އެފްއޭއެމުގެ އިންތިހާބު ނުބާއްވަން އެޓާނީ ޖެނެރަލް އޮފީހުން ލަފާދީފި އެވެ.
އޭޖީ އޮފީހުން ބުނެފައިވަނީ އެފްއޭއެމުގެ އާ އަސާސީ ގަވާއިދަކީ ހޯމް މިނިސްޓްރީން ފާސްކޮަށްފައިވާ އެއްޗަކަށްނުވާތީ އެ ގަވާއިދިގެ ދަށުން އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.
އޭޖީ މި ގޮތަށް ލަފާދެއްވީ ސަރުކާރާއި އެފްއޭއެމަށް އެއްބަސްވުމަށް ނާދެވުމުން މިރޭ ބާއްވަން ހަމަޖެހިފައިވާ އެފްއޭއެމުގެ އިންތިހާބު ބޭއްވުމާމެދު އެޓާނީ ޖެނެރަލްގެ ލަފަޔަކަށް ދެ ފަރާތުންވެސް އެދުމުންނެވެ.
އެފްއޭއެމުގެ އިންތިހާބާ ބެހޭ ގޮތުން ޔޫތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން ބުނަނީ އިންތިހާބު ބާއްވައިގެންނުވާނެ ކަމަށެވެ. އެއީ އެފްއޭއެމުގެ އަސާސީ ގަވާއިދު ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިނުވާތީ އެވެ. ނަމަވެސް އެފްއޭއެމުން ބުނަނީ ހޯމް މިނިސްޓްރީގެ ބޭފުޅުން ތިއްބަވައިގެން އިސްލާހުކުރި ގަވާއިދު ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ރަޖިސްޓްރީކުރަން ފޮނުވި ކަމަށެވެ. އަދި ހޯމް މިނިސްޓްރީން ބޭނުންވުމުން މިދިޔަ ހޯމަ ދުވަހު އަސާސީ ގަވާއިދުގެ ދިވެހި ކޮޕީ ވެސް ހުށަހެޅި ކަމަށެވެ.
މި މައްސަލަ މިހެން އޮތްއިރު މިރޭ އިންތިހާބު ނުބޭއްވިއްޖެނަމަ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ރާއްޖެ ސަސްޕެންޑްކުރާނެ އެވެ. އެއީ މި މަހުގެ 30ގެ ކުރިން އިންތިހާބު ބާއްވަން ފަހު ފުރުސަތު ދީފައިވާއިރު، އެ އިންތިހާބަށް ފީފާ އާއި އޭއެފްސީގެ އޮފިޝަލުން ވެސް މިހާރު ރާއްޖެ ވަޑައިގެންފައިވާތީ އެވެ. ފިފާއިން ބުނަނީ އެފްއޭއެމް ހިންގަންވާނީ ސަރުކާރުގެ އެއްވެސް ނުފޫޒެއްނެތި ކަމަށެވެ. އަދި ސަރުކާރުން ނުފޫޒު ފޯރުވާނަމަ ރާއްޖެ ސަސްޕެންޑްކުރާނެ ކަމަށެވެ.
އެފްއޭއެމުގެ އިންތިހާބަށް ކުރިމަތިލައްވާފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އެކަންޏެވެ.
އެފްއޭއެމުގެ އިންތިހާބު މިރޭ ނުބޭއްވިއްޖެނަމަ ރާއްޖެއާ މެދު ފީފާއިން ފިޔަވަޅު އަޅާނެ ކަމަށާއި އެކަން މެދުވެރިވެއްޖެނަމަ އެކަމުގެ ޒިންމާ ނަގްނަޖެހޭނީ ހޯމް މިނިސްޓްރީން ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.