ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ވެކްސިން ޖެހުމާއެކު ނަރުހަކު ހޭނެތޭ މަންޒަރުގެ ހަގީގަތަކީ ކޮބާ؟

އެމެރިކާގެ ސިއްހީ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ނަރުހެއްގެ ގަޔަށް ފައިޒާ-ބައޯންޓިކް ކޮވިޑް-19 ވެކްސިން ޖެހުމާއެކު އޭނާ ހޭނެތޭ މަންޒަރު ޓީވީން ލައިވްކޮށް ވަރަށް ގިނަ މީހުން ބަލާފައި ވެއެވެ. އަދި މި މަންޒަރު ބެލި ގިނަ ބަޔަކު ވެކްސިން ޖަހަން ބިރުން އުޅުނެވެ. އަދި ވެކްސިންގެ ރައްކާތެރިކަމާމެދު ގިނަ ބަޔެއްގެ ހިތުގައި އިތުރު ސުވާލު އުފެދުނެވެ.

ނާސް ޓިފަނީ ޑޯވާ ހޭނެތުނީ ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަން އިންދަ އެވެ. ވާހަކަ ދައްކަން އިނދެފައި އޭނާ ދެ އަތުން ބޮލުގައި ހިފަހައްޓާލަ އެވެ. އަދި ބޯ އަނބުރާ ކަމަށް ބުނުމާއެކު އަނބުރައިގަނެގެން ވެއްޓުނީ އެވެ.

އެމެރިކާގެ ޓެނެސީގައި ހުންނަ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ޓިފަނީ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ބުނީ އޭނާ އާއި އޭނާއާއެކު މަސައްކަތްކުރާ ހުރިހާ ސްޓާފުން ވެސް ވެކްސިން ލިބުނީމަ ވަރަށް އުފަލުން ތިބި ކަމަށެވެ. އެމީހުންނަކީ ކޮވިޑް ޔުނިޓްގައި މަސައްކަތްކުރާ ބަޔަކަށް ވާތީ ފުރަތަމަ ވެކްސިން ޖެހުމުގެ ފުރުސަތު އެމީހުންނަށް ލިބިފައިވާކަން ޓިފަނީ ފާހަގަ ކުރި އެވެ.

ޓިފަނީ އަނބުރައިގަނެގެން ވެއްޓޭތަން ފެންނަ ވީޑިއޯ


ޓިފަނީ އަނބުރައިގަންނަނީ ލައިވް ޓީވީގައި މި މޭރުމުން ވާހަކަ ދައްކަމުން ދަނިކޮށެވެ. އޭނާ ވެއްޓެނިކޮށް ކައިރީގައި ތިބި ޑޮކްޓަރުން އޭނާގެ ގައިގައި ހިފަހައްޓައި ބިންމަތީގައި ރީތިކޮށް ބާއްވާތަން ވެސް ޓީވީން ފެނިފައި ވެއެވެ.

ޓިފަނީ އަނބުރައިގަން މަންޒަރަކީ ވެކްސިން އާ މެދު ގިނަ ބަޔެއްގެ ހިތުގައި މިހާރުވެސް ޝައްކުތައް އުފެދިފައިވަނިކޮށް އަދި އިތުރަށް މީހުން ބިރުގަންނަން މަގުފަހިވި ކަމެކެވެ. ނަމަވެސް ޓިފަނީ އަނބުރައިގަތުމުގެ ފަހަތުގައި ވަނީ އެހެން މައްސަލައެއްކަން ފަހުން ވަނީ ޔަގީން ވެފަ އެވެ.

އޭޕީ ނިއުސް އެޖެންސީގެ ރިޕޯޓެއްގައިވާ ބުނެފައިވާ ގޮތުގައި ޓީފަނީ އަނބުރައިގަން ސަބަބު އޭނާ ފަހުން ވަނީ ނޫސްވެރިންނަށް އޮޅުން ފިލުވައިދީފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާއަކީ ތަދު އިހްސާސްވާއިރަށް އަނބުރައިގަންނަ މައްސަލަ ކުރިއްސުރެ ހުންނަ މީހެކެވެ.

"ކުއްލިއަކަށް ވެކްސިން ޖެހީމަ އެވީ ތަދުން އަހަންނަށް ގޮތެއް ވާކަމަށް ހީވި. ދެން ވީގޮތެއް ނޭނގުނު. އެކަމަކު މިހާރު އަހަރެންގެ އަތުގައި ހުރި ތަދުގޮސް މިހާރު މުޅިން ރަނގަޅުވެއްޖެ. މިއީ ވަރަށް އާއްމުކޮށް އަހަންނަށް ދިމާވާ ކަމެއް،" ޓިފަނީ ބުނެފައި ވެއެވެ.

ޓިފަނީ މަސައްކަތްކުރާ ހޮސްޕިޓަލުގެ ޑރ. ޖެސީ ޓަކާ ވިދާޅުވީ ކޮންމެ ވެކްސިން އަކުން ވެސް ބައެއް މީހުންނަށް އެކި ކަހަލަ ރިއެކްޝަންތައް އައުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއީ ވެކްސިން އާ މެދު ޝައްކު އުފައްދަން ޖެހޭ ސަބަބެއް ނޫނެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއަށް ލިބިފައިވާ ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ހުރިހާ ބައްޔަށް ތައްޔާރުކޮށްފައި ހުރި ވެކްސިން އަކުން ވެސް ބައެއް މީހުންނަށް ރިއެކްޝަން އާދެ އެވެ. އަދި ބައެއް ވެކްސިން ޖަހައިގެން މީހުން އަނބުރައިގަނެގެން ވެސް ރިޕޯޓު ކޮށްފައި ވެއެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މިހެން ދިމާވަނީ ވެކްސިން ޖެހީމަ ވާ ތަދުންނެވެ. ނުވަތަ ވެކްސިން ޖެހުމުގެ މަރުހަލާގައި މީހުންނަށް ދިމާވާ އެންގްޒައިޓީގެ ސަބަބުންނެވެ. ނަމަވެސް މި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވުމުން ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ވެކްސިން ޖަހަން ބިރުގަނެފަ އެވެ. އަދި އެއްވެސް ހާލެއްގައި ވެކްސިން ނުޖަހާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނަން ފަށާފަ އެވެ.

ފައިޒާ-ބައޯންޓެކް ވެކްސިން އުފެއްދި ފަރާތުން ބުނެފައިވަނީ މި ވެކްސިންގައި ސީރިއަސް ސައިޑް އިފެކްޓްސް އެއް ނެތް ކަމަށް ކްލިނިކަލް ޓްރަޔަލްސްތަކުން ސާބިތުވެފައިވާ ކަމަށެވެ. ނަމަވެސް ހުން އައުމާއި ގައިގައި ރިއްސުން ފަދަ ބައެއް ކަހަލަ މައްސަލަތައް ދިމާވެދާނެ ކަމަށާއި އެލާޖިކް މައްސަލަތައް ހުންނަ މީހުން ވެކްސިން ނުޖެހުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ޓްރަޔަލް މަރުހަލާތަކުގައި 30،000 އަށް ވުރެ ގިނަ މީހުންނަށް މި ވެކްސިން ދީފައި ވެއެވެ. އަދި މިހާރު އިނގިރޭސި ވިލާތާއި އެމެރިކާ ފަދަ ގައުމުތަކުގައި ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކަށް ވެކްސިން ދެމުން އެބަ ގެންދެ އެވެ. ނަމަވެސް މީގެ ތެރެއިން މާ ބޮޑު ސައިޑް އިފެކްޓްސް އެއް ހުރެގެން ރިޕޯޓުކުރަނީ މަދު މީހެކެވެ.