ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ކޮވިޑް ފްރޮންޓްލައިނުގައި އުޅުނު ބޮލީވުޑް ސުޕަހީރޯ އިން

އަހަރެމެންނަށް މި އެކްޓަރުން މީގެ ކުރިން ފެންނަނީ ސިނަމާތަކުގައި ނުބައިބައި މީހުންނާ ކުރިމަތިލާ ތަޅާފޮޅާ ހަދާ ތަނެވެ. ބަލަން ތިބޭ މީހުންގެ ހިތްތައް އުފަލުން ފޮޅޭ ކަހަލަ މޮޅު ޑައިލޯގްތައް ކިޔަމުންނެވެ. ނަމަވެސް މީގެ ތެރެއިން ބައެއް އެކްޓަރުން ވަނީ އެމީހުންނަކީ ހަމައެކަނި ސްކްރީންތަކުގައި ނުބައިބައި މީހުންނާ ކުރިމަތިލާ ބައެއް ނޫން ކަން ސާބިތު ކޮށްދީފަ އެވެ.

މިއަހަރު ފެށުމާއެކު ދުނިޔޭގެ އެންމެންނަށް ކުރިމަތިލާން ޖެހުނު ވަރުގަދަ ދުޝްމަން ކޮރޯނާވައިރަހާ ދެކޮޅު ހަނގުރާމައިގައި ވެސް ބައެއް އެކްޓަރުން ވަނީ އެމީހުންނަކީ ހަގީގަތުގައި ވެސް ހަމަ ހީރޯ ކަން ސާބިތު ކޮށްދީފަ އެވެ.

ކޮވިޑްގެ ސަބަބުން އިންޑިޔާ ލޮކްޑައުންކުރުމުގެ ސަބަބުން ބަނޑުހައިހޫނުކަމާއި ކެކުޅުން ތަހައްމަލު ކުރަން ޖެހުނު އެތައް ލައްކަ ބަޔަކަށް މި އެކްޓަރުން ވަނީ ބުރަ އަދި ނަމޫނާ މަސައްކަތްތަކެއް ކޮށްދީފަ އެވެ.

ކޮވިޑާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެންމެ ކުރީ ސަފުގައި އެންމެ ގިނަ ބަޔަކަށް އެންމެ ގިނަ އެހީތެރިކަން ފޯރުކޮށްދިން އެކަކީ ސޯނޫ ސޫދެވެ. ކޮވިޑްގެ ސުޕަހީރޯ އަކީ ހަގީގަތުގައި އޭނާކަން ސޯނޫ ދެއްކީ އަމަލުންނެވެ. އެއްވެސް އަމިއްލަ އެދުމެއްނެތި ރެޔާ ދުވާލު އޭނާ ކޮށްދިން އަދި މިހާރުވެސް ކޮށްދެމުންދާ ޚިދުމަތަކީ އޭނާއަށް ވުރެ މާ މަޝްހޫރު އަދި މާ ފައިސާވެރި މީހުންނަށް މިސާލަކަށް ފުދެ އެވެ. މުމްބައި ކަހަލަ އާބާދީ ގިނަ ރަށެއްގައި ތޮއްޖެހިގެން އުޅުނު އެތައް ބަޔެއްގެ އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ އަމިއްލަ ރަށަށް ދެވޭނެ ގޮތެއް ނެތި މަގުމަތިވެ ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުން ދިޔައިރު އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސޯނޫ ވަނީ ތައުރީފު ހައްގު މަސައްކަތްތަކެއް ކޮށްފަ އެވެ.

އިންޑިޔާގެ އެކި ކަންކޮޅުތަކުގައިވާ އެމީހުންގެ އަމިއްލަ ގޭގެއަށް މީހުންނަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި އެތައް ބަޔަކު މަތިންދާބޯޓުގައި އަމިއްލަ ވަޒަނަށް ގެނެސްދިނުމުގައި ވެސް ސޯނޫ ގިނަ މަސައްކަތްތަކެއް ކޮށްދީފައި ވެއެވެ.

ސިއްހީ ޚިދުމަތްތެރިންނަށް އެތައް ހާސް މާސްކް އާއި ފޭސް ޝީލްޑް ހަދިޔާކުރުމުގެ އިތުރުން މުމްބައިގެ ބޮޑެތި ހޮޓާތައް މުޅިން ބުކްކޮށް އެމީހުންނަށް އެތަންތަނުގައި ތިބޭނެ އިންތިޒާމްތައް ވެސް ސޯނޫ ހަމަޖައްސައިދީފައި ވެއެވެ. އަދި ކާން ބޯނެ ފަދައެއް ނެތި ބަނޑުހައިހޫނުކަމުގައި ތިބި އެތައް ހާސް ބަޔަކަށް ކެއުން ވެސް ފޯރުކޮށްދިނެވެ.

ސޯނޫ ފިޔަވައި ދެ ވަނަ އަށް އެންމެ އެހީތައް ވެދިން އެކްޓަރަކީ އަކްޝޭ ކުމާރެވެ. ކޮވިޑާ ގުޅީގެން ހާލުގައި ޖެހުނު މީހުންނަށް އަކްޝޭ ވެ ދިން އެހީތަކުގެ ތެރޭގައި ކޮވިޑްގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އިންޑިޔާގެ ބޮޑުވަޒީރު ހުޅުވި ފަންޑަށް އޭނާ ދިން ބޮޑު އެހީ ފާހަގަ ކޮށްލެވެ އެވެ. މި ފަންޑަށް އަކްޝޭ ވަނީ 25 ކްރޯޑު ރުޕީސް ހަދިޔާ ކޮށްފަ އެވެ. އަދި މުމްބައި ޕޮލިސް އަށާއި ސިއްހީ ޚިދުމަތްތެރިންނަށް ބޮޑެތި އަދަދުތަކުން އޭނާ ފައިސާގެ އެހީ ދީފައި ވެއެވެ.

ރިތިކް ރޯޝަން އަކީ ވެސް ކޮވިޑްގައި ހާލުގައި ޖެހުނު މީހުންގެ ސުޕަހީރޯ އެކެވެ. ބޮޑުވަޒީރުގެ ފަންޑަށް ފައިސާގެ އެހީ ވެދިނުމުގެ އިތުރުން ކޮރޯނާވައިރަސް ފްރޮންޓްލައިންގައި މަސައްކަތްކުރާ ޚިދުމަތްތެރިންނަށް ވެސް ތަފާތު އެހީތައް އެނާ ވެދީފައި ވެއެވެ. މީގެ ތެރޭގައި ޕޮލިހާއި މުނިސިޕަލްޓީ މަސައްކަތްތެރިން ހިމެނެ އެވެ. އަދި އެންޖީއޯ އަކާ ގުޅިގެން ދުވާލަކު 1.2 ލައްކަ މީހުންގެ ކެއުން ހަމަޖައްސައިދީފައި ވެއެވެ. ކޮވިޑާ ގުޅިގެން ލޮކްޑައުންކޮށް ފިލްމާއި ޓީވީ ޝޯތަކުގެ ޝޫޓިންގްތައް ހުއްޓާލުމުން ހާލުގައި ޖެހުނު އާޓިސްޓުންގެ ތެރެއިން 4،000 މީހަކަށް ވަރަށް ދީލަތި އެހީތަކެއް ރިތިކް ވެދިނެވެ. އެގޮތުން އެމީހުންނަށް އެހީގެ ގޮތުގައި 25 ލައްކަ ރުޕިސް އޭނާ ވަނީ ދީފަ އެވެ. އަދި ނެށުންތެރިންގެ ގޮތުގައި މަސައްކަތްކުރާ 100 ވަރަކަށް ފަންނާނުންނަށް ވެސް ރިތިކްގެ އެހީ ފޯރުކޮށްދިނެވެ.

ސަލްމާން ޚާނަކީ ވެސް ކޮވިޑްގައި ހާލުގައި ޖެހުނު މީހުންގެ ސުޕަހީރޯ އެކެވެ. ސިނަމާގެ އެކި މަސައްކަތްތަކުގައި އުޅުނު އަދި ކޮންމެ ދުވަހަކު ކުރާ މަސައްކަތުން އެ ދުވަހެއްގެ ފުރާގު ހޯދައިގެން އުޅުނު 25،000 މީހަކަށް ސަލްމާން ފައިސާގެ އެހީ ދީފައި ވެއެވެ. ސްޕޮޓް ބޯއީސް ފަދަ ކުޑަ މުސާރައަކަށް މަސައްކަތްކުރި އެތައް ބަޔެއްގެ ވަޒީފާ ގެއްލުމުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނެވެ.

ބަނޑުހައިހޫނުކަމުގައި ތިބި އެތައް އަވަށެއްގެ އެތައް ބަޔަކަށް ކާބޯ ތަކެތި ފޯރުކޮށްދިނެވެ. އަދި އިތުރު 2،500 އާއިލާއަކަށް ކާއެއްޗިއްސައި އެނޫންވެސް ބޭނުންވާނެ އެހެނިހެން ސާމާނު ފޯރުކޮށްދިނެވެ.ޝާހްރުކް ޚާން، އާމިރު ޚާން، އަޖޭ ދޭވްގަން، ވަރުން ދަވަން، ކާރްތިކް އަރްޔަން އަދި ވިކީ ކައުޝަލް ފަދަ ތަރިން ވެސް ތަފާތު އެހީތައް ވެދިނެވެ.