އެކްޓަރު ރަންބީރު ކަޕޫރު ވަރަށް ބަލިވެ އުޅޭކަމަށް އޭނާގެ ބޮޑުބޭބެ ރަންދީރު ކަޕޫރު ބުނެފި އެވެ. ރަންދީރު ބުނީ އޭނާއަށް ބޮޑުބޭބެ ކިޔާ ރަންބީރު އަށް ދިމާވެގެން އުޅެނީ ކޮން މައްސަލައެއްކަމެއް ނޭނގޭ ކަމަށެވެ. އަދި އެއީ ކޮވިޑް-19 ކަމެއް ވެސް ޔަގީނެއް ނޫން ކަމަށެވެ.
ނަމަވެސް އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ ރަންބީރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިހާރު ގޭގައި ކަރަންޓީނު ވެގެން ހުރި ކަމަށެވެ. ނަމަވެސް އާއިލާގެ މީހުން އެކަން ޔަގީންކޮށްދޭން ދެކޮޅު ހަދަނީ އެވެ.
އިންޑިޔާގެ އޮންލައިން ނޫހަކާ ވާހަކަ ދައްކަމުން ރަންދީރު ބުނީ ރަންބީރު ވަރަށް ބަލިކަން ޔަގީންވާ ކަމަށެވެ. ނަމަވެސް އޭނާ ހުރީ ރަށުގައި ނޫން ކަމަށާއި އެހެންވެ ޖެހިގެން އުޅޭ ބައްޔެއް ޔަގީން ނުވާ ކަމަށެވެ.
މީގެ ކުރިން ރަންބީރުގެ މަންމަ ނީތޫ ސިންގް އަށް ކޮވިޑް ޖެހިގެން ފަރުވާކޮށް ވަނީ ފަސޭހަވެފަ އެވެ. ނީތޫ ބަލިވީ "ޖުގް ޖުގް ޖިޔޯ"ގެ ޝޫޓިންގްގައި އުޅެނިކޮށެވެ. އެ ފިލްމުގެ ބަތަލު ވަރުން ދަވަން އާއި ޑައިރެކްޓަރު ވެސް އެ ފަހަރު ކޯވިޑަށް ޕޮޒިޓިވް ވިއެވެ.
ރަންބީރު ބަލިވިއިރު އެތައް ފިލްމެއްގައި އެއްފަހަރާ ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހަގީގީ ލޯބިވެރިޔާ އާލިއާ ބަޓް އާއެކު "ބްރަހްމަޝްތުރާ"ގެ ޝޫޓިންގްގައި ދާދިފަހުން އޭނާ ބައިވެރިވެފައި ވެއެވެ. އަދި ފެބްރުއަރީ މަހު ވަނީ ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެއްގެ ޝޫޓިންގްގައި ބައިވެރިވެފަ އެވެ. އަދި ވަކި ނަމެއް ހަމަނުޖެހޭ މި ފިލްމުގެ ބަތަލާ އަކީ ޝްރައްދާ ކަޕޫރެވެ.
މި ދެ ފިލްމުގެ އިތުރުން ދެން ރަންބީރު ބައިވެރިވަނީ ސަންދީޕް ރެޑީ ވަންގާގެ "އެނިމަލް" ގައެވެ. މި ފިލްމުގެ ބަތަލާއަކީ ޕަރިނީތީ ޗޯޕްޅާ އެވެ.