަވަސް އަވަސްކޮށް މިފްޒާލް އަހައިލިއެވެ.
"މާދަމާ ކޮއްކޮއާ ދިމާކުރުވާނަމޭ. އޯކޭއެއްނު؟" މިފްރާހު ލުއިކޮށް ހީނލަމުން ބުނެލިއެވެ.
"ވަރަށް ރީތި ވާނެ. ދޮންބެއަށް ވުރެ މާ ޅަ ކުއްޖެއް. އަދި އޭނައަށް 23އަހަރު. އެކަމު ދޮންބެ ދެކެ ވަރަށް ލޯބިވޭ. ހައުލާ ކިޔާނީ." މިފްރާހު އިތުރަށް އޭނާގެ ލޯބިވެރިޔާއަށް ތަޢުރީފުކޮށްލީ، ލޯބިވެރިޔާގެ ކުރު ތަޢާރަފަކާއި ވެސް އެކުގައެވެ. ނަމަވެސް އެ ތަޢާރަފުން އެނދުގައި އޮތް މިފްޒާލްގެ މުޅި ހަށިގަނޑަށް އެރީ ބޮޑު ލޮޅުންގަނޑެކެވެ. މިފްރާހު އެބުނި ނަމަކީ މިފްޒާލަށް އައު ނަމެއް ނޫނެވެ. ހައުލާގެ އުމުރު ކަމަށް މިފްރާހު އެބުނީ، މިފްޒާލް ވެސް ދަންނަ ހައުލާގެ އުމުރެވެ. މިފްޒާލްގެ ހިތް ބާރު ބާރަށް ތެޅެން ފަށައިފިއެވެ. ވާން މިއުޅޭ ގޮތް ނޭނގުމުން، މިފްޒާލް ޖެހިލުންވިއެވެ. އެއީ މިފްޒާލް ދަންނަ ހައުލާއަށް ވާކަށް އެއްވެސް ހާލެއްގައި އޭނާ ނޭދޭތީއެވެ. އެ ޚިޔާލުތަކުގައި އޮއްވައި، މިފްޒާލަށް ނިދެއްޖެއެވެ.
***
ހެނދުނު އިރު އެރިގޮތަށް، ހައުލާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ވަނީ ފާޚާނާއަށެެވެ. މިއީ ހައުލާގެ އާދައެވެ. ދޭތެރެ ދޭތެެރެއިން މޭނުބައިކޮށް ހޮޑު ލެވޭ ގޮތް ހައުލާއަށް ދިޔައީ ވަމުންނެވެ. އުމުރުން 23 އަހަރު ވީއިރު، ހައުލާއަށް އޭނާގެ ބައްޕައަކީ ކޮބައިކަން ވެސް ނޭނގެއެވެ. ފ.ނިލަންދޫ ރައްޔިތުންގެ މަލާމާތަށް ކެތްނުވެގެން ހައުލާ މާލެ ބަދަލުވީ އޭނާގެ އުމުރުން އެންމެ 15 އަހަރުގައެވެ. އެއިރުން ސުރެ، އެކި ގޭތަކުގައި ނޯކަރީ ކޮށްދީގެން ލިބޭ ލާރިން މާލޭގައި ހައުލާ ދިރިއުޅެމުން ދިޔައެވެ.
ނިލަންދޫ ރައްޔިތުން ބުނާ ގޮތުން ނަަމަ، ހައުލާ އަކީ ބައްޕަ ނެތް ކުއްޖެކެވެ. ހައުލާގެ އުމުރުން 7 އަހަރުގައި އޭނާގެ މަންމަ ތަމްސީހާ އަމިއްލައަށް ދަން ޖެހިގެން މަރުވީ، ބަނޑަށް 8 މަހުގައެވެ. ހައުލާއަށް ފަހު، ތަމްސީހާއަށް ވަނީ އިތުރު ފިރިހެން ކުއްޖެއް ވެސް ލިބިފައެވެ. ނަމަވެސް އެކުއްޖާއަށް ވީގޮތް އަދި އަދަށް ދާން ވެސް ހައުލާއަކަށް ނޭނގެއެވެ. ރަށުގެ މީހުންގެ ތުންތުންމަތިން އިވޭ ގޮތުން ނަމަ ތަމްސީހާ އެކުއްޖާ މަރައިލީއެވެ. އަނެެއް ބަޔަކު ބުނަމުން ދިޔައީ އެކުއްޖާ ބަޔަކަށް ތަމްސީހާ ދިނީ ކަމުގައެވެ. އެ މައްސަލަ ފުލުހަށް ހުށައެޅިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އިވުނީ ތަމްސީހާ އަމިއްލައަށް މަރުވި ޚަބަރެވެ. އެވެސް ތަމްސީހާ އިތުރު ދަރިއަކަށް ރަށްމެދަށް ބަލިވެ އިންދައެވެ.
***
ނިދާ ހޭލައިގެން ވަރަށް އަވަސްކޮށް ނަލަވެގެން ލިއުޝާ ޑިއުޓީއަށް ދިޔައެވެ. ލިއުޝާ ޑިއުޓީއަށް ލުމަށްފަހު، ހައިޝަމް ވެސް ދިޔައީ އޭނާގެ އޮފީހަށެވެ.
ޑޮކްޓަރު ބަލާ ކޮޓަރީގައި ލިއުޝާ އިނީ އެކަނި މާއެކަންޏެވެ. ލިއުޝާއަށް ދޭތެރެ ދޭތެރެއިން ވަށައިގެން ބަލައިލެވެއެވެ. އެހެން އިންދާ ކުއްލިއަކަށް، ލިއުޝާއަށް ބަލައިލެވުނީ ލިއުޝާ އިން ކޮޓަރީގެ ދޮރާއި ދިމާލަށެވެ. ދޮރު ހުޅުވުނު އަޑަށެވެ.
ދޮރުން އެތެރެއަށް ވަތް ޒުވާން ފިރިހެން ކުއްޖާއަށް ލިއުޝާގެ ކަޅި އަމާޒުވެގެން ދިޔައެވެ. އެއީ ހިކިކޮށް ދިގުކޮށް ހުރި ޒުވާނެކެވެ. ގޮޅި ޖެހި ގަމީސް ލައިގެން ހުރި އިރު، އެޒުވާނާ ތިރިއަށް ލައިގެން ހުރީ ފައިކުރިއަށް ބާރުކޮށްފައިވާ ޖިންސެކެވެ. ބޯ ތުނިކޮށް ކޮށާފައި، ހަމުގެ ކުލަ ކޮންމެ ވެސް ވަރަކަށް ކަޅު، މިޒުވާނާ މަޑުމަޑުން ހިނގާފައި އައިސް އިށީންނީ ލިއުޝާގެ ކުރިމަތީގައި އިން ގޮނޑީގައެވެ.
"ޑޮކްޓަރު." އެޒުވާނާގެ އަޑު ބަރު ނޫނަސް، ވަރަށް ފިރިހެންވަންތައެވެ.
"ޔެސް! ކިހިނެއްތޯވީ؟" ލިއުޝާގެ ކަޅި އަމާޒުކޮށްލީ އެޒުވާން ފިރިހެން ކުއްޖާއަށެވެ.
"އަޅުގަނޑަކީ ޒަޔާން. އުމުރުން 19 އަހަރު." އެޒުވާނާގެ ނަމާއި އުމުރު ބުނެލަމުން، އޭނާ ފުން ނޭވާއެއް ލިއެވެ.
"ޔެސް ޒަޔާން. ކިހިނެއްވީ؟" ލިއުޝާގެ ބެލުމުގައި ވަނީ ސީރިއަސް ކަމެވެ.
"ޑިޕްރެޝަން." ޒަޔާނަށް ބުނެވުނީ އެވަރަށެވެ. ހަމަ އެއާއި އެކު، ޒަޔާންގެ ދެލޮލުގެ އެސްފިޔަތަކުގެ ތެރެއިން ކަރުނައިގެން ބާނިތައް ކެކެން ފެށިއެވެ. ލިއުޝާގެ ދެލޯ ބޮޑުކޮށްގެން ވަގުތުކޮޅަކު ޒަޔާނަށް ބަލަން އިނދެވުނެވެ.
"ޒަޔާން؟" ލިއުޝާ މަޑުމަޑުން ބުނެލިއެވެ.
"އަހަރެން ދުވަހަކުވެސް ޑޮކްޓަރަކަށް ނުދައްކަން. މީހުން ބުނަނީ އަހަރެންމީ މޮޔައެކޭ. އަހަރެންނަށް ހުންނަނީ މޮޔަ ބަލި ޖެހިފައޭ." ޒަޔާންގެ ކޯތާފަތް މަތިން ކަރުނަތައް ދުއްވައިގަތެވެ.
"އެކަމު އަހަރެންނަށް އެނގޭ! އަހަރެން މީ މޮޔައެއް ނޫން. އަހަރެންނަށް ތަދުވީމަ އެނގޭ. ހިތަށް އަސަރު ކުރޭ! ވާނުވާ ބައެއް ފަހަރު އެނގޭ. އަނެއް ބައިފަހަރު ނޭނގެނީ މޮޔަވެގެނެއް ނޫން. ސިކުނޑި އެކަމަށް ޖާގަ ނުދޭތީ." ޒަޔާން ރޮމުން ކިޔައިދެމުން ދިޔަ ވާހަކަތަކުން ލިއުޝާގެ ހިތަށް އަސަރު ކުރުވަމުން ދިޔައެވެ.
"ޒަޔާން! ކޮބާ ޒަޔާންގެ ޢާއިލާ؟" ލިއުޝާގެ ހިތުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ޒަޔާނަށް ޚާއްޞަ ނަޒަރަކުން ބެލެން ފެށުނެވެ. އެހާ ޒުވާންއިރު، އުފުލަމުންދާ ކަންކަން އެނގުމުންނެވެ.
"ނޭނގެ! އަހަރެންގެ ނުހުރޭ މަންމައެއް. ބައްޕައެއް ވެސް. އެކަމު.." ޒަޔާން އިސްދަށަށް ޖަހައިލިއެވެ. ލިއުޝާ ދިޔައީ ޒަޔާންގެ ވާހަކަތައް ކަނުލައި އަޑު އަހަމުންނެވެ.
"އެކަމު.. އަހަރެންގެ ދަރިފުޅު ބައެއް ގަޑި ތަކުގަ ގޭގަ އުޅޭނެ. އޭނަ އުޅޭނީ ވަަރަށް އެކަނިވެރިކޮށް." ޒަޔާން އެެހެން ބުނިއިރު އޭނާގެ އަޑު ހީވީ ހިމުންވިހެންނެވެ. ޒަޔާންގެ ދަރިއަކު ހުންނަ ވާހަކަ ބުނުމުން ލިއުޝާ ހައިރާންވިއެވެ. ހައިރާން ކަމުން ފުރިފައިވާ ނަޒަރަކުން ލިއުޝާ ބަލަން އިނީ ޒަޔާނަށެވެ.
"ކޮބާ އެކުއްޖާގެ މަންމަ؟" ލިއުޝާ އުނދަގުލުން އަހައިލިއެވެ.
"ނުހުރޭ! އެއީ އަހަރެން ގޮތަށް މަންމަ ނެތް ކުއްޖެއް." ޒަޔާން ދައްކަމުންދާ ވާހަކަތަކުން ލިއުޝާ އިތުރަށްވީ ހައިރާނެވެ.
"ބޭނުންތަ އަހަރެންގެ ދަރިފުޅު ދެކިލަން ދާން؟" ޒަޔާން އިސް އުފުލައި ބަލައިލީ ލިއުޝާގެ ދެލޮލަށެވެ. ލިއުޝާ އާނއެކޭ ބުނާފަދަ ގޮތަކަށް ބޯޖަހައިލިއެވެ.
***
އޮކްސިޖަން ކެފޭގައި ހައިޝަމް އިނީ އޭނާގެ އޮފީސް ބަޔަކާއި އެކު ކޮފީއެއްގައެވެ. އެކި ވާހަކަތައް ދައްކަމުން މަޖާ އަނގަތައް ތަޅަމުން އެމީހުން ގެންދިޔައެވެ. މަސައްކަތުން ކުޑަ ބްރޭކެއް ނަގައިގެން މިފްޒާލާއި ޝިޔާދު ގޮސް ވަނީ އޮކްސިޖަން ކެފޭއަށެވެ. ކޮފީީއަކުން ކަރު ތެތްމާލުމުގެ ބޭނުމުގައެވެ. ކެފޭއަށް ވަނުމާއި އެކު، މިފްޒާލްގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ހައިޝަމެވެ. އެވަގުތު ވެސް އެ ދެމީހުން ދައްކަމުން ދިޔައީ ލިއުޝާ ބްރޭކް ނަގައިގެން ޕޭޝަންޓަކާ އެކީ ބޭރަށް ދިޔަ ވާހަކައެވެ.
މިފްޒާލް ގޮސް އިށީންނީ ހައިޝަމްމެން ތިބި މޭޒާއި ޖެހިގެން ފަހަތަށް އިން މޭޒުގައެވެ. ޝިޔާދު ވެސް މިފްޒާލްގެ ފަހަތުން އައެވެ.
"މީ ސަޅި ފުރުޞަތެއް!" މިފްޒާލް ހިނިގަނޑެއް ޖަހައިލިއެވެ. ޝިޔާދު ޖެހިލުންވިއެވެ.
"ބްރޯ.. މީ އަހަރެންގެ ކުރީގެ ބިޓު. ލިއުޝާ. ޑރ.ލިއުޝާ. އަހަރެން މީނަ ވައިވީމަ ދޫކޮށްލީމަ އެބައުޅޭ އެހެން މީހަކާ މެރީ ކޮށްގެން.." ޝިޔާދުގެ މޫނަށް ބަލަމުން، މިފްޒާލް އެހެން ބުނެލީ އެބަސްތައް ހައިޝަމްގެ ކަންފަތުގެ ހިނދުރިތެރެއަށް ވެއްދުމަށެވެ. ޝިޔާދު ހުރީ މިފްޒާލްގެ އަމަލުތައް ހުއްޓުވަންވީ ގޮތްވެސް ނޭނގިފައެވެ. މިފްޒާލް ދެއްކި ވާހަކަތައް ހައިޝަމް އާއި އޭނާގެ އެކުވެރިންނަށް ހަމަ ރަނގަޅަށް ވެސް އިވުނެވެ.
"މިހާރު ވެސް ވީ ހޮސްޕިޓަލަށް އައި ކޮންމެވެސް ފިރިހެން ގޮލައަކާ އެކު ބޭރަށް ގޮސް. ހެހެ! އުޅޭ ފާޑު ދޯ؟" މިފްޒާލްގެ ވާހަކަތަކާއި މެދު ނިކަން ގޮތް ހުސްވެފައި ޝިޔާދު އިނީ ބިރުން ވިރިވިރިއެވެ. ހައިޝަމްގެ ކެތްތެރިކަން ކޮޅުންލައި، ހައިޝަމް ފަހަތް ބަލައިލަމުން ކޮޅަށް ތެދުވިއެވެ.
މިފްޒާލާއި ޝިޔާދު ފެނުމާއި އެކު، ހައިޝަމަށް އެއީ ލިއުޝާއާ އެކު ކިޔެވި ދެމީހުންކަން އެނގުނެވެ. އެއީ ވަހީދު އެކްސިޑެންޓުވީ ރޭގައި ހޮސްޕިޓަލުން އެދެމީހުން ވެސް ހައިޝަމަށް ފެނިފައިވާ ތީއެވެ.
"ކޮން ލިއުޝާ އެއް؟ އަހަރެންނަށް އެނގޭ ތީ ކޮން ބައެއްކަން؟" ހައިޝަމް ހުރީ ފާޑަކަށެވެ. ރުޅި އާއި ހިތްހަމަ ނުޖެހުން ވެސް ހައިޝަމްގެ ކިބައިން ފެންނަމުން ދިޔައެވެ. ހައިޝަމްގެ ރައްޓެހިން ކަޅި ޖަހައި ނުލައި ބަލަން އިނީ ހައިޝަމް އާއި އަނެއް މޭޒުގަ ތިބި ދެމީހުންނަށެވެ.
"ސޮރީ ބްރޯ! އަހަރެންނަށް ނޭނގެ ކައެ ހުރި ކަމެއް. އަހަރެންމީ ލިއުގެ ކުރީގެ އެކްސް. ލިއުއަށް ލިބުނު އޭޑީކޭ އިން ވެސް ޗާންސް. އެކަމު، ލިއު ބޭނުންވީ އަހަރެން އައިޖިއެމްއެޗްގަ އުޅޭތީ އެތަނުގަ ހުންނަން. އެކަމު މިހާރު ލިއު ވީ ބްރޭކެއް ނަގައިގެން ފިރިހެން ޕޭޝަންޓަކާ އެކު ބޭރަށް ގޮސް." މިފްޒާލް ދެއްކި ވާހަކަތަކުން، ހައިޝަމްގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް ހައިޝަމް އެވަގުތުގައި ވެސް ބޭނުންވީ އަމިއްލަ އަންހެނުން އެ އެންމެންގެ ތެރޭގައި ދިފާޢު ކުރާށެވެ.
"ކަލޭ ތިހަދަނީ ދޮގަކަށް ވެސް ވެދާނެ! އަހަރެންގެ ލިއުއެއް ނޫޅޭނެ އެފާޑަކަށް." ހައިޝަމް އަޑު ހަރުކޮށް އެހެން ބުނެލީ، ހިތަށް ވަރަށް އަސަރުކޮށްގެން ހުރެއެވެ.
"އެހެންވިއްޔާ ގޮސް ތި ހެޔޮ އަންހެނުން ގާތު އަހާ ބަލަ!" މިފްޒާލް ވެސް އަޑު ބާރުކޮށްލިއެވެ. ޝިޔާދު ވަނީ މިފްޒާލް ކަންތައް ކުރި ގޮތުން ކޮޅުނެތް ކޮޅަށް މިފްޒާލް ދެކެ ހިތްހަމަ ނުޖެހިފައެވެ. ހައިޝަމް ވަގުތުކޮޅަކު ހިމޭން ވުމަށްފަހު، ހަރުކޮށް ފިޔަވަޅު ނަގަމުން ހިނގައިގަތީ ކެފޭ އިން ނުކުންނާށެވެ. (ނުނިމޭ)