ލައިފްސްޓައިލް

ތުއްތު ކުއްޖެއްގެ ގުނަވަންތަކުން ފަސް ފުރާނަ ސަލާމަތްވެއްޖެ

އެކްސިޑެންޓެއްގެ ސަބަބުން ސިކުނޑި މަރުވި ތުއްތު ކުއްޖެއްގެ ގުނަވަންތައް އެ ކުއްޖާގެ ބެލެނިވެރިން އިންސާނިއްޔަތަށް ހަދިޔާ ކުރުމުގެ ސަބަބުން ފަސް ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރެވިއްޖެ އެވެ. މި ފަސް ކުދިންގެ ތެރޭގައި ރަޝިޔާ އާއި ޔުކްރެން ކުއްޖެއް ވެސް ހިމެނެ އެވެ.

ޖާޝް ސަންޖީވް އޯޒާ ނަމަކަށް ކިޔާ މި ކުއްޖާގެ ސިކުނޑި މަރުވީ އަވަށްޓެރިއެއްގެ ގޭގައި ކުޅެން އުޅެނިކޮށް ދެ ވަނަ ބުރިން ބިންމައްޗަށް ވެއްޓި ބޯ ޖެހި ސިކުނޑިއަށް ލޭ އެޅިގެންނެވެ. މި ކުއްޖާ މަރުވީ ހޮސްޕިޓަލުގައި އޮންނަތާ ދެ ތިން ދުވަސް ފަހުންނެވެ.

މި ކުއްޖާގެ ގުނަވަންތައް ހަދިޔާކުރަން މައިންބަފައިންނަށް ހިތްވަރުދިނީ އެންޖީއޯއެއްގެ މެމްބަރުން ތަކެކެވެ. ދަރިފުޅުގެ ސަބަބުން އެހެން އެތައް ކުދިންނެއްގެ ފުރާނަ ސަލާމަތް ކޮށްދޭން އެހީތެރިވުމަށް އެމީހުން ދެ އަހަރާއި ބައިގެ މި ކުއްޖާގެ މައިންބަފައިންގެ ކިބައިން އެދުނެވެ. އަދި އެންމެ ފަހުން އެ ކުއްޖާގެ ގުނަވަންތައް ހަދިޔާކުރަން އެމީހުން އެއްބަސްވީ އެވެ.

ޖާޝްގެ ހިތް ޓްރާންސްޕްލާންޓް ކުރީ ހަތަރު އަހަރުގެ ރަޝިޔާ ކުއްޖެއްގެ އެވެ. ފުއްޕާމޭ ޓްރާންސްޕްލާންޓް ކުރީ ޔުކްރެއިންގެ ކުޑަ ފިރިހެން ކުއްޖެއްގެ އެވެ. ދެ ކިޑްނީ ޓްރާންސްޕްލާންޓްކުރީ 14 އަހަރާއި 17 އަހަރުގެ ދެ ކުދިންގެ އެވެ. އަދި ލިވާ ޓްރާންސްޕްލާންޓްކުރީ ދެ އަހަރުގެ ފިރިހެން ކުއްޖެއްގެ އެވެ.

އަދި އޭނާގެ ލޮލުގެ ބައެއް ވެސް ލޮލުގެ ބައިތައް ޓްރާންސްޕްލާންޓްކުރާ ބަޔަކާ ވަނީ ހަވާލު ކޮށްފަ އެވެ.